ޚަބަރު

މިނިވަން50ގެ ޝަރަފުގެ މެޑަލް ރައީސް ޔާމިންއަށް ހަދިޔާކުރައްވައިފި


މިނިވަން ފަންސާހުގެ މުނާސަބަތުގައި ފުލުހުންނަށް ދެވޭ މެޑަލް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ހަދިޔާކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާއަށް މި މެޑަލް ހަދިޔާކުރެއްވީ، އެކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުއެވެ. ރައީސްގެ އިތުރުން، ނައިބު ރައީސް އަހުމަދު އަދީބަށްވެސް ފުލުހުންގެ ފަރާތުން ވަނީ މިނިވަން ފަންސާހުގެ ޝަރަފުގެ މެޑަލް ހަދިޔާކުރައްވާފައެވެ.މި ދެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީއާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކްރީ ބައިވެރިވެވަޑައިގެންފައިވެއެވެ.މިނިވަން 50ގެ މެޑައްޔަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތްކުރަމުންދާ މުވައްޒަފުންނަށް ޤައުމީ ފެންވަރުގައި ދެވޭ ޝަރަފުގެ ނިޝާނެއްގެ ގޮތުން މުޅިން އަލަށް ތަޢާރަފުކޮށްފައިވާ މެޑަލްއެކެވެ. "މިނިވަން ފަންސާސް މެޑަލް" ގެ ގޮތުގައި މެޑައްޔެއް ފުލުހުންނަށް ދޭން ނިންމާފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެގްޒެކެޓިވް ލެވެލްގައި މަޝްވަރާކުރުމަށްފަހު ކޮމިޝަނަރ އޮފް ޕޮލިސްގެ ލަފާފުޅުގެ މަތިންނާއި، ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ މުނާސަބާއާއި ގުޅިގެންކަމަށް ފުލުހުން މައުލޫމާތުދެއެވެ.އެގޮތުން 2015 ޖުލައި 26 ވަނަ ދުވަހާއި ހަމައަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާގައި ދެމިތިބި ކޮންމެ ފުލުހުކަށް މި މެޑަލް ދިނުމަށް ނިންމައި، "މަޤާމުގެ ކުރިއެރުމާއި ޝަރަފުގެ ނިޝާން ދިނުމާއި މަޤާމު ދަށްކުރުމާބެހޭ" ޤަވާއިދަށް އިސްލާހުގެނެވި ސަރުކާރުގެ ގެޒެޓްގައި މިހާރު ވަނީ ޝާއިޢުކޮށްފައެވެ.