ވިޔަފާރި

ރެސްޓޯރަންޓްތަކުގެ އާމްދަނީ ބޮޑުތަނުން ދަށަށް، އަރައިގަންނަން ވަގުތު ނަގާނެ


ކޯވިޑް19ގެ ސަބަބުން ރެސްޓޯރަންޓްތައް ހިންގުމަށް ގިނަ ދަތިތަކެއް ދިމާވެ އާމްދަނީއަށް ވަރަށްބޮޑަށް އަސަރުކޮށްފައިވާކަމަށް ރެސްޓޯރަންޓްތައް ހިންގާ ފަރާތްތަކުން ބުނެފިއެވެ.

ނޭޝަނަލް ފެޑަރޭޝަން އޮފް މޯލްޑިވިއަން އެންޕްލޯޔާރސްއިން އިންތިޒާމްކޮށްގެން ބޭއްވި ވެބިނަރއެއްގައި ރާއްޖޭގައި ރެސްޓޯރަންޓްތައް ހިންގާ ކޭޓަރިންގެ ޙިދުމަތްދޭ ބައެއް ތަންތަނުގެ އިސްވެރިން ބައިވެރިވެ ވަނީ ކޯވިޑްގައި ދިމާވި ގޮންޖެހުންތައް ހިއްސާކޮށްފައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސަލްސާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އާމިރު ވިދާޅުވީ، މުޅި ރާއްޖޭގެ ހުރިހާ ރެސްޓޯރަންޓްތަކަކަށް ބަލާއިރު ގާތްގަނޑަކަށް %70 އާއި %80 ދެމެދުގެ އަދަދަކުން އާމްދަނީ ދަށްވެފައިވާކަމަށެވެ.

"އަޅުގަނޑުމެން ބެލީ ކިހިނެތްތޯ މިވީ. ބެލިބެލުމުގައި މީހުން ބޭރަށް ނުކުތުން މަދުވުމާއި، ބޭރުން ގެންނަ ތަކެއްޗާއި މެދު އޮންނަ އިތުބާރު ދަށްވުމުގެ ސަބަބުންވެސް އެއްދުވަހުން އަނެއްދުވަހަށް ސޭލްސް ދަށްވަމުން އައީ." އިބްރާހިމް އާމިރު ވިދާޅުވިއެވެ.

ބުރުޒު ކޭޓަރިންގެ ޑައިރެކްޓަރ ފުޑް އެންޑް ބެވަރޭޖް މުޙައްމަދު ޝުޖާއު ވިދާޅުވީ، އެ ކުންފުންޏަށް ކޯވިޑްގެ ބައެއް އިވެންޓްތަކުގެ ކޭޓަރިންގ މަސައްކަތްކުރަން ލިބުނުކަމަށެވެ. ނަމަވެސް ބުރުޒުގެ އާމްދަނީވެސް ވަރަށް ބޮޑަށް ދަށްވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މިވަގުތައް ބަލާއިރު ސޭލްސް އެބައިން %40 އިން %80 ދަށްވެފައި. ވަރަށްބޮޑު އަސަރުތަކެއް އަޅުގަނޑުމެންނަށްވެސް ކުރަމުން މިދަނީ. މިދާއިރާގައި އަޅުގަނޑުމެންނަށް ކުރިއަށްދިއުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން މިގެންދަނީ. ބައެއް ސްޓާފުން ޕޮޒިޓިވްވެސްވި. މިކަންކަން ރިކަވަރކުރަން ނަގާނެ 4-5 މަސްދުވަސް." ޝުޖާއު ވިދާޅުވިއެވެ.

ރިޓްރީޓް އައުޓްލެޓްސްގެ އޯނަރު ހުސައިން އިސްމާއިލް ކޯވިޑް19ގެ ހާލަތުގައި އެ ކުންފުންޏަށް ލިބުނު ގެއްލުންތަކާއި ބެހޭގޮތުން ވާހަކަދައްކަވަމުން ވިދާޅުވީ، އެ ކުންފުނީގެ އާމްދަނީވެސް ވަރަށް ބޮޑަށް ދަށްވެފައިވާކަމަށެވެ.

"ކޯވިޑްގެ އަސަރު ޖުމްލަކޮށް ނުކުރާ އެއްވެސް ބައެއްނެތް. ނަންބަރުން ބަލަންޏާ ގާތްގަނޑަކަށް އަޅުގަނޑުގެ ވިޔަފާރީގެ %90 ސޭލްސް ދަށްވެފައިއޮތީ ހަމަ އެއްކޮށް. މިހާރު ހުޅުވިގެން މިދާއިރުގައިވެސް އަރައިނުގަނެވިފަ މިއޮތީ." ހުސައިން އިސްމާއިލް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދެއްކި ރެސްޓޯރަންޓަންތައް ހިންގާ ފަރާތްތަކުން ބުނެފައިވަނީ ކޯވިޑް19 ގެ ދަނޑިވަޅުގައި ހިންގުމުގެ ހަރަދުތައް ކުޑަކުރަން މަސައްކަތްކޮށްފައިވާކަމަށެވެ. ނަމަވެސް މިކަމަށް ދިމާވި އެންމެ ބޮޑު ގޮންޖުހުމެއްކަމަށް އެ ފަރާތްތަކުން ފާހަގަކޮށްފައިވަނީ ތަންތަނުގެ ކުލި ބޮޑުވުމެވެ. އަމިއްލަ ފަރާތްތަކުގެ ތަންތަން ކުއްޔަށް ހިފައިގެން ވިޔަފާރި ހިންގަމުން އަންނާތީ ކުލީގެ ގޮތުގައި ދައްކަންޖެހޭ އަދަދު ކުޑަކޮށްދީފައިނުވާކަން އެ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. އަދި އަލުން އޮޕަރޭޝަންއަށް ދެވޭނީ ކުލި ކުޑަކުރެވިއްޖެ ނަމަކަމަށް މީގެތެރެއިން ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.