ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި ދިވެހިންގެ ޢަދަދު 200 އަށްވުރެއް މައްޗަށް އަރައިފިއެވެ.
މިއަދު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންނާއެކު، މިހާރު ޖުމުލަ ޕޮޒިޓިވްވި ދިވެހިންގެ ޢަދަދު 205އަށް އަރާފައެވެ. ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 573އަށް ވަނީ އަރާފައެވެ. ރާއްޖެއިން ބަލި ފެނުނުތާ 40 ދުވަސްފަހުން މާލެއިން ބަލި ފެނުމާއެކު ރާއްޖެވަނީ ބަލިޖެހޭ މީހުން އިތުރުވެ މުޖުތަމައުގައި ފެތުރެމުންދާ ބަލިމަޑުކަމަކަށްވެފައެވެ. ބަލި ފެތުރިފައިވާ ގޮތަށް ބަލާއިރު ފާއިތުވެދިޔަ 15 ދުވަހަކީ މިބަލި އެންމެބޮޑަށް ފެތުރިފައިވާ 15 ދުވަހެވެ. 15 ދުވަހުގެ ތެރޭގައި ރާއްޖެއިން ވަނީ 500 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައެވެ.
މުޖުތަމަޢުގައި ބަލި ކޮންޓްރޯލްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވީނަމަވެސް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އަދިވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެއްކަމަށް ކަމާއިބެހޭ ފަރާތްތަކުން ހާމަކުރެއެވެ. އަދި ކުރިއަށް އޮތް 2 ހަފްތާއަކީ ރައްޖޭގައި އެންމެ ޙާލަތު ގޯސްވާނެކަމަށް ލަފާކުރެވޭ 2 ހަފްތާއަށްވާއިރު މި ދެހްފްތާގައި ވަރަށް ބޮޑަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
ރާއްޖޭގައި މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 205 މީހުންނަކީ ދިވެހިންނެވެ. އަދި މިބަލި ޖެހުނު ބިދޭސީންގެ ޢަދަދަކީ 368އެވެ. ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ގިނައީ ފިރިހެނުންނެވެ. ބަލި ކޮންޓްރޯލްކުރުމަށްޓަކައި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި މާލޭގައި ތޮއްޖެހިގެން އުޅޭ ބިދޭސީން މާލެއިން އެހެން ރަށްތަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.