ވިޔަފާރި

ޕީއެސްއެމްއަށް ގޮންޖެހުން ބޮޑު، އެކަމަކު ކަންތައްތަކެއް ދަސްވެއްޖެ- އަލީ ޚާލިދު


ލޮކްޑައުންގައި މަސައްކަތްކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވިޔަސް، ޕީއެސްއެމްއިން ބެލީ އެކަމުންވެސް ފުރުޞަތުތަކެއް ހޯދުމަށްކަމަށް ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޚާލިދު ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އަމިއްލަ ބައެއް ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތް ވެބިނާއެއްގައި ވާހަކަފުޅުދައްކަވަމުން ޕީއެސްއެމް މެނޭޖިންގ ޑިރެކްޓަރ އަލީ ޚާލިދު ވިދާޅުވީ ޚަރަދު ކުޑަކުރުމަށް މިދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު، ޕީއެސްއެމްއަށް މިއަހަރު ފެށިގެން އައީ އުޖާލާކޮށްކަމަށެވެ. އެގޮތުން ކުންފުނީގެ ޚަރަދުތަކަށް ބޭނުންވާ ފައިސާގެ ބޮޑުބައެއް އަހަރު ފެށުނުއިރު ހަމަޖެހިފައި ހުރިކަން އަލީ ޚާލިދު ފާހަގަކުރެއްވިއެވެ. ނަމަވެސް އެއަށްފަހު ކޯވިޑްގެ ކަންތަކާޖެހުމުން އިތުރު ޕްލޭންތަކެއް ހަދަންޖެހުނުކަމަށާއި، ނަމަވެސް ޕީއެސްއެމްއިން ބެލީ އެކަމުގައިވެސް ހުރި ފުރުޞަތުތައް ދެނެގަތުމަށްކަމަށް އަލީ ޚާލިދު ވިދާޅުވިއެވެ.

"އަހަރު ފެށުނުއިރު ބޭނުންވި ފައިސާގެ ފަސް ބައިކުޅަ އެއްބައި ލިބިއްޖެ. ދެން އޮތް ބަޔަށް މަސައްކަތްކުރަނިކޮށް ކޯވިޑްގެ ކަންތައް ޖެހުނީ. މިކަން ކުރިމަތީވީމަވެސް އަޅުގަނޑުމެން ބެލީ މީގައިވެސް ފުރުޞަތުތަކެއް އޮންނާނެކަމަށް. އަޅުގަނޑުމެން އެކުލަވާލީ އިމަޖެންސީ ޕްލޭނެއް. އެކި ހާލަތަށް ބަލައިގެން" އަލީ ވިދާޅުވިއެވެ.

އަލީ ޚާލިދު ވިދާޅުވީ ކުންފުންޏަށް އާމްދަނީ ލިބޭނެ ގޮތްތައް ހޯދުމަށް ކޯވިޑްގެ ޙާލަތުގައިވެސް މަސައްކަތްކުރެއްވިކަމަށެވެ. އެގޮތުން ސްޕޮންސަރުން ދޫވިޔަ ނުދީ ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށް އަލީ ޚާލިދު ވިދާޅުވިއެވެ.

"ސްޕޮސްނަރ މެއިންޓެއިންކުރަން ހަދާނީ ކިހިނެތްތޯ؟ ބައެއް ސްޕޮންސަރުންނަށް ދަތިވުމުން، އެބޭފުޅުންނަށް ޚާއްސަ ގޮތްތަކެއް ހަދައިގެން ބެހެއްޓުމަށް މަސައްކަތްކުރިން. ބައެއް ސްޕޮންސަރުންނަށް ޑިސްކައުންޓް ދިނިން. އަދި އަޅުގަނޑުމެންނާއެކު ތިބި ސްޕޮންސަރުންގެ އިޝްތިހާރުތައް އިތުރުކުރިން" އަލީ ޚާލިދު ވިދާޅުވިއެވެ.

އަލީ ޚާލިދު ވިދާޅުވީ ކުންފުނީގެ އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކިނުކޮށް ބެހެއްޓުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށެވެ. އެގޮތުން އެކަމަށްވެސް ބައެއް ޚަރަދުތައް ކުޑަކުރަންޖެހުނުކަމަށާއި ނަމަވެސް އެކަންކުރެއްވީވެސް ދެފުށް ފެންނަ ގޮތަކަށްކަމަށް އަލީ ޚާލިދު ފާހަގަކުރެއްވިއެވެ.

އަލީ ޚާލިދު ދެއްކެވި ވާހަކަފުޅުގައި ލޮކްޑައުންގެ ތެރެއިން ގިނަ ކަންތައްތަކެއް ދަސްވެގެން ހިނގައްޖެކަން ފާހަގަކުރެއްވިއެވެ. އެގޮތުން ކަންކަންކުރުމުގެ ތަރުތީބު ވަރަށް ބޮޑަށް ބަދަލުކޮށް، އާ ގޮތްތައް ހޯދަންޖެހޭކަމަށް ވިދާޅުވިއެވެ. އަދި އެކިކަހަލަ ހާލަތްތަކަށް އަބަދުވެސް ތައްޔާރުވެ ތިބުމަށް ޕްލޭންތައް ރާވާފައި ހުރުމުގެ މުހިއްމުކަންވެސް އަލީ ޚާލިދު ފާހަގަކުރެއްވިއެވެ.

"މިއަށްވުރެ މަދު މީހުން ގޮވައިގެންވެސް ކުންފުނި ހިންގޭނެކަން ހާމަވެގެން ގޮސްފި. މީގައި ހުރި ފުރުޞަތުތައް ހޯދައިގެން، އާ ބިންގަލަކުން ފަށައިފިނަމަ، ދެން މިފަދަ ކަމެއް ދިމާވެއްޖެނަމަ ތިބޭނީ ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައި" އަލީ ޚާލިދު ވިދާޅުވިއެވެ.

އޮޑިޓަރ ޖެނަރަލްގެ އޮފީހުން އިންތިޒާމްކޮށްގެން ބޭއްވި ވެބިނާގައި ޕީއެސްއެމްގެ އިތުރުން، ކޯވިޑްގެ ހާލަތުގައި ރައްޔިތުންނަށް އެކި ކަހަލަ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އޭގެތެރޭގައި އެސްޓީއޯ، އެމްޓީސީސީ، ޓްރީޓޮޕް ހޮސްޕިޓަލް ހިމެނެއެވެ.