މިއަހަރުގެ 2 ވަނަ ކުއާޓަރުގައި އިމާރާތްކުރުމުގެ ސިނާއަތުގެ ހަރަކާތްތައް 61 އިންސައްތަ ދަށަށް ހިނގައްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ އެމްއެމްއޭގެ ކުއަރޓާލީ ބިޒްނަސް ސަރވޭ ރިޕޯޓުގައިވާ ގޮތުން މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު 76 އިންސައްތައިގެ ދަށްވުމެކެވެ.
ކޯވިޑް19އާ ގުޅިގެން އިޤްތިޞާދު ހިއްސާކުރާ މައިގަނޑު ހުރިހާ ސިނާއަތަކަށްވެސް ވަނީ އަސަރުކޮށްފައެވެ. އެމްއެމްއޭގެ ކުއަރޓާލީ ބިޒްނަސް ސަރވޭ ރިޕޯޓު ތައްޔާރުކޮށްފައި ވަނީ އިމާރާތްކުރުމުގެ ސިނާއަތުގެ ފަރާތްތަކުގެ ހިޔާލު ހޯދައިގެންނެވެ.
މި ރިޕޯޓުގައިވާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު 2 ވަނަ ކުއާޓަރުގައި އިމާރާތްކުރުމުގެ ސިނާއަތަށް ވަނީ ބޮޑު ގެއްލުމަކާއި ކުރިމަތިލާންޖެހިފައެވެ. އެގޮތުން ފުރަތަމަ ކުއާޓަރުގައި އިމާރާތްކުރުމުގެ ސިނާއަތުގެ ހަރަކާތްތައް 15 އިންސައްތައިގައި ހުރިއިރު 2 ވަނަ ކުއާޓަރުގައި މި އަދަދު ވަނީ 61 އިންސައްތަ ދަށްވެފައެވެ. މިއީ މިހާތަނަށްވެސް މިދާއިރާއަށް މިހާބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހުނު ފުރަތަމަ ފަހަރެވެ.
މުޅި ސިނާއަތައް ބަލާއިރު ވިޔަފާރިތަކުގެ ހާލަތުވެސް ވަނީ ބޮޑުތަނުން ދަށަށްގޮސްފައެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު 2 ވަނަ ކުއާޓަރުގައި އިމާރާތްކުރުމުގެ ސިނާއަތުގެ ވިޔަފާރިތަކުގެ އާންމު ހާލަތު %66 ދަށްވެފައިވާކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ.
އިމާރާތްކުރުމުގެ ސިނާއަތުގައި ލިބުނު އައު މަޝްރޫޢުތައްވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު 2 ވަނަ ކުއާޓަރުގައި ވަނީ 16 އިންސައްތަ ދަށްވެފައެވެ. މި ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ބައެއްގެ ވަޒީފާވެސް ވަނީ ކޯވިޑް19އާ ގުޅިގެން ގެއްލިފައެވެ. އެގޮތުން ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު 2 ވަނަ ކުއާޓަރުގައި ވަޒީފާ ގެއްލުނު މީހުންގެ ނިސްބަތްވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެއީ މުޅި ޖުމްލަ %45 އެވެ.
ލޮކްޑައުންއަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިނުމާއި ގުޅިގެން މިހާރު ހުއްޓިފައިވާ ސިނާއަތުގެ މަސައްކަތްތައް އަލުން ފެށިގެންދާނެތީ 3 ވަނަ ކުއާޓަރުގައި މި ސިނާއަތުގެ ވިޔަފާރި ރަނގަޅުވާނެކަމަށް ގިނަ ވިޔަފާރިތަކުން ވަނީ އަންދާޒާކޮށްފައެވެ. އެމްއެމްއޭގެ ސަރވޭގައި ބައިވެރިވި %45 އިންސައްތަ ފަރާތުން 3 ވަނަ ކުއާޓަރުގައި ސިނާއަތު ހަރަކާތްތައް އިތުރުވާނެކަމަށް ވަނީ ބުނެފައެވެ. އަދި %26 ފަރާތުން އަންދާޒާކޮށްފައިވަނީ އަދިވެސް މި ސިނާއަތުގެ ހަރަކާތްތައް ދާނީ ދަށަށްކަމަށެވެ.