ސިޔާސީ

ކުރީގެ ވަޒީރު ނަސީމްގެ ފޯނަށް ދޮޅު ލައްކައަށް ވުރެ ގިނަ ރުފިޔާ


ކުރީގެ ފޮރިންގ
މިނިސްޓަރ އަޙްމަދު ނަސީމު ސިންގަޕޫރުން ބައްލަވައިގަތް އައި ފޯނަކާއި، އެފޯނުގެ
ބިލަށް ހޭދަކޮށްފައިވާ ދޮޅު ލައްކަ އަަށް ވުރެ ގިނަ ރުފިޔާ
ހޯދަން އޮޑިޓަ ޖެނެރަލް ލަފާ ދެއްވައިފިއެވެ. 

އޮޑިޓަރ
ޖެނެރަލް ހަސަން ޒިޔާތު ސައޮކުރައްވާ ނެރުއްވާފައިވާ ފޮރިންގ މިނިސްޓްރީގެ 2011
ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވަނީ ސިންގަޕޫރުގައި ހުންނަ ދިވެހި ރާއްޖޭގެ ހައިކޮމިޝަން މެދުވެރިކޮށް، އެޕަލް އައިފޯނާއި، ފޯނުލައިން
އެއްވެސް ލިޔެކިޔުމަކާ ނުލައި އޭނައާ ހަވާލުކޮށްފައިވާކަމަށެވެ. ފޮރިންގ މިނިސްޓްރީގެ ނަމުގައި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހޯދާ ތަކެތި
ލިޔެކިޔުމަކާ ނުލައި ހަވާލު ކުރުމަކީ މާލިއްޔަތު ގަވާއިދާ ހިލާފު ކަމެއް ކަމަށާ
އޮޑިޓަރ ޖެނެރަލް ވިދާޅުވެފައިވެއެވެ. 

ފޮރިންގ މިނިސްޓްރީގެ
ހަރުމުދަލުގެ ރަޖިސްޓްރީގައި އެ ފޯނު ހިމަނާފައިނުވާއިރު، މިހާރު އެ ފޯނު
މިނިސްޓްރީގައި ނެތް ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިނިސްޓަރ
ނަސީމް މާލެ ވަޑައިގަތުމަށް ފަހު ރޯމިން ބޭނުންކުރެއްވުމުގެ  ސަބަބުން 2011 ވަނަ އަހަރު ދިހަހާސް ހަތަރު
ސަތޭކަ ނުވަދިހަ ހަ ސިންގަޕޫރު ޑޮލަރު އަރާފައިވާއިރު، 2012 ވަނަ އަހަރު ދެހާސް
ނުވަ ސަތޭކަ ނުވަދިހަ އެއް  ސިންގަޕޫރު
ޑޮލަރު އަރާފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވިދާޅުވެފައިވެއެވެ. 

އެއީ ދިވެހި
ފައިސާއިންނަމަ ގާތްގަނޑަކަށް އެއްލައްކަ ފަސްދޮޅަސް ނުވަހާސް ހަ ސަތޭކަ
ނުވަދިހަ ދެ ރުފިޔާ. އެެހެންކަމުން ވަޒީރުންގެ މަޖިލީހުގެ
މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާ ފަރާތަކީ ރައްޔިތުންގެ މަޖިލިސް
ކަމުގައި ގާނޫނު އަސާސީގެ 102 ވަނަ މާއްދާގައި ބަޔާންކޮށްފައިވުމާ އެކު،
ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަކާ ނުލައި މިފަދަ އިނާޔަތެއް ނެގުމަކީ ގާނޫނު
އަސާސީއާ ހިލާފު ކަމެއް ކަމުގައި އޮޑިޓަރ ޖެނެރަލް ފާހަގަކޮށްފައިވެއެވެ.



ފޮރިން މިނިސްޓަރ ނަސީމަށް ދީފައިވާ ފޯނާއި
ފޯނުލައިން ވެސް ރަޖިސްޓްރީކޮށްފައި ވަނީ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ނަމުގައި
ކަމަށްވާތީ އެ ފޯނު އަނބުރާ ހޯދުމަށްފަހު މިނިސްޓްރީގެ ހަރުމުދަލުގެ ތެރޭގައި
ހިމެނުމަށް އޮޑިޓަރ ޖެނެރަލް ލަފާދެއްވާފައިވެއެވެ.