ކޯވިޑް-19އަށް ޕޮޒިޓިވްވި ދިވެހިންގެ ޢަދަދު 500 އަށް އަރަައިފިއެވެ. އެޗްޕީއޭއިން އެންމެފަހުން ހާމަކުރި ކޯވިޑް-19 ޕޮޒިޓިވްވި ކޭސްތަކުގެ ޖުމްލަ ޢަދަދުވަނީ 1438 އަށްއަރާފައެވެ. މިއާއެކު މި ބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ ޖުމްލަ ޢަދަދަކީ މިހާރު 507 އެވެ. މިބަލި ޖެހުނު މީހުންގެ ތެރޭގައި އެކި ޤައުމުތަކަށް ނިސްބަތްވާ މީހުން ހިމެނޭއިރު، މިބަލީގައި ދެވަނައަށް އެންމެ ގިނައިން ޕޮޒިޓިވްވީ ދިވެހިންނެެވެ.
ރާއްޖެއިން ޕޮޒިޓިވްވި މީހުގެން ތެރޭގައި ބިދޭސީން ގިނަކަން ތަފާސްހިސާބުތަކުން ފެންނަން ހުރިއިރު، ޕޮޒިޓިވްވި ބިދޭސީންގެ ޖުމަލަ އަދަދަކީ 931 އެވެ. ވަކި ޤައުމަކަށް ނިސްބަތްވާ އާބާދީގެ ތެރެއިން އެންމެ ގިނައިން ޕޮޒިޓިވްވީ ބަންގްލަދޭޝް މީހުންނެވެ. ރާއްޖޭގައި މިބަލި ޖެހުނު މީހުންގެ ތެރެއުން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުނަކީވެސް އެޤައުމަށް ނިސްބަތްވާ މީހުންނެވެ، މިހާތަނަށް މިބަލި ޖެހުނު ބަންގްލަދޭޝްމީހުންގެ ޢަދަދުވަނީ 737އަށް އަރާފައެވެ.
ރާއްޖެއިން ކޯވިޑް-19 ފެނުނުތާ 81 ދުވަސްވެފައިވާއިރު، އެންމެ ގިނަމީހުން މިބައްޔަށް ޕޮޒިޓިވްވީ މިދިޔަ އޭޕްރީލް މަހުގެ 15ވަނަ ދުވަހު މާލެއިން ބަލި ފެނުނުފަހުންނެވެ. މުޖުތަމައުގެ ތެރޭގައި ކޯވިޑް-19ގެ ބަލި މަޑުކަން ފެތުރެން ފެށިފަހުން ބަލި ޖެހުނު މީހުންގެ ތެރެއިން 214 މީހަކު ބަލިން ރަނގަޅު ވެފައިވާކަމުގައި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 77 މީހަކު ރަނގަޅުވެ، މި ބަލިން ރަނގަޅުވި މީހުންގެ ޖުމަލަ އަދަދު މިހާރު މިވަނީ 232 އަށް އަރާފައެވެ. ރަނގަޅުވި މީހުންގެ ތެރޭގައިވެސް ގިނައީ ދިވެހިންނެވެ.