އެސްޓީއޯއިން ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދެމުންދާ "އީސްޓޯރ.އެމްވީ" މެދުވެރިކޮށް 5000 އަށްވުރެ ގިނަ މީހުން ވިޔަފާރިކޮށްފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެސްޓީއޯއިން އޮންލައިންކޮށް ވިޔަފާރިކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެޕްރީލްމަހުގެ 15 ވަނަ ދުވަހުއެވެ. އެ ކުންފުނިން ބުނީ 15 އެޕްރީލްއިން ފެށިގެން މިމަހުގެ 1 ވަނަ ދުވަހާއި ހަމައަށް އެސްޓީއޯގެ އޮންލައިންކޮށް ވިޔަފާރިކުރެވޭ ޕްލެޓްފޯމް "އީސްޓޯރ.އެމްވީ" މެދުވެރިކޮށް 5000 މީހުން ވިޔަފާރިކޮށްފައިވާކަމަށެވެ.
"އީސްޓޯރ.އެމްވީ" އަށް ޒިޔާރާތްކުރުމުން އެސްޓީއޯ ސުޕަރމާކެޓުން ވިއްކާ ކާބޯތަކެއްޗާއި ގޭތެރޭގައި ބޭނުންކުރާ ސާމާނާއި އެހެނިހެން ތަކެތި އޮންލައިންކޮށް ގަނެވޭނެއެވެ. މި ވެބްސައިޓުން ވިޔަފާރި ހުޅުވާލަނީ ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން ފެށިގެންނެވެ. އަދި ކަނޑައެޅިފައިވާ ވަކި މިންވަރަކަށް އޯޑަރު ލިބުމުން އޯޑަރު ނެގުން އެދުވަހަކަށް ބަންދުކުރެއެވެ. "އީސްޓޯރ.އެމްވީ" އިން ގަންނަ ތަކެތި ދުވަހުން ދުވަހަށް ޑެލިވަރ ކޮށްދޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.
މި ވެބްސައިޓުގެ ހޯމް ޕޭޖުގައި އެސްޓީއޯ ސުޕަރމާކެޓުން ވިއްކާ ތަކެތީގެ ފޮޓޯތަކާއި އަގުތަކާއި މި ތަކެތި ގަނެވޭނެ އެންމެ ގިނަ މިންވަރު ކަނޑައަޅާފައިވެއެވެ. ހޯމް ޕޭޖުން ނުފެންނަ ބާވަތެއްނަމަ 'ސާޗް' ބަޓަންއިން ހޯދާލެވެން ވެސް ހުރެއެވެ. އަދި މިތަނުން އެމީހަކު ބޭނުންވާ އެއްޗަކަށް ފިތާލުމުން އެތަކެތި 'ކާޓް' ނުވަތަ ވަށިގަނޑަށް ލެވެއެވެ. ވަށިގަނޑަށް ލާ ހިސާބުން އެކަސްޓަމަރެއްގެ މަޢުލޫމާތު ފުރަން ޖެހޭނެއެވެ. މަޢުލޫމާތު ފުރުމަށްފަހު ބީއެމްއެލް އޮންލައިން ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ގަތް ތަކެއްޗަށް ފައިސާ ދައްކާލެވޭނެއެވެ.