އެއްގަމު ދަތުރުފަތުގެ ޤާނޫނާ ޚިލާފްވުމުން ކޮށްފައިވާ ޖޫރިމަނާ ފައިސާ މާފްކޮށްދިނުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިއަދު ތަޞްދީޤް ކުރައްވައިފިއެވެ. މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ.
ސަރުކާރުގެ ފަރާތުރުން މަޑަވެލި ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު ހުށައެޅުއްވި މިބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިމަހުގެ ތިން ވަނަ ދުުވަހުގެ ޖަލްސާއިންނެވެ.
މިއަދު ރައީސް ތަސްދީގުކުރެއްވި މިބިލްގައި ބުނެފައިވަނީ، މިބިލް ޤާނޫނަކަށްވެ އަމަލުކުރަން ފެށުމުގެ ކުރިން ޤަވާއިދާ ޚިލާފަށް ޕާކްކޮށްގެން ކޮށްފައިވާ ޖޫރިމަނާ ފައިސާއާއި، ސްޓިކާއަށް ދައްކަން ޖެހޭ ޖޫރިމަނާ ފައިސާއާއި، ލައިސަންސް ހިފެހެއްޓުމުން ކޮށްފައިވާ ޖޫރިމަނާ ފައިސާ މައާފްވާނެކަމަށެވެ.
މީގެއިތުރުން ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދެއް ފުލުހުން ނަގައިގެން ގެންދާ ވަގުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި އެ އުޅަނދެއްގެ މަޢުލޫމާތު ފަސޭހައިން ފެންނާނެހެން އާންމުކުރެވޭނެކަމަށާއި، އެ އުޅަނދުގެ ވެރިފަރާތަށް އުޅަނދާ ހަވާލުވުމަށް 60 ދުވަހުގެ މުހުލަތެއްދެވޭނެ ކަމަށވެސް ބުނެފައިވެއެވެ.
އެއަށްފަހު މިނިސްޓްރީން ކަނޑައަޅާ ވަކި މުއްދަތުގެ ތެރޭގައި އެއުޅަނދަކާއި ހަވާލުނުވެއްޖެނަމަ އެއުޅަނދެއް ނީލަން ކިއުން ނުވަތަ ނައްތާލުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވާނެކަމަށް ކަނޑައޅާފައިވެއެވެ.
ނަމަވެސް ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އުޅަނދު ވަނީ އިސްތިސްނާކޮށްފައެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ބޭނުން ކުރާ ޚާއްސަ އެއްގަމު އުޅަނދުތަކުގެ އަހަރީ ފީ ދެއްކުންވެސް ވަނީ އިސްތިސްނާކޮށްފައެވެ.