ވިޔަފާރި

އަމާނަތަކަފުލްއިން މިދިޔަ އަހަރު ގެއްލުމުގެ ބަދަލުގެ ގޮތުގައި 66.2 މިލިއަން ރުފިޔާ ދޫކުރި


އަމާނަތަކަފުލްއިން މިދިޔަ އަހަރު ގެއްލުމުގެ ބަދަލުގެ ގޮތުގައި ކަސްޓަމަރުންނަށް 66.2 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އަމާނާ ތަކާފުލް މޯލްޑިވްސްއަކީ ދިވެހިރާއްޖޭގައި ހަމައެކަނި ފުލީފްލެޖު އިސްލާމީ އިންޝުއަރަންސް ޚިދުމަތްދޭ ކުންފުންޏެވެ. މިދިޔަ އަހަރުގެ ތެރޭގައި ކަސްޓަމަރުންނަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އަމާނަތަކަފުލްއިން 66.2 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު މިއީ ފާއިތުވި 2018 ވަނައަހަރާއި އަޅާބަލާއިރު 39 އިންސައްތައިގެ އިތުރު ޢަދަދެކެވެ.

ބަދަލުދިނުމުގެ ކަންކަން ފުރިހަމަވެފައިވަނީ ކުންފުނީގެ ރީތަކަފުލް ބައިވެރިންނަކީ ބައިނަލްއަޤްވާމީ ރޭޓިންގ އެޖެންސީ ތަކުން ރޭޓްކުރެވިފައިވާ މަތީ ދަރަޖައިގެ ކުންފުނިތައް ކަމަށްވުމާއެކު އެފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާތީކަމަށް އަމާނަތަކަފުލްއިން ބުނެއެވެ.

މިދިޔަ އަހަރު އަމާނަތަކަފުލްއިން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންމެ ބޮޑު ބައެއް ދޫކޮށްފައިވަނީ މެޑިކަލް އިންޝުއަރެންސް ނުވަތަ ސިއްހީ ކަންކަމަށެވެ. އެ ކުންފުނިން ބުނީ މީގެތެރޭގައި ހިމެނެނީ ވަކި ފަރުދުންނަށް ދޫކޮށްފައިވާ އިންސުއަރެންސްއަށްވުރެ ކުންފުނިތަކަށް ދޫކޮށްފައިވާ އިންޝުއަރެންސްކަމަށެވެ. އޭގެއިތުރުން މިދިޔަ އަހަރު އިންޝުއަރެންސްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދެން ދޫކޮށްފައިވަނީ އަލިފާނުގެ ހާދިސާތަކާއި، އޮޑިދޯނިފަހަރުގެ އިންޝުއަރެންސްއަށެވެ.

އަމާނަތަކަފުލްއަށް މިދިޔަ އަހަރު ފައިދާ ގެ ގޮތުގައި 14.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ކުންފުނީގެ ޖުމްލަ ޢާމްދަނީގެ ގޮތުގައި ފާއިތުވި 2019 ވަނައަހަރު 138 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ، 2019 ވަނައަހަރު އިންޝުއަރަންސް ސިޢާއަތް އަހަރުން އަހަރަށް ކުރިއަރާފައިވާ މިންވަރަށްވުރެ އިތުރު މިންވަރެއްކަމަށް އަމާނަތަކަފުލްއިން ބުނެއެވެ.

އަހަރުން އަހަރަށް ކުންފުނީގެ އާމްދަނީ އަދި ފައިދާ ކުރިއެރުމުގެ އަސްލަކީ ކުންފުނިން ދުޅަހެޔޮ ރިސްކުތައް އަންޑަރައިޓް ކުރުމާއި، ބަދަލު ދިނުމުގައި ގެންގުޅޭ ހަރުދަނާ އުސޫލުތަކުގެ އިތުރުން އިސްކް ފަންޑް އަދި ހިއްސާދާރުންގެ ފަންޑުން އިންވެސްޓް ކުރުމުގައި ގެންގުޅޭ ފުރިހަމަ އުސޫލުތަކުގެ ސަބަބުންކަމަށް އެ ކުންފުނިން ބުނެއެވެ.