މިދިޔަ އަހަރުގެ ޖޫންމަހާއި އަޅާބަލާއިރު މިއަހަރުގެ ޖޫންމަހު އިމްޕޯޓް އަދި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 21 އިންސައްތަ ދަށްވެއްޖެއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޖޫންމަހު 3.3 ބިލިއަން ރުފިޔާގެ މުދާ ވަނީ ރާއްޖެއަށް އިމްޕޯޓްކޮށްފައެވެ. ނަމަވެސް ނިމުނު ޖޫންމަހު ދިވެހިރާއްޖެއަށް އިމްޕޯޓްކޮށްފައި ވަނީ 2.1 ބިލިއަން ރުފިޔާގެ މުދަލެވެ. އެހެންކަމުން މިއީ 36 އިންސައްތައިގެ ދަށްވުމެކެވެ.
އެކްސްޕޯޓަށް ބަލާއިރު މިދިޔަ އަހަރުގެ ޖޫންމަހު 326 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، ނިމުނު ޖޫންމަހު އެކްސްޕޯޓްކޮށްފައި ވަނީ 217 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 33 އިންސައްތައިގެ ދަށްވުމެކެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން އިންޕޯޓް އެކްސްޕޯޓުން ދައުލަތައް ލިބުނު އާމްދަނީވެސް މި މުއްދަތުގައި ވަނީ 21 އިންސައްތަ ދަށްވެފައެވެ. މިދިޔަ އަހަރުގެ ޖޫންމަހު އިމްޕޯޓް އެކްސްޕޯޓުން 266 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު މިއަހަރުގެ ޖޫންމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބިފައިވަނީ 211 މިލިއަން ރުފިޔާއެވެ.
މިއަހަރުގެ ޖޫންމަހާއި މިއަހަރުގެ މޭމަހުގެ އިމްޕޯޓް އެކްސްޕޯޓްގެ ތަފާސް ހިސާބުތައް އަޅާކިޔާއިރު، މޭމަހަށްވުރެ ޖޫންމަހު މުދާ އެކްސްޕޯޓްކޮށް، އިމްޕޯޓްކުރި މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން މޭމަހު އިމްޕޯޓްކުރި މުދަލުގެ ސީއައިއެފް 1.5 ބިލިއަން ރުފިޔާގައި އުޅޭއިރު ޖޫންމަހު އިމްޕޯޓްކުރި މުދަލުގެ އަގު އުޅެނީ 2.1 ބިލިއަން ރުފިޔާގައެވެ. މިއީ 36 އިންސައްތައިގެ އިތުރުވުމެކެވެ. އަދި މޭމަހު އެކްސްޕޯޓްކުރި މުދަލުގެ އެފްއޯބީ އަގު 149 މިލިއަން ރުފިޔާގައި އުޅޭއިރު މިދިޔަ މަހު މިއަދަދު އުޅެނީ 217 މިލިއަން ރުފިޔާގައެވެ. މިއީ 46 އިންސައްތައިގެ އިތުރުވުމެކެވެ.
މިދިޔަ އަހަރުގެ ޖޫންމަހާއި އަޅާބަލާއިރު މިއަހަރުގެ ޖޫންމަހު ރާއްޖެ އެތެރެވެފައިވާ އުޅަނދުފަހަރާއި، ރާއްޖެއިން ފުރާފައިވާ އުޅަނދުގެ އަދަދުވެސް ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރު ޖޫންމަހު މުދާ ހިފައިގެން ރާއްޖެއަށް 79 އުޅަނދެއް އެތެރެވެފައިވާއިރު މިއަހަރުގެ ޖޫންމަހު އެެތެރެވެފައިވަނީ 64 އުޅަނދެވެ. އަދި މިދިޔަ އަހަރުގެ ޖޫންމަހު ރާއްޖެއިން 92 އުޅަނދެއް ފުރާފައިވާއިރު، މިއަހަރުގެ ޖޫންމަހު ފުރާފައިވަނީ 74 އުޅަނދެެވެ. އަދި މުދާ ކްލިއަރކުރުމަށް ޕްރޮސެސްކުރެވުނު ޑެކްލެރޭޝަންގެ އަދަދު މިދިޔަ އަހަރުގެ ޖޫންމަހު 16864 ގައި އުޅޭއިރު، މިއަހަރު ޖޫންމަހު ޕްރޮސެސްކޮށްފައިވަނީ 6593 ޑިކްލެރޭޝަނެވެ.