ވިޔަފާރި

މާފަރު އެއަރޕޯޓުގައި ކަސްޓަމްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކުރަނީ


މާފަރު އެއަރޕޯޓް އިންޓަނޭޝަނަލް އެއަރޕޯޓަކަށް ބަދަލުކުރުމާއި ގުޅިގެން އެތަނުންގައި ކަސްޓަމްސްއިންދޭ ޙިދުމަތްތައް އިތުރަށް ފުޅާކުރެވިދާނެ ގޮތްތައް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ބައްލަވައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ކަސްޓަމްސްއިން ވިދާޅުވީ، ކަސްޓަމްސްގެ އިސްވެރިން މާފަރު އެއރަޕޯޓަށް ކުރެއްވި ޒިޔާރަތަކީ އެ އެއަރޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ބަދަލުކޮށްފައިވާއިރު، ކަސްޓަމްސްއިންދޭ ޙިދުމަތްތައް ދޭނެ ފެސިލިޓީސް އެތަނުގައި ހަމަޖެހިފައިހުރިގޮތް ބެއްލެވުމަށް ކުރެއްވި ޒިޔާރަތެއްކަމަށެވެ.

މި ޒިޔާރަތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ވަނީ ކަސްޓަމްސްގެ ފަރާތުން ދޭންޖެހޭ ޙިދުމަތްތަކާއި އޮޕަރޭޝަނަލް ކަންކަން ބައްލަވާފައެވެ. އަދި ޙިދުމަތް ރަނގަޅުކުރުމަށް އިތުރަށް ފޯރުކޮށްދޭންޖެހޭ ކަންކަން ބެއްލެވިއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް މާފަރު އެއަރޕޯޓަށް ޒިޔާރަތްކުރައްވާފައިވަނީ މިއަދުއެވެ. ކޮމިޝަނަރ ޖެނެރަލްއާއިއެކު ކަސްޓަމްސްގެ 2 ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްވެސް ވަނީ މި ޒިޔާރަތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

ކަސްޓަމްސަގެ އިސްވެރިން މާފަރު އެއަރޕޯޓަށް ޒިޔާރަތްކުރައްވާފައިވާއިރު، މި ހަފްތާގެ ތެރޭގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީވެސް ވަނީ މޯލްޑިވިއަންއާއިއެކު މާފަރު އެއަރޕޯޓުގެ ޙިދުމަތްތަކާއި ބެހޭގޮތުން ބައްދަލުވުމެއް ބާއްވާފައެވެ.

މާފަރު އެއަރޕޯޓް އިންޓަނޭޝަނަލް އެއަރޕޯޓަކަށް ބަދަލުކޮށްފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. މާފަރު އެއަރޕޯޓަކީ ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފަރާތުން އޮޕަރޭޓްކުރާ އެއަރޕޯޓެކެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ އަބޫދާބީ ފަންޑުން ހަދިޔާކުރި 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން މާފަރުގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ. މި އެއަރޕޯޓުގެ ރަންވޭގެ ދިގުމިނުގައި 2200 މީޓަރު އަދި ފުޅާ މިނުގައި 40 މީޓަރު ހުރެއެވެ.