17 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރުމާއި 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.
މީގެ ތެރެއުން 17 އަހަރުގެ އަންހެން ކުއްޖާ ރޭޕްކުރިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އަދި 10 އަހަރުގެ އަންހެންކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލާގައި މިއަދު ހައްޔަރުކޮށްފައިވަނީ 57 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ ޖޫން މަހުގެ 30 ވަނަ ދުވަހު ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގެ ސިއްޙީ ފަރުވާދޭ މަރުކަޒަކަށް އުމުރުން 17 އަހަރުގެ އަންހެންކުއްޖަކު ބަލިވެއިންކަމަށް ހުށައަޅާފައިވާ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާއިރު އެމައްސަލަ ފުލުހުންގެ ކްރައިމް އެގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓުން ތަޙްޤީގުކުރަމުންދަނީ ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށްފައިވާ މައްސަލައެއްގެ ގޮތުގައި، ޖެންޑަރ މިނިސްޓްރީއާ ގުޅިގެންކަމަށްކަމަށެވެ.
މީގެ އިތުރުން 57 އަހަރުގެ މީހާ ހައްޔަރުކުރީ މެދުތެރޭގެ އަތޮޅެއްގެ ރަށެއްގައި އިތުރބާރުހިފޭ މަޤާމެއްގައިހުރި މީހަކު 10 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް މިމަހުގެ ފުރަތަމަ ދުވަހު ހުށައަޅާފައިވާ މައްސަލައެއްގެ ތުހުމަތުގައިކަމަށެވެ.
ރޭޕްކުރުމާއި ޖިންސީ އަނިޔާއާ ޖިންސީ ގޯނާގެ މައްސަލަތަކެއް އަނެއްކާވެސް ފެންމަތިވާން ފަށާފައި މިވަނީ މިދިޔަ މަހުގެ ފަހުކޮޅު ހުޅުމާލޭ ބަނދަރުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ އަނިޔާކުރި މައްސަލައެއް ފެންމަތިވެ އެމައްސަލަ ފުލުހުން ބަލަމުންދާ ދަނޑިވަޅެއްގައެވެ.