ޚަބަރު

ކޯވިޑް-19 : ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 280އަށް


އިތުރު 3 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 278 އަށް އިތުރުވެއްޖެއެވެ.

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 31 އަށް އަރާފައެވެ. މިއަދު އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީ ރަޝީދު ކާޕެންްޓްރީގެ ކްލަސްޓާއާ ގުޅުންހުރި ދިވެހިންނެވެ. އޭގެތެރޭގައި ކޯވިޑް ވިލެޖު ޤާއިމްކުރުމުގެ މަސައްކަތުގައި އުޅުނު ބައެއް މީހުންވެސް ހިމެނެއެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވިމީހަކު ފެނިފައިވަނީ މާރޗްމަހުގެ 7 ވަނަ ދުވަހުއެވެ. މާލެ ސަރަހައްދުން ކޯވިޑް-19 ޖެހިފައިވާ މީހަކު ފެނުނީ މިމަހުގެ 15ވަނަ ދުވަހުއެވެ.

މާލޭގެ އިތުރުން މިބައްޔަށް ޕޮޒިޓިވްވި މީހުން މިހާތަނަށް ފެނިފައިވަނީ ހއ.އުލިގަމާއި، ށ.ނަރުދުއާއި އެއަތޮޅު މިލަންދުއިންނެވެ. ނަރުދޫއަކީ ކޮމިއުނިޓީ ސްޕްރެޑެއް ނުވަތަ ޢާންމުންގެ ތެރޭގައި ބަލިފެތުރެމުންދާ ރަށެއްގެ ގޮތުގައި އެންއީއޯސީން ވަނީ ނިންމާފައެވެ. ނަމަވެސް އެރަށުގައި ބަލި ފެތުރެމުންދާގޮތް ދެނެގަނެވިފައިވާކަމަށް އެސެންޓަރުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކުގައި ކޯވިޑް-19 ފެތުރެން ފަށާފައިވާކަން ދެނެގަނެވިފައިވަނީ އުތުރަށް ދަތުރުކުރި އަމާޒު ބޯޓުގެ ކެޕްޓަން، ބައްޔަށް ޕޮޒިޓިވެ އޭނާއާ ސީދާ ދިމާވި މީހުން ދެނެގަތުމަށް ކުރި މަސައްކަތުގެ ތެރެއިންނެވެ. އަމާޒު ބޯޓުން ދަތުރުކުރި 98 މީހުންގެ ތެރެއިން ބައެއް މީހުންގެ ފަރާތުން ވަނީ ކޯވިޑް-19އަށް ޝައްކުކުރެވޭ ޢަލާމަތްތަކެއް ފެންނަން ފަށާފައެވެ. އިތުރު ގިނަ ރަށްތަކެއްވެސް ވަނީ މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައެވެ.