ޚަބަރު

ހިއްކާ ބިންތަކުގެ ވަކި މިންވަރެއް މުޅި ރާއްޖޭގެ ރައްޔިތުންނަށް ހުޅުވާލަންޖެހޭ: އަސްލަމް


ބިން ހިއްކާކޮންމެ ރަށަކުންވެސް ރާއްޖެގެ ހުރިހާ ރައްޔިތުންނަށް ބިން ލިބޭހެން ވަކިމިންވަރެއް ކަނޑައެޅުން މުހިންމުކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާލުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ "ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިިންވަރު ބަލާ ކޮމިޓީ"ގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ މިފަދަ ބިންތަކަކީ ގުދުރަތީގޮތުން އުފެދޭތަންތަން ނޫންކަމަށާއި، މި މަސައްކަތްތަކަކީ ހުރިހާ ރައްޔިތުންގެ ފައިސާއިން ހިންގާ މަޝްރޫޢުކަމަށެވެ.

އެގޮތުން އިޖްތިމާޢީ ބޭނުންތަކަށް ހިއްކާ ބިންތަކުންވެސް، އެ ރަށަކަށް ނުވަތަ ސަރަޙައްދަށް ޚާއްސަކުރާ އިމުގެ އިތުރުން މުޅީ ރާއްޖޭގެ ރައްޔިތުންނަށް ބިން ލިބޭނެހެން ވަކި އިމެއް ކަނޑައަޅަންޖެހޭނެކަމަށް ވިސްނިވަޑައިގަންނަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރވަނީ މިފަދަ ކަންކަމަށް ފުޅާ ދާއިރާއެއްގައި މަަޝްވަރާ ކުރުމަށް މަޖިލީހުގެ ކޮމިޓީގައި ގޮވާލައްވާފައެވެ.

" ޓެކްސް ދައްކާ މީހުންގެ ފައިސާއިން ބިން ހިއްކަނީ. ރައްޔިތުންގެ ފައިސާ އާއި އިންސާނީ ވަސީލަތް ބޭނުންކޮށްގެން މަސައްކަތް ކުރަނީ. ވަކި ރަށެއްގައި ވަކި ބަޔަކަށް ޚާއްސަކޮށްގެން ބިން ހިއްކިޔަސް، މުޅި ރާއްޖެއަށް މިންވަރެއް ހުޅުވާލަންޖެހޭ." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

އަތޮޅުތަކުގެ ހައުސިންގ މައްސަލަތަަކާއި ގުޅޭގޮތުން ކޮމިޓީގައިވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. މިނިސްޓަރ އަސްލަމް ވިދާޅުވީ ބިން ފުރި ޖާގަ ދަތިވެފައިވާ ރަށްތަކުގައިވެސް، އެތަށް ބިންތަކެއް ފަޅު ގޯތީގެ ގޮތުގައި ދޫކޮށްލާފައި ހުރިކަމަށެވެ. ބަންޑާރައިން ނަގައި މިގޮތަށް ބޭނުން ނުކޮށް ދޫކޮށްލާފައިވާ ބިންތަކާއިމެދު ކަންތައްކުރާނެ ގޮތްތަކެއް ނިންމުންވެސް މުހިންމުކަމަށް މިނިސްޓަރ އަސްލަމްވަނީ ކޮމިޓީގައި ވިދާޅުވެފައެވެ.

"ބަންޑާރައިންދޭ ގޯތި ފަޅުކޮށްފައި ބާއްވާނީތޯ!؟، މިކަމަށް ވިސްނުމެއް އެބަ ގެންގުޅެންޖެހޭ. މިގޮތަށް އަގަކާއި ނުލައި ދިގުމުއްދަތަކަށް ބޭއްވޭނެކަމަށް ގަބޫލެއް ނުކުރަން." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ބަންޑާރަ ގޯތިތައް ހޯދައި އެތަށް ޒަމާންތަކެއް ވަންދެން އެއްވެސް މަސައްކަތްތަކެއް ނުކޮށް ދޫކޮށްލާފައިވާ އެތަށް ގޯތިތަކެއް ހުރިކަމަށެވެ. މިއީވެސް ރަށްރަށުގައި ބޯހިޔާވަހިކަމުގެ މައްސަލަ ދިމާވާ ބޮޑު ސަބަބެއްކަމުންގައި ވިދާޅުވިއެވެ. އަދި މިކަމަށް ޙައްލެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެތެރެއިންވެސް ބަހުސްކޮށް މަސައްކަތްކުރުމަށް މިނިސްޓަރ އެދިލެއްވިއެވެ.

ސަރުކާރުން އަލަށް ފަށަން ނިންމާފައިވާ މަޝްރޫޢުތަކުގެ ތެރެއިންވަނީ، ގެވަޅުގައި ގެ ނޭޅި ހުޅި ބިންތަކުގައި މި ޕްރޮޖެކްޓްގެދަށުން ގެ އަޅައިދިނުމަށް ހުޅުވާލާފައެވެ.