ޚަބަރު

މަރުހޫމް އަބްދުﷲ ހަމީދުގެ ހަށިކޮޅު ރާއްޖެ ގެންނަވައިފި


ދަައުލަތަށް ގިނަ ދުވަހު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރި ވެރިކަމުގެ ލަގަބު އަރުވާފައިވާ ހ. މީނާޒް އަލްއުސްތާޛް އަބްދުﷲ ހަމީދުގެ ހަށިކޮޅު ރަސްމީ އިއްޒަތުގައި ފަސްދާނުލެއްވުމަށްޓަކައި ރާއްޖެ ގެންނަވައިފި.މަރުހޫމް އަބްދުﷲ ހަމީދުގެ ހަށިކޮޅު ރާއްޖެ ގެނެސްފައިވަނީ އެއާރ އިންޑިޔާގެ މަތިންދާ ބޯޓެއްގައި، މިއަދު 10:20 އެހާ އިރުއެވެ.އެމަނިކުފާނުގެ މޫނުފުޅު ދެއްކުން އޮންނާނީ މިއަދު މެންދުރު އެކަކުން އިރު އޮއްސި ހަތަކަށް، އިސްލާމީ މަރުކަޒުގައި ކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި އެމަނިކުފާނު ރަސްމީ އިއްޒަތުގައި ފަސްދާނުލެއްވުމަށް ހަމަޖެހިފައިވަނީ މިރޭ އިޝާނަމާދަށްފަހުގައެވެ. އަދި ކަށުނަމާދު އޮންނާނީ އިސްލާމީ މަރުކަޒުގައިކަމަށްވެސް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.މީގެ އިތުރުން އަލްމަރުހޫމް އަލްއުސްތާޛު އަބުދުﷲ ޙަމީދު ފަސްދާނުލެއްވުމަށް ހަމަޖެހިފައިވަނީ ގަލޮޅު ސަހަރާގައި، އެމަރުހޫމްގެ ބައްޕާފުޅުގެ މަހާނަ ހުންނެވި ސަރަޙައްދުގައި ކަމަށް ސަރުކާރުން މައުލޫމާތުދެއްވައެވެ.އަލްމަރްޙޫމް ޢަބްދުﷲ ޙަމީދު އަވަހާރަވީ މީގެ ތިން ދުވަސްކުރިން ހާޓް އެޓޭކެއް ޖެހިވަޑައިގެން ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އަންގާރަދުވަހުގެ މެންދުރު ފަހުގެ  ވަގުތެއްގައެވެ.މައިނަރ ސްޓްރޯކެއް ޖެހިވަޑައިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށްފަހު، އިތުރު ފަރުވާއަށް ބެންގަލޫރަށް ފުރާވަޑައިގަތީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.ކުރީގެ ރައީސް މައުމޫން ޢަބްދުލް ގައްޔޫމްގެ ކޮއްކޯފުޅު އަދި މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ބޭބޭފުޅު އަބްދުﷲ ހަމީދަކީ ސަރުކާރުގެ އިސް ގިނަ މަގާމްތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. މިގޮތުން ރައީސް މައުމޫންގެ ސަރުކާރުގެ އިތުރުން ރައީސް އިބްރާހިމް ނާސިރުގެ ސަރުކާރުގައިވެސް މުހިއްމު މަގާމްތަކެއް އަބްދުﷲ ހަމީދް ފުރުއްވާފައިވެއެވެ.އެމަނިކުފާނު އަވަހާރަވުމުގެހިތާމައިގައި، އިއްޔެއިން ފެށިގެން ތިން ދުވަސްވަންދެން ދިވެހި ޤައުމީދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްވަނީ ހަމަޖައްސަވާފައެވެ.