ޚަބަރު

އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ޙާއްސަ ސްކީމެއް ޢިއުލާންކުރަނީ


ކޯވިޑް-19އާ ގުޅިގެން އަމިއްލައަށް އާމްދަނީ ހޯދާ ފަރާތްތަކަށް އެހީތެރިވުމަށް އައު ގްރާންޓް ސްކީމެއް މިހަފްތާ ތެރޭގައި އިއުލާން ކުރާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަބާވު ދެއްވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ އަމިއްލައަށް އާމްދަނީ ހޯދަން އެކިބާވަތުގެ މަސައްކަތްކުރާ ފަރާތްތަކަށް މިހާރުވެސް އެސްޑީއެފްސީން އިއުލާންކޮށްފައިވާ ރިލީފް ލޯން ސްކީމަށްވެސް ކުރިމަތި ލެވޭނެކަމަށެވެ.

އަދި މިގޮތުން މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން އައު ގްރާންޓް ސްކީމެއް މިހަފްތާގައި އިއުލާން ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުން ގްރާންޓް ސްކީމަށް އެދުމަށްޓަކައި www.jobcenter.mv (ޖޮބްސެންތަރ ޑޮޓް އެމްވީ)ގައި ރަޖިސްޓަރ ވާންޖެހޭނެކަމަށް މިނިސްތަރ ވިދާޅުވިއެވެ. އަދި މިއީ ހުރިހާ ބާވަތެއްގެ މަސައްކަތް ކުރާ ފަރާތްތަކަށްވެސް އެދެވޭނެ ސްކީމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިއީ ކޯވިޑް-19އާ ގުޅިގެން ވަޒީފާއަށް ބުރޫއަރައި ޢާމްދަނީ ލިބުން ހުއްޓިފައިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ފޯރުކޮށްދޭ ސްކީމެކެވެ. މިސްކީމް ތައަރަފްކުރަން މިއުޅޭ ވަގުތަކީ މީސްމީޑިއާގައި އަމިއްލަ މަސައްކަތް ކުރާ އެކި ފަރާތްތަކުން ކޯވިޑް-19އާ ގުޅިގެން އާމްދަނީ ހޯދުމަށް ބުރޫއަރާފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުންދާ ވަގުތެކެވެ. އިކޮނޮމިކް މިނިސްޓަރ ފައްޔާޒު ވަނީ މިފަދަ ފަރާތްތަކުން ކޮށްފައިވާ ޓުއިޓުތަކަށްވެސް ޖަވާބު ދެއްވައި ބައެއް ފްރީލާންސް މަސައްކަތްތެރިންނާއި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުވެސް ކުރައްވާފައެވެ. އަދި އެފަރާތްތަކުގެ ކަންބޮޑުވުުން އައްސަވައި މައްސަލަތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތް މިނިސްޓަރ ވަނީ ހާމަކުރައްވާފައެވެ.