 
										
			އައްޑޫ ސިޓީ ހިތަދޫގެ މަގެއްމަތިން ހޮވި އެއްލައްކަ ރުފިޔާ ހިތަދޫ ޕޮލިސް ސްޓޭޝަނާއި ހަވާލު ކުރި ބަންގްލަދޭޝް މީހާއަށް އެ ފައިސާގެ ވެރިފަރާތުން ހަދިޔާދީ އޭނާގެ އަގުވަޒަންކޮށްފި އެވެ. 
ފުލުހުން ވިދާޅުވީ މަގުމަތިން ހޮވި ފައިސާތައް ހަވާލުކުރި އެމް.ޑީ ކަމާލް ހޮސައިން ކިޔާ މީހާގެ ތެދުވެރިކަމާއި އިހްލާސްތެރިކަން ފާހަގަކޮށް އައްޑޫ ސިޓީ ހިތަދޫ ޕޮލިސް  ސްޓޭޝަންގެ ފަރާތުން އޭނާއަށް ހަނދާނީ ސެޓްފިކެޓަކާއި ހަދީޔާ ދީފައިވާ ކަަމަށެވެ. 
އިއްޔެ އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން އޭނާއަށް ހަނދާނީ ސެޓްފިކެޓާއި ހަދިޔާ ހަވާލުކޮށްދެއްވީ ސައުތު ޕޮލިސް ޑިވިޜަން ގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަމީން އަބްދުލް ޤައްޔޫމެވެ. މި ބައްދަލުވުމުގައި ފައިސާގެ ވެރިފަރާތްކަމަށްވާ ޢަލީ އަބްދުއް ސައްތާރުގެ ފަރާތުންވެސް އެމް.ޑީ ކަމާލް ހޮސައިނަށް ފައިސާގެ އިނާމާއިއެކު އޭނާ ހިންގާ ހޮޓަލުން އެއްމަސްދުވަހަށް ހިލޭ ކެއުން ހަމަޖައްސައި ދީފައިވާ ކަމަށް ފުލުހުން ވިދާޅުވި އެވެ. އޭގެ އިތުރުން އޭނާ އެއްވެސް ދުވަހަކު ވަޒީފާއެއް ނެތިގެން ގޮސްފިނަމަ ވަޒީފާ ހަމަޖައްސައިދޭނެކަމުގެ ޔަގީންކަން އެ ފައިސާގެ ވެރިފަރާތުން ދީފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވި އެވެ. 
		
 
					
									
			މި ބައްދަލުވުމުގައި، އެމް.ޑީ ކަމާލް ހޮސައިންއާއި ފައިސާގެ ވެރިފަރާތުގެ އިތުރުން ހިތަދޫ ޕޮލިސް ޑިވިޜަން ކޮމާންޑަރު، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަމީން އަބްދުލް ޤައްޔޫމްގެ އިތުރުން  އައްޑޫ ސިޓީ ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް އިމްރާނާއި ޗީފް ސްޓޭޝަން އިންސްޕެކްޓަރ އިބްރާހިމް ބައިވެރިވެފައިވެ އެވެ. 
ކަމާލް ހޮސައިން އަށް މަގުމަތިން، ސިޓީ އުރައެއްގެ ތެރޭގައި އެއްލަކަ ރުފިޔާ އޮއްވާ ފެނިފައި ވަނީ މި ޖޫންމަހުގެ 5 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އޭނާއަށް އެފައިސާ ފެނުމުން ހިތަދޫ ޕޮލިސް ސްޓޭޝަނާ ހަވާލުކުރުމުން ފުލުހުން ވަނީ ފައިސާތަކުގެ ވެރިފަރާތް ހޯދައި މި ޖޫންމަހުގެ 6 ވަނަ ދުވަހު މެންދުރުގެ ވަގުތެއްގައި އެފައިސާ ވެރިފަރާތަށް ރައްދުކޮށްދީފައެވެ.