އެމްޑަބްލިއުއެސްސީން ފެން ވަޔަރ ކުރުމަށް ބޭނުންކުރާ ހޮޅި ބާޒާރަށް ނެރެން ތައްޔާރުވެއްޖެއެވެ.
އެ ކުންފުނުން ބުނީ މާކެޓަށް ނެރެނީ ޕީވީސީ ޕްރެޝަރ ހޮޅިކަމަށެވެ. މި ހޮޅިއަކީ ރާއްޖޭގެ މާކެޓްގައި އެންމެ އާންމު އަދި އެންމެ މަޤްބޫލު ތައިލޭންޑްގެ ސްޓޭންޑަރޑްކަމަށްވާ "ތައި ސްޓޭންޑާރޑް" އަށް ފެތޭގޮތައް ތައްޔާރުކުރާ ފެންވަރު ރަނގަޅު ހޮޅިއެކެވެ.
މި ހޮޅި އެމްޑަބްލިއުއެސްސީން އުފައްދަނީ އެ ކުންފުނިން ގުޅިފަޅުގައި ހިންގާ ހޮޅި ފެކްޓަރީގައެވެ. އިމާރާތްތަކުގެ ފެން ވައިރުކުރުމަށް ބޭނުންކުރާ އެކި ސައިޒުތަކުގެ ހޮޅި ނެރުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން ޕްރެޝަރު ސައިޒު 8.5 އާއި 13.5 ދިގު އަދި ބައި އިންޗިން ފެށިގެން ހަ އިންޗިއާ ދެމެދުގެ ފަލަމިނުގެ ހޮޅި ބާޒާރަށް ނެރޭނެކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.
މި އުފެއްދުން ބާޒާރަށް ނެރުމުން ފެންވަޔަރުކުރުމަށް ބޭނުންކުރާ ހޮޅި ހޯދުމުގައި، ގެދޮރު އިމާރާތްކުރުމުގެ ސިނާއަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށާއި ހާޑްވެއަރ ފިހާރަތަކަށް ލުއިފަސޭހަކަން ލިބިގެންދާނެކަމަށް އެމްޑަބްލިއުއެސްސީއިން ބުނެއެވެ. އަދި ބޭރުން ހޮޅި ގަތުމުގެ ބަދަލުގައި ރާއްޖޭގެ އަމިއްލަ އުފެއްދުމެއް ރާއްޖޭގެ މާކެޓުން ހޯލްސޭލްކޮށް ލިބެންހުރުމުން ވިޔަފާރިތަކަށް ސްޓޯރޭޓް އަދި ވެއަރހައުސިން ހަރަދުތައްވެސް ކުޑަވެގެންދާނެކަން އެމްޑަބްލިއުއެސްސީއިން ވަނީ ފާހަގަކޮށްފައެވެ. އެމްޑަބްލިއުއެސްސީގެ މަޝްރޫއުތަކުގައި ފެނާއި ނަރުދަމާ އާއި މަގު ހެދުމުގައި ބޭނުންކުރާ ހޮޅި އެ ކުންފުނީގެ ކާރުހާނާއިން އުފައްދާ ބޭނުންކުރާތާ ފަސް އަހަރުވަނީ ވެފައެވެ.
އެމްޑަބްލިއުއެސްސީން 2015 އިން ފެށިގެން ގުޅިފަޅުގައި ހިންގަމުން އަންނަ ފެކްޓަރީގައި ހޮޅި އުފައްދަނީ ޖަރުމަނުގެ ކްރައުސް މަފެއި ބްރޭންޑްގެ މެޝިނަރީގައެވެ. އަދި ޔޫރަޕްގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ވާވިން ޓެކްނޮލޮޖީ ބޭނުންކޮށްގެން އީއެން އަދި އައިއެސްއޯ ސްޓޭންޑަރޑްއަށް ފެތޭގޮތަށެވެ. އަދި މި ކާރުހާނާ އައިއެސްއޯ 9001 އަށް 2015 ވަނަ އަހަރު ސެޓިފައި ކުރެވިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ. އެ ކުންފުނިން ބުނީ ހޮޅި ފެކްޓަރީ އުފެއްދި ދުވަހުން ފެށިގެން މިހާތަނަށް ވެސް އެތަނުގައި މަސައްކަތް ކުރަމުން އަންނަނީ މުޅިން ވެސް ދިވެހި މުވައްޒަފުން ކަމަށެވެ.
އެމްޑަބްލިއުއެސްސީގެ ހޮޅި ފެކްޓްރީގައި ކުރިއްސުރެ އުފައްދަމުން އައީ ފެނާއި ނަރުދަމާގެ މަސައްކަތަށް ބޭނުންވާ އަން ޕްލާސްޓިސައިޑް ޕޮލިނިވީލް ކްލޮރައިޑް (ޔޫޕީވީސީ) ހޮޅި އާއި ހައި ޑެންސިޓީ ޕޮލޮޔެތެލީން (އެޗްޑީޕީއީ) ޕްރެޝަރު ހޮޅި އެވެ. ނަރުދަމާގެ މަސައްކަތަށް އުފައްދަނީ، ތިން އިންޗިއާއި ހަ އިންޗީގެ ފަލަމިނުގެ ހޮޅިއެވެ. އަދި ފެނުގެ ނިޒާމުގެ މަސައްކަތްތަކަށް އުފައްދަނީ އެއް އިންޗި އާއި 10 އިންޗިއާ ދެމެދުގެ ފަލަމިނުގެ ހޮޅި އެވެ.