ޚަބަރު

ކޯވިޑް-19 : ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 500 އަށްވުރެ މައްޗަށް


ރާއްޖެއިން އިތުރު 23މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ މީގެ ތެރޭގައި ހިމެނެނީ ދިވެހި 17 މީހުންނާއި، ބަންގްލަދޭޝްއަށް ނިސްބަތްވާ 4 މީހުންނާއި، އިންޑިޔާއާއި ނޭޕާލްގެ ރައްޔިތެއްކަމަށެވެ. މިއާއި އެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 514 އަށް އަރާފައެވެ.

މިއާއެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ ޢަދަދު 174އަށް ވަނީ އިތުރުވެފައެވެ. އަދި ބިދޭސީންގެ ޢަދަދު 340އަށް ވަނީ އާރާފައެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޓެސްޓްކުރުމަށް 8037 ސާމްޕަލް ވަނީ ނަގާފައެވެ. އަދި ނަތީޖާ ނުލިބި 283 ސާމްޕަލް އެބައޮތްކަމަށް އެޗްޕީއޭއިން ހާމަކުރައްވައެވެ.

ރާއްޖޭގެ އިތުރު ރަށްތަކަކުންވެސް ކޯވިޑް-19 ޖެހިފައިވާ ބަޔަކު ވަނީ ފެނިފައެވެ. އެގޮތުން ހއ.ތަކަންދޫއިން ވަނީ ތިން މީހުން ޕޮޒިޓިވްވެފައެވެ. އަދި މަނަދޫ މީހަކުވެސް މިއަދު ވަނީ މާލެއިން ޕޮޒިޓިވްވެފައެވެ. ހއ.އުލިގަމުންނާއި، ށ.މިލަންދޫ އަދި ނަރުދޫއިންވެސް ވަނީ ޕޮޒިޓިވް ކޭސްތަކެއް ފެނިފައެވެ.

ރާއްޖޭގައި މިވަގުތު ކަރަންޓީން ފެސިލިޓީސްތަކުގައި 1225 މީހަކު ތިބިއިރު އައިސޮލޭޝަންގައި 424 މީހަކު އެބަތިއްބެވެ.
ކޯވިޑް19 ފެތުރެމުންދާތީ ރާއްޖޭގައި ވަނީ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މިމަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. އަދި ފުރަބަންދުވެސް ވަނީ މިމަހުގެ 14ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައެވެ.