ރ. ދުވާފަރުން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވި 48 މީހަކު އެކަހެރިކޮށް، އެމީހުންގެ ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށް ދުވާފަރު ކައުންސިލުން ވިދާޅުވެއްޖެއެވެ.
ޕީ.އެސް،އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދުވާފަރު ކައުންސިލުގެ ރައީސް އިބްރާހީމް ނަޞީރު ވިދާޅުވީ، އެރަށުން ކޯވިޑް-19 އަށް ޕޮޒިޓިވްވި 3 މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވި 48 މީހަކު ހޯމް ކަރަންޓީނަށް ލާފައިވާކަމަށެވެ. އަދި އެމީހުން ކޯވިޑް-19އަށް ޓެސްޓްކުރުމަށް ސާމްޕަލް ނެގުމުގެ މަސައްކަތް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއާއި ގުޅިގެން ކުރަމުންދާކަމަށާއި، މާދަމާގެ ވަގުތެއްގައި އެމީހުންގެ ސާމްޕަލްތައް ނެގޭވަރުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ދުވާފަރުން ކޯވިޑް-19 ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އެރަށަށް އަރާ ފޭބުން ވަގުތީގޮތުން މެދުކަނޑާލާ، އެރަށް ވަނީ މޮނިޓަރިންގގެ ޙާލަތަށް ގެނެސްފައެވެ. ނަމަވެސް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތްތައް މިހާރު ނިމިފައިވާތީ ރަށުގެ ކެފޭ ރެސްޓޯރެންޓްތަކާއި ފިހާރަތައް ކުރިއެކޭ އެއްގޮތަށް ހުޅުވުމުގެ ހުއްދަ ކައުންސިލުން ވަނީ ދީފައެވެ. އަދި އާއްމު ސިއްޙަތަށާއި އާއްމު ސާފުތާޙިރުކަމަށް ބާރުއެޅުމަށް ރަށުގެ ރައްޔިތުންނަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
ދުވާފަރުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ އެއް އާއިލާއަކަށް ނިސްބަތްވާ 3 މީހުންނެވެ. އެއީ ދެމަފިރިއަކާއި އެމީހުންގެ ފިރިހެން ދަރިފުޅެވެ. އޭގެ ތެރެއިން ފިރިހެން މީހާގެ އުމުރަކީ 38 އަހަރު ކަމަށާއި، އަންހެން މީހާގެ އުމުރަކީ 37 އަހަރުކަމަށް ދުވާފަރު ކައުންސިލުން ވިދާޅުވެއެވެ. އަދި އެ ދެމަފިރިންގެ ދަރިފުޅަކީ 10 އަހަރުގެ ކުއްޖެއްކަމަށްވެސް ކައުންސިލުން މަޢުލޫމާތުދީފައިވެއެވެ. މި 3 މީހުންގެ ޙާލުވެސް ރަނގަޅެވެ.