މާލެ ސަރަޙައްދު އިތުރު 2 ހަފްތާއަށް ފުރަބަންދުގައި ބޭއްވުމަށް ނިންމައިފިއެވެ. މި ނިންމުމާއި އެކު މިމަހުގެ 28ގެ ނިޔަލަށް މާލެ ސަރަހައްދަށް އޮންނާނީ ފުރަބަންދުގައެވެ. މީ މާލެ ސަރަހައްދުގެ ފުރަބަންދުގެ މުއްދަތު އިތުރު ކުރި ހަތަރުވަނަ ފަހަރުއެވެ.
ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދު ފުރަބަންދުކުރުމަށް ފުރަތަމަ ނިންމީ މާލެއިން މި ބަލީގެ މީހަކު ފެނުނު ދުވަހުއެވެ. އެއީ މިދިޔަ އޭޕްރިލް މަހުގެ 15 ވަނަދުވަހެވެ. އެދުވަހު ފުރަތަމަ ފަހަރަށް މާލެ ސަރަހައްދު ފުރަ ބަންދުކުރީ 24 ގަޑިއިރަށެވެ. އަދި ޖެހިގެން އައި ދުވަހުވެސް އިތުރު ސައްވިސް ގަޑިއިރަށް ފުރަބަންދުކުރުމަށްފަހު 14 ދުވަހުގެ މުއްދަތަށް މާލެ ސަރަހައްދު ފުރަބަންދުކުރީ އޭޕްރިލް މަހުގެ 17 ވަނަދުވަހުން ފެށިގެންނެވެ. އަދި އެ މުއްދަތު ހަމަވުމާއި އެކު މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން އިތުރު 14 ދުވަހަށް އަނެއްކާވެސް ފުރަބަންދުގެ މުއްދަތު އިތުރުކުރިއެވެ.
މާލެ ސަރަހައްދު ފުރަބަންދުގައި އޮންނަތާ މިއަދަށް މީ 29 ވަނަދުވަހެވެ. އެޗްޕީއޭއިން ވިދާޅުވީ މާލެ ސަރަހައްދުގައި ކޯވިޑް ފެތުރޭ ހާލަތަށް ރިއާޔަތްކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް ފެންނަ ހާލަތުގައި މާލޭ ސަރަހައްދުގައި މަގުމައްޗަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރަން އެންގި އެންގުމުގެ މުއްދަތު އިތުރުކުރަން ނިންމި ނިންމުމަށް ބަދަލު ގެނެސް ލުއިތައް ގެންނާނެކަމަށެވެ.
އިތުރު ދެ ހަފްތާގެ މުއްދަތަށް މާލޭ ސަރަހައްދުގެ ފުރަބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު ކުރިޔަށް އޮތް ދެ ހަފްތާއަކީ މާލެ ސަރަހައްދުގައި ކޯވިޑް ބަލީގެ ނުރައްކާ ޕީކަށް އަރާނެ ދުވަސްތައްކަމަށް ސިއްހީ މާހިރުންވަނީ ހާމަކުރައްވާފައެވެ. އެގޮތުން މި ބަލި އެންމެ މައްޗަށް ދާނެ ދުވަހަކީ މިމަހުގެ އެއްތީރީސްވަނަ ދުވަސްކަމަށް ލަފާކުރެވޭކަމަށްވެސް ސިއްހީ މާހިރުންވަނީ ވިދާޅުވެފައެވެ.
މި ބަލީގެ ނުރައްކާ ދެން އެންމެ ބޮޑީ ގޭބިސީތަކަށްކަމަށްވެސް ސިއްހީ މާހިރުން ވިިދާޅުވެއެވެ. މިގޮތުން ގިނަ އަދަދެއްގެ މީހުން ތޮއްޖެހިގެން އުޅުނު ތަންތަނުގައި މި ބަލި ފެތުރުމަށްފަހު ދެން މި ބަލި ފެތުރިގެން ދާނީ ގޭބިސީތަކުގައިކަމަށާއި އެކަމަށް ރައްކާތެރިވުމަށް ކުރީގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު، އަދި މިހާރު ކޯވިޑް-19އާ ގުޅިގެން އުފައްދާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕާއެކު މަސައްކަތްކުރައްވާ ޑރ.ޝީނާ މޫސާ ވަނީ ވިދާޅުވެފައެވެ.
ޑރ ޝިނާގެ ހިސާބުތައް ދައްކާގޮތުން މިބަލި އެންމެ ބޮޑަށް ޕީކަށްދާ ދުވަހު އެދުވަހު އެކަނިވެސް 1500 މީހުން ގައިން މި ބަލި ފެންނާނެއެވެ. އަދި 34 މީހަކަށް އެދުވަހު ހޮސްޕިޓަލްގައި ފަރުވާދޭން ޖެހޭއިރު 12 މީހަކަށް އައިސީޔޫގައިވެސް ފަރުވާދޭން ޖެހުމަކީ އެކަށިގެންވާކަމެއްކަމަށްވެސް ޑރ ޝީނާ ވަނީ ފާހަގަކުރައްވާފައެވެ.
އަދި ކުރިއަށް މި އޮތް 14 ދުވަހު 6804 މީހުންނަށް ބަލިޖެހޭނެކަމަށް ލަފާކުރެވެއެވެ. އަދި ހޮސްޕިޓަލުގައި 281 މީހަކަށް ފަރުވާދީ އައިސީޔޫގައި 101 މީހަކަށް ފަރުވާދޭންޖެހޭނެކަމަށްވެސް ޑރ.ޝީނާ ވަނީ ލަފާކުރައްވާފައެވެ.
ރާއްޖެއިން 77،000 އެއްހައި މީހުންނަށް ބަލި ޖެހޭނެކަމަށް ޑރ.ޝީނާ ލަފާކުރައްވާއިރު ހޮސްޕިޓަލްގައި 13 568 މީހުންނަށް ފަރުވާދޭން ޖެހި އައިސީޔޫގައި ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު 5800 ވުރެ މައްޗަށް އަރާނެކަމަށްވެސް ޑރ ޝިނާ ދިރާސާތަކުން ދައްކައެވެ. އަދި މިބަލިމަޑުކަމުގައި 2000 މީހުން ރާއްޖެއިން މަރުވާނެކަމަށް ކުރިން 2000 ލަފާކުރެވުނު ނަމަވެސް މި އަދަދު 900 ދަށަށްދާނެކަމަށް މިހާރު އަންދާޒާކުރެވޭކަމަށްވެސް ޑރ ޝިނާ ވަނީ ވިދާޅުވެފައެވެ.
- 12 މާޗް 2020ގައި ( 30 ދުވަހަށް )
- 10 އޭޕްރީލް 2020ގައި ( އޭޕްރީލް މަހުގެ ނިޔަލަށް )
- 30 އޭޕްރީލް 2020 ގައި ( މެއި މަހުގެ ނިޔަލަށް )
- 15 އޭޕްރީލް 2020 ގައި ( 24 ގަޑިއިރަށް )
- 16 އޭޕްރިލަ 2020 ގައި ( 24 ގަޑިއިރަށް )
- 17 އޭޕްރީލް 2020 ގައި ( 14 ދުވަހުގެ މުއްދަތަށް )
- 28 އޭޕްރީލް 2020 ގައި ( 14 ދުވަހުގެ މުއްދަތަށް )
- 14 މެއި 2020 ގައި ( 14 ދުވަހުގެ މުއްދަތަށް )
ޑރ ޝިނާ ވިދާޅުވީ މި މަހުގެ ތެރޭގައި ވަރަށް ބޮޑަށް ސޯޝަލް ޑިސްޓެންސްއަށް ސަމާލުކަން ދޭންޖެހޭކަމަށެވެ. އަދި ހިތްހަމަޖެހިލައިގެން ރިލެކްސް ވެވެން އޮތީ އޭގެ ފަހުންކަންވެސް ޑރ ޝީނާ ވަނީ ފާހަގަކުރައްވާފައެވެ.
މީ ކޯވިޑްގެ އެންމެ ނުރައްކާ ބޮޑުކަމަށް ލަފާކުރެވޭ ދެ ހަފްތާއަށް ވުމުން ބޭރަށް ނުކުތުމުގައި ހާއްސަ ސަމާލުކަން ދިނުމަށްވެސް ޑރ ޝީނާ ވަނީ ގޮއްވާލައްވާފައެވެ. އެގޮތުން ބޭރަށް ނުކުންނަ މީހުންގެ ފަރާތުން ގޭގައި ތިބި ފަރާތްތައް ބައްޔަށް ހުށައެޅިގެން ދާނެތީ ހުއްދަ ލިބިފައިވާ ފަރާތްތަކުންވެސް ބޭރަށް ކޮންމެހެން ނުކުންނަށް ޖެހިގެން ނޫނީ ނުނިކުތުމަށްވެސް ޑރ ޝިނާ ވަނީ އިލްތިމާސްކުރައްވާފައެވެ.