 
										
			"އީސްޓޯރ.އެމްވީ"ގެ ޚިދުމަތް މީގެފަހުން ދޭނީ ހަމައެކަނި ހޯލްސޭލްކޮށް ތަކެތި ގަންނަ ފަރާތްތަކަށްކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ. 
އެސްޓީއޯއިން ޑެލިވަރީގެ ޚިދުމަތް އާއްމުންނަށް ފޯރުކޮށްދެމުންދިޔަ "އީސްޓޯރ.އެމްވީ"ގެ ޙިދުމަތް މެދުކަނޑާލާފައިވަނީ ޑެލިވަރީގެ ޙިދުމަތްދެމުންދިޔަ މުވައްޒަފެއް ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން މިމަހުގެ 5 ވަނަ ދުވަހުއެވެ. 
އެސްޓީއޯއިން މިރޭ ކުރި ޓުވީޓެއްގައި ބުނީ އީސްޓޯރ.އެމްވީ އިން ދެން ތަކެތި ވިއްކަމުންދާނީ މާލެތެރޭގެ ފިހާރަތަކަށް ހޯލްސޭލްކޮށްކަމަށެވެ. 
ކޯވިޑް-19ގެ ސަބަބުން މާލެ ފުރަބަންދުކޮށްފައިވުމުގެ ސަބަބުން ވިޔަފާރިކުރުމަށް ބޭރަށް ދިއުމުގެ ބަދަލުގައި ޑެލިވަރީގެ ނިޒާމު ގިނަ މީހުން މީހާރު އަންނަނީ ބޭނުންކުރަމުންނެވެ. އަދި އެސްޓީއޯއިން ގިނަ އަދަދެއްގެ ބަޔަކު ދިޔައީ އޮންލައިންކޮށް ވިޔަފާރި ކުރަމުންނެވެ. އެގޮތުން އެސްޓީއޯގެ "އީސްޓޯރ.އެމްވީ" މެދުވެރިކޮށް 5000 އަށްވުރެ ގިނަ މީހުން ވިޔަފާރިކޮށްފައިވެއެވެ. ޑިމާންޑު ބޮޑުވުމާއި ގުޅިގެން އެސްޓީއޯއީން ނަގަމުން ދިޔައީ ދުވާލަކަށް 300 އޯޑަރެވެ. 
މާލެ ސަރަޙައްދު ލޮކްޑައުންކުރުމާ ގުޅިގެން އެސްޓީއޯއިން އޮންލައިންކޮށް ވިޔަފާރިކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އެޕްރީލްމަހުގެ 15 ވަނަ ދުވަހުއެވެ.