ރާއްޖޭގައި ކޯވިޑް-19ގެ ނުރައްކާ ބޮޑުވެ މިމަހުގެ ފާއިތުވެދިޔަ ތިން ދުވަހުވެސް ބަލީގައި ތިން މީހަކު ނިޔާވެއްޖެއެވެ.
ރާއްޖޭގައި ކޯވިޑްގެ ނުރައްކާ ބޮޑުވެ ބަލި ޖެހޭ މީހުންގެ އަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިމަހުގެ ފާއިތުވެދިޔަ ތިން ދުވަސް ވެފައިމިވަނީ ބަލީގެ ނުރައްކާބޮޑު ތިން ދުވަހުގެ ގޮތުގައެވެ. ކޯވިޑަށް ފަރުވާދެމުންދިޔަ މީހުންގެ ތެރެއިން ދިވެހި 3 މީހަކު ނިޔާވެފައިވާއިރު، މިވަގުތުވެސް ސީރިއަސް ހާލަތުގައި ބައެއް މީހުންނަށް ދަނީ ފަރުވާދެމުންނެވެ.
ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 93 މީހަކަށް ފަރުވާދެމުންދާއިރު މީގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި، ކުޑަކުދިންނާއި، ހައިރިސްކުގެ ގޮތުގައި ބަލާ ކެޓަގަރީގެ މީހުންވެސް ހިމެނޭ ކަމަށް އެޗްއީއޯސީން ވަނީ ވިދާޅުވެފައެވެ. މިމަހުގެ މިވީ ތިން ދުވަހުގެ ތެރޭގައި 500 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި 50 އަހަރުން މަތީގެ 61 މީހަކުވެސް ހިމެނެއެވެ. އަދި 10 އަހަރުން ދަށުގެ 36 ކުއްޖަކުވެސް ހިމެނެއެވެ.
ރާއްޖޭގައި ފާއިތުވެދިޔަ 10 ދުވަހުގެ އަދަދުތަކަށް ބަލާއިރު ބަލިޖެހޭ މީހުންގެ އަދަދުވަނީ ރެކޯޑްއަދަދަށް އުފުލިގެންގޮސްފައެވެ. ފާއިތުވެދިޔަ 10 ދުވަހުގެ ތެރޭގައި ވަނީ 1118 މީހަކު ބައްޔަށް ޕޮޒިޓިވެފައެވެ. މިއީ ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި 4,293 މީހުންގެ ތިންބައިކޮށްފަ އެއްބައެވެ. ފެންނަން ހުރި މިއަދަދުތަކަކީ ހަގީގަތުގައިވެސް މުޖުތަމައުގައި ބަލީގެ ނުރައްކާ އިންތިހާއަށް އޮތްކަން ހާމަވާ އަދަދުތަކެވެ. ބައްޔާއިމެދު ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ބޯލެނބުމަކީ މިއަދު ފަރުދީ އަދި ޤައުމީ ޒިންމާއަކަށް ހަދަން މިވަނީ ޖެހިފައެވެ.
ކޯވިޑް-19އާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒް ނުކުރެވިއްޖެނަމަ ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި 13،000 ހާހަށްވުރެ ގިނަ މީހުންނަށް ބަލިޖެހޭނެކަމަށް ޕަބްލިކް ހެލްތު އެކްސްޕާޓް ޑރ.ޝީނާ މޫސާ އަންދާޒާ ކުރައްވައެވެ. މި ޢަދަދަކީ ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ކޮންމެ ދުވަހެއްގައި ޕޮޒިޓިވްވާނެކަމަށް އަންދާޒާކުރެއްވި ޢަދަދުތައް އެމަހުގެ ޖުމުލަ ދުވަސްތަކާ އެއްކޮށްލުމުން ނުކުންނަ ހަމަސްދުވަހުގެ ޖުމްލަ ނަތީޖާއެވެ.
ޑރ.ޝީނާ ހާމަކުރެއްވި އަންދާޒާތަކުން ދައްކާގޮތުގައި އެންމެ ގިނަބަޔަކަށް ބަލިޖެހޭނެކަމަށް ލަފާކުރެވެނީ މިމަހުގެ ތެރޭގައެވެ. މިމަހު ދުވާލެއްގެ މައްޗަށް 170 މީހުންނަށް ބަލިޖެހޭނެކަމަށް ދައްކައެވެ. އޯގަސްޓްމަހު އެކަނިވެސް ބަލިޖެހޭ މީހުންގެ ޢަދަދު 2373 އަށް އަރާނެކަމަށް ޑރ.ޝީނާ ވަނީ ލަފާކުރައްވާފައެވެ. އަދި ހޮސްޕިޓަލުގައި ދުވާލަކު 16 މީހުންނަށް ފަރުވާދޭން ޖެހޭނެކަމަށް ލަފާކުރައްވާފައިވާއިރު، މުޅި އޯގަސްޓަމަހު އެކަނިވެސް ހޮސްޕިޓަލުގައި ފަރުވާދޭންޖެހޭ މީހުންގެ ޢަދަދު 475އަށް އަރައެވެ. އަދި އައިސީޔޫގައި ފަރުވާދޭންޖެހޭ މީހުންގެ ޢަދަދު 47 އަށް އަރާނެކަމަށްވެސް ވަނީ ލަފާކުރައްވާފައެވެ.
ޝީނާގެ މިއަންދާޒާތައް ދައްކާ ގޮތުންނާއި މިހާރު ފެންނަމުންދާ އަދަދުތަކަށް ބަލާއިރު މިއަދަދު މިއަށްވުރެވެސް އިތުރުވުމުގެ ބިރު މިވަނީ ބޮޑުވެފައެވެ. ރައްކާތެރިވުމަށްޓަކައި ބޭރުތެރޭގައި ކަމެއް ނެތި ނުނިކުތުމަކީ މިއަދު އަމިއްލަ ޒިންމާއެއްކަމަށް ހަދައި ފަރުވާތެރިވާންޖެހެއެވެ. ވަކި ބަޔަކަށް އިނގިލި ދިއްކޮށްނުލައި ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާކުރުން މުހިންމެވެ.