ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އާންމުންގެ ތެރެއިން އައްޔަންކުރާ މެންބަރެއްގެ ގޮތުގައި އުއްމުކުލްސުލް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ޢާންމުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު ހޮވުމަށްޓަކައި މިއަދު މަޖިލީހުގައި ނެގި ވޯޓުގައި އެމަޤާމަށް އުއްމުކުލްސުމް އައްޔަން ކުރުމަށް ފާސްކޮށްފައިވަނީ 67 މެމްބަރުންގެ ވޯޓުންނެވެ.
އާންމުގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާ މެމްބަރެއްގެ ގޮތުގައި އުންމުކުލްސުމް މަސައްކަތް ކުރައްވަމުން ގެންދަވަނީ ހެރިޓޭޖް މިނިސްޓްރީގައެވެ. އޭނާވަނީ މީގެކުރިން ޔޫތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް ފުރުއްވާފައެވެ.
ޢާންމުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރި އިޢުލާނަށް އިޖާބަދެއްވައި ކުރިމަތިލެއްވި 5 ފަރާތާ އިންޓަވިއުކުރުމަށްފަހު، އެ މަޤާމަށް ޢައްޔަންކުރުމަށް ކޮމިޓީން ރުހުން ދިނުމަށް ފާސްކުރެއްވީ، އައްޑޫ ސިޓީ މަރަދޫ މޫންލައިޓް ހައުސް އާމިނަތު އުއްމުކުލްޘޫމްއާ، ހ. ރޯޒްމެރީ އާދަމް މިޤްދާދުގެ ނަންފުޅެވެ. މަޖިލީހުގެ ގަވާއިދު ހަމަޖެހިފައިވާގޮތުން އެއް މަޤާމަކަށް އެކަކަށްވުރެ ގިނަ ބޭފުޅުންގެ ނަން ހުށަހެޅުމުން، ކޮމިޓީން ހުށަހަޅާ ތަރުތީބުން ވޯޓަށް އަހާނެއެވެ. އަދި ފުރަތަމަ ނަމަށް ރުހުން ލިބިއްޖެނަމަ ދެން އޮންނަ ނަމަށް ވޯޓަށް ނާހާނެއެވެ.
ޖޭއެސްސީ އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި، އުއްތަމަ ފަނޑިޔާރު ފިޔަވާ ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިޚާބު ކުރާ ފަނޑިޔާރަކާއި، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރަކާއި، އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ މެންބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރެއްގެ އިތުރުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްއާއި، ދައުލަތުގެ ބަންޑާރަ ނައިބެވެ.
ޖޭއެސްސީގެ މެންބަރުންގެ ތެރެއިން އާންމު މެމްބަރުގެ މަޤާމުގެ އިތުރުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްވެސް އިސްތިއުފާދެއްވާފައިވާތީ އެމަޤާމްވެސްއޮތީ ހުސްކޮށެވެ.