ވިޔަފާރި

މީރާ މެދުވެރިކޮށް މިއަހަރު ލިބޭނެކަމަށް ލަފާކުރެވެނީ 8.95 ބިލިއަން ރުފިޔާ


މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ، މީރާ މެދުވެރިކޮށް މިއަހަރުގެ ތެރޭގައި ލިބޭނެކަމަށް އަންދާޒާކުރެވެނީ 8.95 ބިލިއަން ރުފިޔާކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްޒޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީރާގެ މަސައްކަތްތަކާއި ބެހޭގޮތުން ވާހަކަދައްވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްޒޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވީ، ދައުލަތުން ބަލައިގަންނަ އާމްދަނީގެ 75 އިންސައްތަ އާމްދަނީ ބަލައިގަންނަނީ މީރާ މެދުވެރިކޮށްކަމަށެވެ.
އަދި 2020 ވަނަ އަހަރުގެ ބަޖެޓް އެކުލަވާލިއިރު ބަޖެޓް ތައްޔާރުކޮށްފައިވަނީ މިއަހަރުގެ ފަތުރުވެރިކަން ރަނގަޅުވެ ދައުލަތައް ވަންނަ އާމްދަނީ އިތުރުވާނެކަމަށް ބަލައިގެންކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިއަހަރުގެ ތެރޭގައި މީރާ މެދުވެރިކޮށް ބަލައިގަންނާނެކަމަށް ކުރިން އަންދާޒާކޮށްފައިވަނީ 17.20 ބިލިއަން ރުފިޔާއެވެ. ނަމަވެސް ކޯވިޑް19 އާއި ގުޅިގެން އައިސްފައިވާ ޙާއްސަ ހާލަތާއި ގުޅިގެން މީރާ މެދުވެރިކޮށް ލިބޭ އާމްދަނީއަށް ވަރަށްބޮޑު ބަދަލެއް އަންނާނެކަމަށް ފަތުހުﷲ ވިދާޅުވިއެވެ. އެގޮތުން މީރާ މެދުވެރިކޮށް މިއަހަރު ބަލައިގަނެވޭނެ އާމްދަނީ މިހާރު ހުންނާނެކަމަށް ބެލެވެނީ 8.95 ބިލިއަން ރުފިޔާކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު މިބަލަނީ ސިނާރއޯ 3 ގައި ކަމަށް ހުންނާނީ. އެހެންވެއްޖެނަމަ ކުރިން އަޅުގަނޑުމެން އަންދާޒާކުރި 17.2 ބިލިއަންގެ ތެރެއިން މިހާރު ލިބޭނެކަމަށް މި ޤަބޫލުކުރެވެނީ 8.95 ބިލިއަން ރުފިޔާ. އެހެންވެއްޖެއްޔާ އެއީ ގާތްގަނޑަކަށް %48 ގެ ދަށްވުމެއް." ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްޒޭޝަން ފަތުހުއްﷲ ޖަމީލް ވިދާޅުވިއެވެ.

މިއަހަރު ތެރޭގައި މީރާއަށް ބަލައިގަންނަމުން އައި ފައިސާ މިހާތަނަށްވެސް އައީ ދަށްވަމުންނެވެ. ޖަނަވަރީމަހު 1.8 ބިލިއަން ރުފިޔާ ބަލައިގަތްއިރު، އޭޕްރީލްމަހު ބަލައިގަތީ 527 މިލިއަން ރުފިޔާއެވެ. އަދި މޭމަހު 17 އާއި ހަމައަށް މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ އުޅެނީ 109 މިލިއަން ރުފިޔާގައެވެ.

އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކޯވިޑްގެ ސަބަބުން ފަތުރުވެރިކަން ހުއްޓިފައިވުމާއި، ވިޔަފާރިތައްވެސް ހުއްޓިފައިވުމުގެ ސަބަބުންކަމަށް މީރާއިން ވިދާޅުވެއެވެ.