ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ނޯވޭގައި އަޅާފައިވާ ހަރުކަށި ފިޔަޅުތަކަށް ލުއިދޭން އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.
ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19ގެ ކޭސްތައް އެންމެ މަދުން ފެނިފައިވާ އަދި ބަލި ފެތުރޭ ނިސްބަތް ދަށްކުރެވިފައިވާ މަދު ޤައުމުތަކުގެ ތެރެއިން އެއް ޤައުމަކީ ނޯވޭއެވެ. 5.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނޯވޭގައި 8000 އަށްވުރެ ގިނަ މީހުން ކޯވިޑް-19 ޕޮޒިޓިވްވެފައި ވާއިރު، ބަލީގައި 200 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ނޯވޭގެ ބޮޑުވަޒީރު އެރްނާ ސޮލްބާގް ވަނީ އެ ޤައުމުގައި ކޯވިޑް-19 ފެތުރުން މިހާރު ކޮންޓްރޯލް ކުރެވިފައިވާކަން ރަސްމީކޮށް އިޢުލާން ކޮށްފައެވެ. އެރްނާ ވިދާޅުވީ، އެ ޤައުމުގައި ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި މާރިޗު މަހުގެ މެދުތެރެއިން ފެށިގެން ކުރަމުންދިޔަ މަސައްކަތްތައް ކާމިޔާބުވީ ތަންފީޒީ އިދާރާތަކާއި، ރައްޔިތުން ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ ސަބަބުންކަމަށެވެ.
"މިކަމުން އަރައިގަނެވޭނެކަމުގެ އުއްމީދު މިހާރު އެބައޮތް. އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިދޭނަން. އަމާޒަކީ ހޫނު މޫސުން އަންނަންވާއިރަށް ވީހާވެސް ގިނަ ވިޔަފާރިތަކާއި އެހެނިހެން ހަރަކާތްތަކަށް އަލުން ފުރުޞަތު ހުޅުވާލުން" ނޯވޭގެ ބޮޑުވަޒީރު ވިދާޅުވިއެވެ.
ކޯވިޑް-19 އާއި ދެކޮޅަށް ނޯވޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެ ޤައުމުގެ ސަރުކާރުން ލުއިދޭން ނިންމާފައިވާ ކަންކަމުގެ ތެރޭގަައި އެކަކު އަނެކަކާއި ބައްދަލުކޮށް އެކުގައި މަގުމަތީގައި އުޅެވޭނެ އެންމެ ގިނަ ޢަދަދެއްގެ ގޮތުގައި މިހާރު ހަމަޖައްސާފައިވަނީ 20 މީހުންނެވެ. ކުރިން މިގޮތަށް ނުކުމެ އުޅެވެނީ އެންމެ 5 މީހުންނަށެވެ. މި ޢަދަދު 20 ބަދަލުކުރިނަމަވެސް އެކަކު އަނެކަކާދެމެދު 1 މީޓަރު ނުވަތަ 3.3 ފޫޓުގެ ދުރުމިން ބަހައްޓަންޖެހޭނެކަމަށް ނޯވޭ ސަރުކާރުން ބުނެފައިވެއެވެ.
ނޯވޭގެ ހުރިހާ ސްކޫލްތަކެއްވެސް މިމަހުގެ 11 ވަނަ ދުވަހު އަލުން ހުޅުވާލުމަށް އެ ޤައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ. ނަމަވެސް އެއީ ހުރިހާ ކުދިން އެއްގަޑިއަކަށް ސްކޫލްތަކަށް ދިއުމުގެ ބަދަލުގައި، އެކި ގަޑިތަކަށް ބަހާލައިގެން ގެންދާގޮތަށެވެ. އަދި އިޖްތިމާއީ ގައިދުރުކަން ބަހައްޓައިގެން ޚިދުމަތްދޭގޮތަށް ނޯވޭގެ ޕާކުތަކާއި، ކްލަބްތަކާއި ބާރތައްވެސް ޖޫން އެކަކުން ފެށިގެން އާއްމުންނަށް ހުޅުވާލުމަށް ނޯވޭގެ ސަރުކާރުން ވަނީ ނިންމާފައެވެ.
މީގެ އިތުރުން އެކިކަހަލަ ކުޅިވަރު ކްލަބްތަކަށް އެމީހުންގެ ފަރިތަކުރުންތައް އަލުން ފެށުމުގެ ހުއްދަދީފައިވާއިރު، ޖޫން 15 އިން ފެށިގެން 200 މީހުންނަށްވުރެ ގިނަ ނުވާގޮތަށް އިޖްތިމާއީ ހަރަކާތްތައް ބޭއްވޭނެކަމަށްވެސް އެ ޤައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.
މިގޮތަށް ލުއިދިންނަމަވެސް ކޯވިޑް-19 ގެ ނުރައްކާ ކުޑަވެއްޖެކަމަށްދެކި، އާއްމު ޞިއްޙަތަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަރުވާ ކުޑަނުކުރުމަށް ނޯވޭގެ ރައްޔިތުންގެ ކިބައިން އެ ޤައުމުގެ ސަރުކާރުން ވަނީ އެދިފައެވެ.