އިތުރު ބަޔަކު ކޯވިޑް19 އަށް ޕޮޒިޓިވްވެ ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު 1773 އަރައިފިއެވެ. މިއަދު މި ބައްޔަށް 101 މީހަކު ފޮޒިޓިވެފައިވާއިރު އޭގެތެރެއިން 8 މީހުންނަކީ ދިވެހިންނެވެ. ދެން ތިބީ ބަންގްލަދޭޝްގެ 72 މީހުންނާއި، އިންޑިއާއަށް ނިސްބަތްވާ 21 މީހެކެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރޭގެ ދަންވަރު ބާރައިގެ އިން މިރޭ އިރުއޮއްސި 6 އަކާއި ހަމައަށް 101 މީހަކު މި ބައްޔަށް ޕޮޒިޓިްވެފައިވާކަމަށެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 477 ސާމްޕަލް ނަތީޖާ ލިބިފައިވާއިރު އަދި 532 ސާމްޕަލެއްހެ ނަތީޖާ އަދި ވަނީ ނުލިބިއެވެ. ރާއްޖެއިން ކޯވިޑް 19 ފެނުނުތާ މިއަދަށް 85 ދުވަސްވެފައި ވާއިރު މިބަލި ޖެހިގެން 1313 މީހުންނަށް ދަނީ ފަރުވާދެމުންނެވެ.
އެޗްޕީއޭގެ ޓެގް ޓިމްގައި ހިމެނިވަޑައިގަންނަވާ ޑރ އިބްރާހިމް އަފްޒަލް ވިދާޅުވީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ އެކި ކްލަސްޓާތަކާއި ގުޅުން ހުރި މީހުންކަމަށެވެ. އެގޮތުން މިއަދު ޕޮޒިޓިވްވި 101 މީހުންގެ ތެރެއިން 79 މީހުނަކީ ބިދޭސީންކަމަށާއި، އެއީ ކުރީގެ ކްލަސްޓަތަކާއި ގުޅުންހުރި މީހުންކަމަށެވެ. މިއީ ފިޔަވަޅުތަކަށް ލުއި ދިނުމުން އައި ކޭސްތަކެއްކަމަށް ނުބެލެވޭކަމަށާއި، މިއީ ފެސިލިޓިސްތަކުގައ ތިބި ބައެއްކަމަށް ޑޮކްޓަރ އިބްރާހީމް އަފްޒލް ވިދާޅުވިއެވެ. މީގެ އިތުރުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން އެއްވެސް ކްލަސްޓާސްއަކާއި ގުޅުން ނެތް އެއް ބިދޭސީއެއްވެސް ފެނިފައިވާކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.
މިއަދު ޕޮޒިޓިވްވި ކޭސްތަކުގެ ތެރެއިން ކްލަސްޓާސްތަކާއި ގުޅުންހުރި 7 ދިވެހިން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، ކްލަސްޓާސްއަކާއި ގުޅުންނެތް އެއް ދިވެއްސެއް ކޯވިޑަށް ޕޮޒިޓިވްވެފައިވާކަމަށްވެސް ޑރ.އަފްޒަލް ވިދާޅުވިއެވެ.
މިހާތަނަށް ފަރުވާދެވި މިބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދަކީ 453 އެކެވެ. މަބްރޫކް ވިދާޅުވީ މިހާރު 3 ލެބޯޓްރީއަކުން ޓެސްޓް ހަދަމުން ގެންދާކަމަށެވެ. މިއާއި އެކު ކޮންމެ ދުވަހަކުވެސް ނަތިޖާތައް އިއުލާންކުރުމުގައި އަމަލު ކުރާނީ ދަންވަރު ބާރައިން ފެށިގެން އަންނަ ދުވަހުގެ އިރުއޮއްސި 6 ގެ ނިޔަލަށް ލިބޭ ނަތީޖާތަކަށް ބަލައިގެންކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖެއިން ކޯވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ގިނައީ ބިދޭސީންނެވެ. އޭގެ ތެރެއިން އެންމެ ގިނައީ ބަންގްލަދޭޝް ރައްޔިތުންނެވެ.
އެންމެ ގިނައިން ރާއްޖޭގައި ކޯވިޑް19 އަށް ޕޮޒިޓިވްވެފައިވަނީ ޒުވާން އުމުރުފުރާގެ މީހުންނެވެ. މި ބަލި ޖެހުނު މީހުންގެ އުމުރުފުރާއަށް ބަލާލާއިރު 21 އަހަރާއި 30 އަހަރާއި ދެމެދުގެ އުމުރު ފުރާގެ 557 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން 508 މީހުންނަކީ ފިރިހެނުންނެވެ. އަންހެނުންގެ އަދަދަކީ 49 އެކެވެ. ދެން މި ބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ 31 އަހަރާއި 40 ދެމެދުގެ މީހުންނެވެ. މި އުމުރާއިން 508 ފިރިހެނަކާއި 62 އަންހެންނަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.
މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި އެންމެ އުމުރުން ދުވަސްވި މީހަކީ އުމުރުން 92 އަހަރުގެ ފިރިހެނެކެވެ. އަދި އެންމެ ހަގު އުމުރަކީ އެގާރަދުވަހުގެ ފިރިހެން ކުއްޖެކެވެ.