ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި ދެ މައްސަލަ ހުށަހެޅުމުން ކުރިއަށްގެންދާނެ މައްސަލައެއް ކަނޑައެޅުމަށް ފުރަތަމަ ފަހަރަށް މަޖިލީހުގައި ގުރުއަތުލައިފިއެވެ.
މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލަތައް މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއާއި، އެމްޑީޕީގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފްއެވެ. މިދެ މައްސަލައިގެން ތެރެއިން މިއަދުގެ ޖަލްސާގައި ކުރިއަށްގެންދާނެ މައްސަލައެއް ކަނޑައެޅާފައި ވަނީ ދެބޭފުޅުންގެ ހާޒިރުގައި ނެގުނު ވޯޓަކުންނެވެ.
މިއީ މަޖިލީހުގައި މިފަދަ ވޯޓެއް ނެގުނު ފުރަތަމަ ފަހަރެވެ. ކުރިއަށް ގެންދިއުމަށް ގުރުއަތުން ދިމާވީ ޝިޔާމްއަށެވެ. މިއީ އެއްމަހަށްވުރެ ގިނަ ދުވަހަށްފަހު އިދިކޮޅު މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވި ފުރަތަމަ ދުވަހެވެ.
ޝިޔާމް ހުށަހެޅުއްވި މިމައްސަލަޔަކީ ހިޔާ މަޝްރޫއުގެ 7000 ފުލެޓް އޭގެ ހައްގުވެރިންނަށް ހަވާލުނުކުރެވި ލަސްވަމުން ދާތީ އެކަން ވީހާވެސް އަވަހަށް ހަމަޖައްސައި އޭގެ ހައްގުވެރިންނަށް ފްލެޓްތައް ދިނުމަށް ގޮވާލައި ހުށަހެޅި މައްސަލައެކެވެ. މިމައްސަލާގައި ބުނެފައިވަނީ މި ފްލެޓްތަކުގެ އިންތިޒާރުގައި އެތައްހާސް ރައްޔިތުންތަކެއް މިއަދުވެސް ތިބިއިރު އެތަންތަނަށް ވަދެވޭނެ ތާރީހެއް އަދިވެސް ސަރުކާރުން ހާމަކޮށްފައި ނުވާކަމީ ކަންބޮޑުވާކެއްކަމަށެވެ.
ކޯވިޑް19 އާއި ގުޅިގެން އެތަކެއް ރައްޔިތުންތަކެއް ދަތިހާލުގައި ތިބެ ބޯހިޔާވަހިކަމުގެ ކަންބޮޑުވުންވެސް އިންތިހާއަށް އޮތްއިރު މި ފުލެޓްތަކުގެ ހައްގުވެރިންނަށް ފުލެޓްތައް ދިނުން އަވަސްކުރުމަށް ޝިޔާމް ވަނީ ގޮވާލާފައެވެ. އަދި ސަރުކާރުން ވައުދުވެފައިވާގޮތަށް ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކުރުމަށް އަޅަން ވައުދުވެފައިވާ ފްލެޓްތައްވެސް ވީއެންމެ އަވަހަކަށް އެޅުމަށްވެސް ޝިޔާމްވަނީ ގޮވާލާފައެވެ. މިމައްސަލަ ބަހުސްކުރުމަށް ފާސްވެފައި ވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 45 މެމްބަރުންގެ ވޯޓުންނެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން ދެ ކުއްލި މައްސަލަ އެއްދުވަހެއްގައި ހުށަހެޅިއްޖެ ކަމުގައިވާނަމަ އެދުވަހެއްގައި ކުރިއަށްގެންދެވޭ މައްސަލައެއް ކަނޑައެޅޭނީ ގުރުއަތުލުމަށްފަހު. މިއަދުގެ ގުރުއަތު ނަގާފައިވާ މަޖިލިސް އަމީން އާންމު ފާތިމަތު ނިއުޝާއެވެ.