ވިޔަފާރި

މިދިޔަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 105 މިލިއަން ރުފިޔާ


މިއަހަރުގެ 2 ވަނަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 105 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.

އެސްޓީއޯގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ 2 ވަނަ ކުއާޓަރުގައި އެސްޓީއޯއަށް ލިބުނު ސާފު ފައިދާ އޭގެ ކުރީ ކުއަރޓަރާއި އަޅާބަލާއިރު 10 މިލިއަން ރުފިޔާ ވަނީ ދަށްވެފައެވެ. އެގޮތުން 2 ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 105 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މިއަދަދު އުޅުނީ 114 މިލިއަން ރުފިޔާގައެވެ.

ކުންފުނީގެ ސާފު ފައިދާ ދަށްވެފައިވާއިރު އާމްދަނީވެސް 2 ވަނަ ކުއާޓަރުގައި ވަނީ ދަށްވެފައެވެ. އެގޮތުން މިއަހަރުގެ 2 ވަނަ ކުއަރޓަރުގައި އާމްދަނީގެ ގޮތުގައި އެސްޓީއޯއަށް ލިބިފައިވަނީ 1.29 ބިލިއަން ރުފިޔާއެވެ. މިއީ ފުރަތަމަ ކުއަރޓަރުގައި އާމްދަނީގެ ގޮތުގައި ލިބިފައިވާ 2.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު މަދު އަދަދެކެވެ.

ދެވަނަ ކުއަރޓަރުގެ އާމްދަނީއަށް ބަލާއިރު ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑުތަނުން ދަށްވެފައެވެ. މިއަހަރުގެ ފުރަތަމަ ކުއަރޓަރުގައި ތެލުގެ ވިޔަފާރިން އެސްޓީއޯއަށް 1.7 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ނަމަވެސް 2 ވަނަ ކުއަރޓަރުގައި ތެލުގެ ވިޔަފާރިން ލިބިފައިވަނީ 629 މިލިއަން ރުފިޔާއެވެ. ތެލުގެ ވިޔަފާރި ނޫން އެހެން ވިޔަފާރިތަކުން ލިބުނު އާމްދަނީވެސް މި މުއްދަތުގައި ވަނީ ދަށަށްގޮސްފައެވެ.

މިއަހަރުގެ 2 ވަނަ ކުއަރޓަރުގައި ކޯވިޑް19އާ ގުޅިގެން ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އައު ބައެއް ޙިދުމަތްތައްވެސް އެސްޓީއޯއިން ވަނީ ތައާރަފްކޮށްފައެވެ. އެގޮތުން އެސްޓީއޯގެ އޮންލައިން ޕްލެޓްފޯމް "އީސްޓޯރ.އެމްވީ" މެދުވެރިކޮށް އެ ކުންފުނީގެ އެކި ޕްލެޓްފޯމްތަކުން ވިޔަފާރިކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިދީފައެވެ. މީގެއިތުރުން އޮންލައިންކޮށް ބޭސް ސިޓީ ފޮނުވުމުން ބޭސް ސިޓީއަށް ބޭސް ޑެލިވަރ ކޮށްދިނުމުގެ ޙިދުމަތާއި، އެފް.އެސް.އެމްގެ ޕެޓްރޯލް ޝެޑްތަކުން ބީއެމްއެލް ކާޑު މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމް އެ ކުންފުނިން ވަނީ ހަމަޖައްސައިދީފައެވެ.