އިތުރު 13 ދިވެހިން ކޯވިޑަށް ޕޮޒިޓިވްވެ މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު 19 އަށް އަރައިފިއެވެ.
އެޗްޕީއޭއިން މީގެ އިރުކޮޅެއް ކުރިން ހާމަކޮށްފައިވާ ގޮތުގައި ޕޮޒިޓިވްވި 13 މީހުންނަކީވެސް ދިވެހިންނެވެ. މިއަދު ފުރަތަމަ ޕޮޒިޓިވްވި 6 މީހުންގެ ތެރޭގައިވެސް 5 ދިވެއްސެއް ހިމެނެއެވެ. މިއަދު ޕޮޒިޓިވްވެފައިވަނީ އެންމެ ބިދޭސީއެކެވެ. އެއީ ޕާކިސްތާނަށް ނިސްބަތްވާ މީހެކެވެ.
މިއާއެކު މުޅި ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 269 އަށް ވަނީ އަރާފައެވެ. ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ ޢަދަދު 117 އަށް އިތުރުވީއިރު، ބަލިޖެހުނު ބިދޭސީންގެ ޢަދަދު ވަނީ 152 އަށް އަރާފައެވެ. އެންމެ ގިނަ ޢަދަދަކަށް ބައްޔަށް ޕޮޒިޓިވްވެފައިވަނީ ބަނގްލަދޭޝް މީހުންނެވެ. އަދި އޭގެ ތެރޭގައި ބާޒާރު ކްލަސްޓައާއި ގުލޫންހުރި ފަރާތްތައް ގިނަކަން ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ފާހަގަކުރައްވައެވެ.
ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ފެނިފައިވަނީ މާރޗްމަހުގެ 7 ވަނަ ދުވަހުއެވެ. މާލެ ސަރަހައްދުން ކޯވީޑް ޖެހިފައިވާ މީހެއް ފެނުނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.
މާލޭގެ އިތުރުން މިބައްޔަށް ޕޮޒިޓިވްވި މީހުން މިހާތަނަށް ފެނިފައިވަނީ ހއ.އުލިގަމާއި، ށ.ނަރުދޫއާއި އެއަތޮޅު މިލަންދޫއިންނެވެ. ނަރުދޫއަކީ ކޮމިއުނިޓީ ސްޕްރެޑެއް ނުވަތަ ޢާންމުންގެ ތެރޭގައި ބަލިފެތުރެމުންދާ ރަށެއްގެ ގޮތުގައި ވަނީ އެންއީއޯސީން ނިންމާފައެވެ. ނަމަވެސް އެރަށުގައި ބަލި ފެތުރެމުންދާގޮތް ދެނެގަނެވިފައިވާކަމަށް އެ ސެންޓަރުން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކުގައި ކޯވިޑް-19 ފެތުރެން ފަށާފައިވަނީ އުތުރަށް ދަތުރުކުރި އަމާޒު ބޯޓްގެ ކެޕްތަމް ބައްޔަށް ޕޮޒިޓިވެ އޭނާއާއި ސީދާ ދިމާވި މީހުން ދެނެގަތުމުގެ ތެރެއިންނެވެ. އަމާޒު ބޯޓުން ދަތުރުކުރި 98 މީހުންގެ ތެރެއިން ބައެއް މީހުންގެ ފަރާތުން ވަނީ ކޯވިޑް19 އަށް ޝައްކުކުރެވޭ ޢަލާމަތްތަކެއް ފެންނަން ފަށާފައެވެ. އިތުރު ގިނަ ރަށްތަކެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.