މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ބައެއް ޚިދުމަތްތައް މާދަމާއިން ފެށިގެން އޮންލައިންކޮށް ދިނުމަށް ނިންމައިފިއެވެ. 
މިގޮތުން 10 މޭއިން ފެށިގެން ހުކުރު އަދި ހޮނިހިރު ނޫން ކޮންމެ ދުވަހަކު އިކޮނޮމިކް މިނިސްޓްރީން ވިޔަފާރި ރަޖިސްޓްރީ ކުރުމާބެހޭ ޚިދުމަތްތައް ބިޒްނަސް ޕޯޓަލް business.egov.mv އަދި އީމެއިލް [email protected] މެދުވެރިކޮށް ދިނުމަށް ވަނީ ނިންމާފައެވެ. 
އިކޮނޮމިކް މިނިސްޓްރީން އޮންލައިންކޮށް ދޭ ޚިދުމަތްތަކުގެ ތެރޭގައި ވިޔަފާރި ނަން ފާސް ކުރުމާއި ނަން ރަޖިސްޓްރީ ކުރުން، އަމިއްލަ ފަރުދުންގެ ވިޔަފާރި އާއި ކުންފުނި ރަޖިސްޓްރީ ކުރުން، ކޯޕަރޭޓް ޕްރޮފައިލް ޝީޓް ދޫކުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތި ކުރުން، 
ލޯގޯ، ސީލް ރަޖިސްޓްރީ އަދި ޓްރޭޑްމާކް ރަޖިސްޓްރީ ކުރުން ހިމެނެއެވެ. މީގެއިތުރުން ވިޔަފާރި ހަރަކާތް ރަޖިސްޓްރީ ކުރުން، ކުންފުނި ނުވަތަ ޕާރޓްނަރޝިޕް އުވާލަން ހުށަހެޅުން އަދި ފޮރިން އިންވެސްޓްމަންޓް ރަޖިސްޓްރީކުރުމަށްވެސް އޮންލައިންކޮށް އެދެވޭނެ ކަމަށް އެމިނިސްޓްރީން މަޢުލޫމާތުދެއެވެ. 
އިކޮނޮމިކް މިނިސްޓްރީން ބުނީ ހުކުރު ދުވަހާއި ހޮނިހިރު ދުވަސް ނޫން ކޮންމެ ދުވަހަކު ހެނދުނު 10 އަކުން މެންދުރު 2 ޖޭހުމާއި ހަމަޔަށް މިޚިދުމަތްތަކަށް އޮންލައިންކޮށް އެދެވޭނެކަމަށެވެ. އަދި މިކަންކަމާއި ބެހޭ އިތުރު މައުލޫމާތު މިނިސްޓްރީގެ ލައިވް ޗެޓް 1691 މެދުވެރިކޮށް ލިބޭނެކަމަށެވެ. 
ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުުރުމަށް ފުރަބަންދު އިއުލާންކުރުމާއި ގުޅިގެން ސަރުކާރު މުއައްސަސާތަކާއި، ކުންފުނިތަކާއި އަމިއްލަ ވިޔަފާރިތަކުގެ ޚިދުމަތްތައް އޮންލައިންކޮށްދޭ ގޮތައް ބަދަލުތައް ގެނެސް އެޚިދުމަތްތައް އަންނަނީ ދެމުންނެވެ.