ޚަބަރު

އެމްޑީޕީއަށް ލިބޭ ބަޖެޓްގެ 50 އިންސަތަ ދާއިރާތަކަށް


ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާތަކުގެ ތެރެއިން އެމްޑީޕީއަށް ލިބޭ ފައިސާގެ 50 އިންސައްތަ، ދާއިރާތަކަށް ބެހުމަށް ނިންމައިފިއެވެ.

އެމްޑީޕީން ރޭ ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައިވަނީ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާތައް ދާއިރާތަކަށް ދިނުމުގައި ގެންގުޅޭގެ އުސޫލުތަކެއް ކަނޑައަޅާފައެވެ. ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާއިން ވަކި އިންސައްތައެއް ދާއިރާތަކަށް ދިނުމާއި ގުޅޭގޮތުން އައްޑޫ ސިޓީ ދާއިރާގެ ރައީސް އަހުމަދު އަދުހަމް ހުށައަޅާފައިވާ ގަރާރު ދިރާސާކޮށް، ގައުމީ މަޖިލީހުން އެކުލަވާލި 5 މެމްބަރުންގެ ކޮމިޓީން އެކުލަވާލި ރިޕޯޓް ވަނީ ޤައުމީ މަޖިލީހަށް ހުށަހަޅާފައެވެ.

ޤައުމީ މަޖިލީހުން އެކުލަވާލި ކޮމިޓީން ދިރާސާކުރި ރިޕޯޓްގައި އަތޮޅުތެރެއަށާއި، މާލޭގެ މައި އޮފީހުގެ ޚަރަދުތައް ބެލެހެއްޓުމަށްވަނީ ހަމަހަމަ އުސޫލަކުން ޚަރަދުކުރާނެ ގޮތަކަށް ކަނޑައަޅާފައެވެ. އެގޮތުން މައި އޮފީސް ހިންގުމަށް 50 އިންސައްތަ އަދި އަތޮޅުތެރޭގެ ދާއިރާތައް ހިންގުމަށް 50 އިންސައްތަ ޚަރަދުކުރުމަށް ވަނީ ފާސްކޮށްފައެވެ.

ފައިސާ ދިނުމަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ދާއިރާއަށް ލިބޭ 50 އިންސައްތަ އެ ދާއިރާތަކުގެ ރަށްތަކަށް ބެހުމުގައި އަމަލުކުރާނެ އުސޫލެއްވެސްވަނީ ކަނޑައަޅާފައެވެ. އަދި ދައުލަތުގެ ބަޖެޓުން ޕާޓީއަށް ލިބޭ ފައިސާ ދާއިރާގެ ރަށްތަކަށް ދޫކުރުމުގައި ޕާޓީގެ ކޮންމެ ދާއިރާގައި ބެންކް އޮފް މޯލްޑިވްސްގައި، އެކައުންޓެއް ހުޅުވައި އެކައުންޓަށް ޖަމާ ކުރާގޮތަށް ހުށަހެޅުނު އިސްލާހުވެސް ވަނީ ޤައުމީ މަޖިލީހުން ފާސްކޮށްފައެވެ. ފޭދޫ ދާއިރާގެ ރައީސް މުހައްމަދު ނިހާދު ހުށަހެޅުއްވި އިސްލާހު ފާސްވެފައިވަނީ 39 މެމްބަރުންގެ ވޯޓުންނެވެ.

އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގުމަށާއި، ޕާޓީގެ ކަންކަން މާލެއާއި އަތޮޅުތަކުގައިވެސް ހިންގުމަށް ބޭނުންވާ ފައިސާ ކަނޑައެޅުމަށް އެކުލަވާލި ރިޕޯޓަށް ހުށަހެޅި 4 އިސްލާހުގެ ތެރެއިން ފާސްވެފައިވަނީ 2 އިސްލާހެވެ. މި އިސްލާހުތަކާއެކު ފައިސާ ދޫކުރުމުގައި އެކުލަވާލި ރިޕޯޓް ގައުމީ މަޖިލީހުން ފާސްވެފައިވަނީ ރޭގެ ބައްދަލުވުމަށް ވަޑައިގެންނެވި 54 މެމްބަރުންގެ ތެރެއިން 52 މެމްބަރުންގެ ވޯޓާއި އެކުގައެވެ.