ވިޔަފާރި

އެސްބީއައިން ވިޔަފާރިތަކަށް 38 މިލިއަން ޑޮލަރު


ކޯވިޑް-19ގެ ސަބަބުން އެކި ގޮތްގޮތުން އާންމުންނާއި ވިޔަފާރިވެރިންނަށް 38 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ބުނެފިއެވެ.

އެސްބީއައިއިން ބޭއްވި ވާރޗުއަލް ޕްރެސް ކޮންފަރެންސްއެއްގައި ވާހަކަ ދައްކަމުން ބޭންކުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ބާރަތު މިޝްރާ ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް ކޮށްފައިވާ އަަސަރުން އަރައިގަތުމަށް އާންމުންނާއި ވިޔަފާރިތަކަށް އެހީތެރިވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ.

ބާރަތު މިޝްރާ ވިދާޅުވީ ބެންކުން ލޯނު ނަގާފައިވާ ބައެއް ފަރާތްތަކުގެ ލޯނު ފަސްކޮށްދީފައިވާއިރު، ބައެއް ފަރާތްތަކަށް އެހީތެރިވުމަށް ލޯނު ދޫކޮށްފައިވާކަމަށެވެ.

"މާރޗުމަހުން އޯގަސްޓްމަހާއި ހަމަޔަށް ލޯން ދައްކަންޖެހޭ ކޯޕަރޭޓް އަދި އިންޑިވިޖުއަލް ލޯންތަކުގެ ފައިސާއިން 23 މިލިއަން ޑޮލަރު ވާނީ ފަސްކޮށްދީފައި. މިލޯނުތަކުގެ އިންޓްރެސްޓްވެސް މިމުއްދަތައް ވާނީ ކަނޑާލަދީފައި. އަދި ކޯވިޑް-19 ގެ ސަބަބުން ދަތިވި ވިޔަފާރިތަކަށް އެހީވުމަށް 15 މިލިއަން ޑޮލަރު ލިކިއުޑިޓީ ލޯންގެ ގޮތުގައި ވާނީ ދޫކޮށްފައި. އެހެންވެ ލޯނު ފަސްކޮށްދީގެނާއި، ލިކިއުޑިޓީ ލޯނުގެ ގޮތުގައި މިވަނީ 38 މިލިއަން ޑޮލަރު އެހީތެރިކަން ފޯރުކޮށްދީފައި". މިޝްރާ ވިދާޅުވިއެވެ.

މިޝްރާ ވިދާޅުވީ އެސްބީއައިގައި އެކައުންޓް ހުޅުވުމުގައި ވެސް ލުއިގޮތްތަކެއް ހަމަޖައްސާދީފައިވާކަމަށެވެ. ކުރިން އެސްބީއައިގައި ދިވެހި ރުފިޔާ އެކައުންޓެއް ހުޅުވަން 10000 ރުފިޔާ ޑިޕޮސިޓް ކުރަންޖެހެއެވެ. ނަމަވެސް އެ އަދަދު މިހާރު ވަނީ 5000 ރުފިޔާއަށް ކުޑަކޮށްފައެވެ. ޑޮލަރު އެކައުންޓެއް ހުޅުވަން ކުރިން 2000 ޑޮލަރު ނަގާއިރު، މިހާރު 500 ޑޮލަރުން އެކައުންޓް ހުޅުވޭނެއެވެ.

އެސްބީއައި ގެ ބްރާންޗެއް ރާއްޖޭގައި ހުޅުވީ 1974 ވަނަ އަހަރުއެވެ. ރާއްޖޭގައި އެސްބީއައިގެ 50 ހާހަށްވުރެ ގިނަ ކަސްޓަމަރުން ތިބެއެވެ. އަދި އެސްބީއައިގެ ބްރާންޗްތައް މާލެ، ހުޅުމާލެ، މާމިގިލި އަދި ހިތަދޫގައި ވަނީ ހުޅުވާފައެވެ.