ޚަބަރު

ޓްރެފިކް ތޮއްޖެހޭ މައްސަލައަށް މިއަދު ހައްލެއް ލިބޭނެ- މިނިސްޓަރ


އިސްލާމީ މަރުކަޒާ އިންވެގެން ވަށައިގެން އޮންނަ މަގުތަކަކީ ހިނގާފައި އުޅޭ
ސަރަހައްދެއް ކަމަށް ހަމަޖައްސައި އެ ސަރަހައްދުގެ ޓްރެފިކަށް ގެނައި ބަދަލާ އެކު
މުޅި ސަރަހައްދުގެ ޓްރެފިކް ތޮއްޖެހިފައިވާ މައްސަލަ މިއަދު
ހައްލުކުރެވިގެންދާނެކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވެއްޖެއެވެ.



އިސްލާމީ މަރުކަޒުގެ ބޭރުގައި ނަމާދަށް ތިބެވޭ ޖާގަ ބޮޑުކޮށް އެ ތަނުގެ
ވަށައިގެންވާ މަގުތަކުގެ ޓްރެފިކަށް ބޮޑެތި ބަދަލުތަކެއް ގެނެސް މިއަދުން ފެށިގެން
އެ ބަދަލުތަކާ އެއްގޮތަށް އަމަލުކުރަންވަނީ ފަށާފައެވެ. މި ބަދަލާއެކު މި ސަރަޙައްދުގެ
މަގުތަކުގައި ވެހިކަލްތައް މިއަދުވަނީ ތޮއްޖެހިފައެވެ. މި
މަގުތަކަކީ ސްކޫލްތަކާއި މުހިއްމު އެހެން އިމާރާތްތައްވެސް ހުންނަ ސަރަހައްދެއްކަން ފާހަގަކޮށްލެވެއެވެ.



ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ މަގުތަކުގެ
ތޮއްޖެހުމުގެ ކަންތައް ހައްލުކުރުމަށް ޓްރާންސްޕޯރޓް އޮތޯރިޓީއާއި ފުލުހުން ގުޅިގެން
މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން މަގުގެ ބައެއް ދިމާލުގައި
ޕޭމަންޓްތަކަށް ބަދަލުގެނެސް ދުއްވާ ބައި ބޮޑުކުރަމުންދާކަމަށް މިނިސްޓަރ
ވިދާޅުވިއެވެ.



މިނިސްޓަރ ވިދާޅުވީ ބޮޑަށް މަގުތައް ތޮއްޖެހެން ދިމާވީ މިއީ ބަދަލުގެނައި
ފުރަތަމަ ދުވަސްކަމަށް ވުމުންކަމަށެވެ. އެެހެންކަމުން މިބަދަލަށް އާއްމުން
ހޭލުންތެރިކުމުގެ މަސައްކަތްވެސް ކުރެވެމުންދާކަމަށާއި ރާވާފައިވާގޮތަށް
ކުރިއަށްދާނަމަ މަގުތައް ތޮއްޖެހުމުގެ މައްސަލަ މިހާރަށްވުރެ ބޮޑަށް
ހައްލުވެގެންދާނެކަމަށެވެ. އަދި ފުރަތަމަ ފަށާއިރު
ދަތިވެދާނެތީ ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުން އެހީތެރިވަމުން ދާނެކަން
ހައުސިންގ މިނިސްޓަރ ފާހަގަކުރެއްވިއެެ.



މި ގެނެވުނު ބަދަލާއެކު ހިނގާފައި އުޅެންޖެހޭ މަގުތައްކަމަށް
ކަނޑައަޅާފައިވަނީ މެދުޒިޔާރަތް މަގު، ޝަހީދު ކުޑައާދަމްގެ
ކުޑަ ތުއްތު މަނިކު ހިނގުމާ ހިސާބުން ޗާނދަނީ މަގާ ހިސާބަށެވެ. އަދި އަމީރް އަހްމަދު
މަގު، ޗާނދަނީ މަގުން ފެށިގެން ޖުމްހޫރީ މައިދާނުގެ އިރުމަތީ ކަނާ ހަމައަށެވެ.



މަގުތަކުގެ ޓްރެފިކަށް ގެންނައި ބަދަލުތަކަށް ބަލާއިރު ކުރިން
ދެކޮޅަށް ދުއްވި، ޝަހީދު ކުޑަ އާދަމްގެ ކުޑަ ތުއްތު ހިނގުމަކީ އުތުރުން ދެކުނަށް
ދުއްވާ މަގެއްގެ ގޮތުގައިވަނީ ހަމަޖައްސާފައެވެ. އަދި ލިލީ
މަގު، ޝަހީދު ކުޑަ އާދަމްގެ ކުޑަ ތުއްތު ހިނގުމުން ޗާނދަނީ މަގާ ހިސާބަށް ދެކޮޅަށް
ދުއްވާ މަގަކަށް ބަދަލުކޮށްފައިވާއިރު ޗާނދަނީ މަގު، ފަރީދީ މަގުން ފެށިގެން ލިލީ
މަގާ ދެމެދުގައިވާ ސަރަހައްދު ދެކޮޅަށް ދުއްވާ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.

މީގެ
އިތުރުން ޖުމްހޫރީ ހިނގުން ދެކޮޅަށް ދުއްވާ މަގަކަށް ބަދަލުކޮށް ޗާނދަނީ މަގު
އަމީރު އަހްމަދު މަގުން ފެށިގެން ބޮޑު ތަކުރުފާނު މަަގަށް ދެކޮޅަށް ދުއްވާ ގޮތަށް ވަނީ
ބަދަލުކޮށްފައެވެ.