ތިމާވެށި

3 ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށަނީ


ހއ. ހޯރަފުށްޓާއި އއ. އުކުޅަހުގެ އިތުރުން ދ. މާއެނބޫދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފިއެވެ.އެންވާރުމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހޯރަފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ހަވާލުކުރީ އެމް.ޓީ.ސީ.ސީ އަށެވެ. އަދި އުކުޅަހާއި މާއެނބޫދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހަވާލުކުރީ ސާސް-އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައި ވާ ޖޮއިޏްޓް ވެންޗަރ ކުންފުންޏަކާއެވެ.ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ތޯރިޤް އިބްރާހިމްއެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއެ ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާޤް ހަލީމެވެ.މީގެ އިތުރުން ޖޮއިންޓް ވެންޗަރ ކުންފުނީގެ ފަރާތުން އުކުޅަހާއި މާއެނބޫދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ސާސް-އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ ސައުދުﷲ އަހުމަދުއެވެ.ހއ. ހޯރަފުށީގެ ގޮނޑުދޮށް، ބޮޑުހިލަޖަހައިގެން ހިމާޔަތްކުރުމަށް އެމްޓީސީސީއާއި ހަވާލުކޮއްފައި ވަނީ 180 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. މި މަސައްކަތަށް 19.1 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.މީގެ އިތުރުން ބޮޑު ހިލަ ޖަހައިގެން އއ. އުކުޅަހު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 157 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. މި މަޝްރޫޢަށް 8.9 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް މިނިސްޓްރީން ލަފާ ކުރެއެވެ. އަދި ދ. މާއެނބޫދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ދެސަރަހައްދެއްގައި ބޮޑުހިލަޖެހުމާއި އެއް ސަރަހައްދެއްގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ސަތޭކަ ފަންސާސް ނުވަ ދުވަހުން ނިންމުމަށެވެ. މި މަސައްކަތަށް 19.6 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް މިނިސްޓްރީން އަންދާޒާ ކުރެއެވެ.