ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ މެދުގައި ކުޅިވަރު މުބާރާތްތައް ބޭއްވުމަކީ ކުޅިވަރު ވުޒާރާއިން ބާރުއަޅާ ކަމެއް ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިޔެހޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
އެހެންނަމަވެސް މުބާރާތްތައް ބާއްވާ ގޮތަށް ބަދަލުތަކެއް ގެންނަން މަޝްވަރާތައް ކުރެވެމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ތައުލީމާއި، މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއިން މިފަހުން ނެރުނު އިންޓާނަލް މެމޯއެއްގައި ބުނެފައިވަނީ، އިންޓަ ސްކޫލް ފެންވަރުގައި، 14 އަހަރުން ދަށުގެ އުމުރުފުރާގައި ބައިވެރިވެރިވެވޭނީ ގްރޭޑް 7 އިން ފެށިގެން މަތީގެ ދަރިވަރުންނަށް ކަމަށެވެ.
މިއާއެކު އެކަމުގެ ކަންބޮޑުވުން ކުޅިވަރު އެސޯސިއޭޝަން ތަކުން ކުޅިވަރާ ބެހޭ ވުޒާރާއާވެސް ހިއްސާކޮށްފައިވާއިރު، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ، މި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެވޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެހެންނަމަވެސް މުބާރާތްތައް ކުރިއަށް ގެންދާނެ ގޮތަށް ބަދަލުތަކެއް ގެންނަން މަޝްވަރާކުރެވެމުންދާކަން ވަޒީރު ހާމަކުރެއްވިއެވެ.
"މި ސާކިއުލާއާ ގުޅިގެން އަޅުގަނޑުމެން އެޑިއުކޭޝަން މިނިސްޓްރީއާއެކު މަޝްވަރާތަކެއް ކުރަމުން އެބަ ގެންދަން. މާދަމާ އިރާދަކުރެއްވިއްޔާ އެސޯސިއޭޝަންތަކާއި މިނިސްޓްރީއާއެކު މަޝްވަރާތަކެއް ކުރެވިގެންދާނެ. އެހެންވީމަ އިރާދަކުރެއްވިއްޔާ ސްކޫލްތަކުގެ ކުޅިވަރު މުބާރާތްތައް ހަމަ ކުރިއަށް އޮތްތަނުގައި ހަމަ ކުރިއަށްދާނެ. އަޅުގަނޑުމެން އެކަން ވަކި ގޮތަކަށް މެންޑޭޓްކުރަން ވެސް ބޭނުން. ކޮން އޭޖު ގުރޫޕަކުންތޯ ފެސްޓިވަލް ސްޓައިލަށް އަޅުގަނޑުމެން ކުޅެމުންދާނީ. ކޮން އޭޖު ގުރޫޕަކުންތޯ އިންޓަރ ސްކޫލް މުބާރާތްތައް ކޮމްޕެޓިޓިވް ލެވަލްއެއްގައި ކުޅެމުންދާނީ. މިއީ އަޅުގަނޑުމެން ޑިސްކަސްކުރަން ބޭނުންވާ ކަމަކީ ވެސް". ވަޒީރު ރާފިއު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ކުޅިވަރުތަކުގައި ކުދިންނަށް ބައިވެރިވެވޭނެ އަދަދާއި، ބައިވެރިވެވޭނީ ކޮން އުމުރުފައެއްގެ ކޮން ކުޅިވަރެއްގައިތޯ ކަނޑައެޅުމަށްޓަކައި ވެސް މަޝްވަރާތަކެއް ކޮށް ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.
މިކަން މިގޮތަށް ކުރުމުގެ ބޭނުންވެސް ވަޒީރު ހާމަކުރެއްވިއެވެ. އެގޮތުން އެކި ކުޅިވަރުތައް ކުޅެ، އެ ކުއްޖެއްގެ ހުނަރު ހުރި މިންވަރު ދެނެގަނެ، ހުނަރު ހުރި ކުޅިވަރުން އިތުރު ފުރުސަތުތައް ފަހިކޮށްދިނުން އެއީ މުހިންމު ކަމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ދެއްވި ޔަގީންކަމަކީ، ތައުލީމާ ބެހޭ ވުޒާރާއާ ގުޅިގެން، ސްކޫލްތަކުގެ ކުޅިވަރު މުބާރާތްތައް ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރައްވާނެކަމުގެ ޔަގީންކަމެވެ.