ރޯދަމަހަކީ އެހެން މަސްތަކާ އަޅާބަލާއިރު އަޅުގަނޑުމެންގެ މަސައްކަތްތައް ލުއި މަހެކެވެ. މަސައްކަތުގައި އުޅޭ ވަގުތަށްވުރެ ގޭތެރޭގައި އާއިލާ ކައިރީގައި އަދި ދީނީ އަޅުކަމުގައި ހޭދަކުރާ ވަގުތު ރޯދަމަހު އިތުރެވެ. އިތުރުކުރަންވެސްޖެހެއެވެ. ނަމަވެސް މަސައްކަތްތައް ހުންނަ ގޮތުން ލުޔެއް ނުލިބޭ މީހުންވެސް އުޅޭނެއެވެ. ސިފައިންނާއި ފުލުހުންނާއި ޑޮކްޓަރުން އަދި ދަތުރުފަތުރުގައި ހަރަކާތްތެރިވާ ޚިދުމަތްތެރިންގެ މަސައްކަތަށް ރޯދަމަހޭ ކިޔާފައި ލިބޭ ލުޔެއް ނޯވެއެވެ. ނަމަވެސް ރޯދަމަހެއްގައި "ސްޕޭސް މިޝަން"އެއްގައި ޖައްވަށް ދާންޖެހުމަކީ މުސްލިމަކަށް އާދައިގެ ކަމަކަށް ނުވާނެއެވެ. މިއީ ޖައްވަށް ދަތުރުކުރި ފުރަތަމަ މުސްލިމް އެސްޓްރޮނޯޓް، ސުލްތާން ބިން ސަލްމާން ބިން އަބްދުލް އަޒީޒްގެ ވާހަކައެވެ.
1956 ވަނަ އަހަރުގެ ޖޫންމަހުގެ 27 ވަނަ ދުވަހު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ސުލްތާން ބިން ސަލްމާންއަކީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ 14 ބޭފުޅުންގެ ތެރެއިން ދުނިޔޭގައި މިވަގުތު ހުންނެވި އެންމެ ދޮށީ ދަރިކަލުންނެވެ. މަންމާފުޅަކީ ސުލްތާނާ ބިންތި ތުރުކީ އަލް ސުދައިރީއެވެ.
އެމެރިކާގެ ނީލް އާމްސްޓްރޯންގް 1969 ވަނަ އަހަރުގެ ޖުލައިމަހުގެ 20 ވަނަ ދުވަހު ހަނދުގައި ފުރަތަމަ ފިޔަވަޅު އެޅިއިރު ސުލްތާން ބިން ސަލްމާންއަކީ 13 އަހަރުގެ ސްކޫލް ދަރިވަރެކެވެ. ބައްޕާފުޅު ސަލްމާންއަކީ ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ އޭރުގެ ގަވަރުނަރެވެ.
އެމެރިކާ މީހުން ހަނދަށްދިޔަ ވާހަކަ ސްކޫލްގެ އެކުވެރި ރަށްޓެހިންނާއެކު ރޭޑިއޯއިން އަޑުއެހުމަށްފަހު، ގަނޑުވަރަށް އެނބުރި އައިސް ޓީވީން އެ މަންޒަރުތައް ބަލާލަން ސުލްތާން ހުރީ ކެތްމަދުވެފައެވެ. ކަޅާއި ހުދުން ޓީވީން ފެނުނު މަންޒަރުތައް އެދުވަހު އެހާ ސާފު ނުވެދާނެއެވެ. އިވުނު އަޑުތައްވެސް ސާފެއް ނުވާނެއެވެ. ނަމަވެސް އެމަންޒަރުތަކާއި އަޑުތަކަކީ ސުލްތާންގެ ހިތާއި ސިކުނޑީގައި ވަރަށް ބޮޑަށް ބިންވަޅު ނެގިގެންދިޔަ މަންޒަރުތަކަކާ އަޑުތަކެކެވެ.
އަސްކަރީ ޔުނީފޯމުގައި ފަޚުރުވެރިކަމާއެކު ހިނގާލުމަށް ބޭނުންވެފައި ހުރި ސުލްތާންގެ ހުވަފެންތަކަށް ހިޔަނި އެޅިގެންދިޔައީ ޖޫނިއަރ ހައި ސްކޫލް ދުވަސްވަރު ކުރިމަތިވެވަޑައިގަތް ސިއްހީ މައްސަލަތަކެއްގެ ސަބަބުންނެވެ. އެމައްސަލަތަކުގެ ސަބަބުން ކިޔެވުމާ ދުރުގައި އަހަރެއްހާ ދުވަހު ހުންނަވަން ޖެހިވަޑައިގަތެވެ. އަދި މާބޮޑަށް ހެލިފެލިވެގެން ކުރަންޖެހޭ ކަހަލަ މަސައްކަތްތަކުން އެތައް އަހަރަކަށް މަހްރޫމްވެވަޑައިގަތެވެ.
އެކަންކަމުން އަރައިގަނެ، 1974 ވަނަ އަހަރު އެމެރިކާގައި މަތީ ތައުލީމް ހާޞިލްކުރައްވަން އުޅުއްވިއިރު، ވައިގެ ތެރޭގައި އުދުހުމުގެ ހުވަފެންވެސް ހަޤީޤަތަކަށް ހެއްދެވުމަށް މަސައްކަތްކުރެއްވިއެވެ. އެގޮތުން ލިބުނު ހުސް ވަގުތުތަކުގައި އޭވިއޭޝަން ޓްރޭނިންގތައް ހެއްދެވިއެވެ. އަދި 1977 ވަނަ އަހަރު އެމެރިކާގެ ފެޑެރަލް އޭވިއޭޝަންގެ ޕްރައިވެޓް ޕައިލެޓް ލައިސަންސް ސުލްތާން ހޯއްދެވިއެވެ. ޕައިލެޓަކަށް ވެވަޑައިގަތަސް، ޖައްވަށް ދެވިދާނެކަމަށް ސުލްތާން އޭރު ޤަބޫލެއް ނުރައްވައެވެ. އެއީ ދުނިޔޭގެ ކަންކަން ހިނގަމުންދިޔަ ގޮތުންނާއި، ޖައްވީ މަސައްކަތުގައި ޢަރަބިންގެ ހިއްސާވެސް ކުޑަވުމުންނެވެ.
1976 ވަނަ އަހަރު ސަޢުދީ ޢަރަބިއްޔާ ހިމެނޭ ޢަރަބި ލީގުން "އެރަބްސެޓް"ގެ ނަމުގައި ސެޓްލައިޓް ކޮމިއުނިކޭޝަން ކުންފުންޏެއް އުފެއްދި ހިސާބުން، ޢަރަބިންނަށްވެސް ޖައްވަށް ދެވިދާނެކަން ސުލްތާންއަށް ޤަބޫލުކުރެވެން ފެށުނެވެ.
އަރަބި ޤައުމުތަކުގެ ފުރަތަމަ ސެޓްލައިޓް. "އެރަބްސެޓް-1އޭ" ޖައްވަށް ފޮނުވާލީ ފްރާންސްގެ ރޮކެޓެއްގައި 1985 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައެވެ. އަދި ހަމަ އެއަހަރު އެކުންފުނީގެ ދެވަނަ ސެޓްލައިޓް "އެރަބްސެޓް-1ބީ" ނާސާ މެދުވެރިކޮށް ޖައްވަށް ފޮނުވުމަށް އަރަބް ލީގުން ނިންމިއެވެ.
މަޝްހޫރު ސްޕޭސް ޝަޓްލް، ޑިސްކަވަރީގައި ކުރުމަށް ހަމަޖެހިފައި އޮތް ދަތުރުގައި ޕޭލޯޑް ސްޕެޝަލިސްޓެއްގެ ގޮތުގައި އެސްޓްރޮނޯޓެއް ބައިވެރިކުރުމުގެ ފުރުޞަތު ނާސާއިން ޢަރަބް ލީގަށް ދިނެވެ. އަރަބް ލީގުން އެޖާގަ ދިނީ ސަޢުދީ ޢަރަބިއްޔާއަށެވެ.
ސްޕޭސް ޝަޓްލްގައި ޖައްވަށް ފޮނުވާނެ ފަރާތެއް ކަނޑައަޅާ، އެފަރާތެއް ތަމްރީންކުރަން ލިބުނީ 12 މަސް ދުވަހެވެ. ސުލްތާން އޭނާގެ ބައްޕާފުޅާއި މަންމާފުޅުގެ ހުއްދައާއި ރުހުމާއެކު އެކަމަށް ކުރިމަތިލިއެވެ. އޭނާއަށް ލިބިވަޑައިގެންފައިވާ ތަޖުރިބާއާއި ހުނަރާއި، ޤާބިލިއްޔަތުކަމުގެ ސަބަބުން، އެކަމަށް އެންމެ އެކަށޭނެ ފަރާތަކީ އުމުރުން 28 އަހަރުގެ ސުލްތާންކަން އެންމެނަށްވެސް އޮތީ ފެންނާށެވެ.
ނާސާއިން ސުލްތާންގެ ޓްރެއިންގ ފެށީ ސަޢުދީ އެއަރ ފޯސްގެ އިތުރު ޕައިލެޓަކާއެކުއެވެ. އެއީ ސުލްތާންއަށް ނުދެވިދާނެ ހާލަތެއް މެދުވެރިވެއްޖެނަމަ "ބެކްއަޕް"އެއްގެ ގޮތުންނެވެ.
ނާސާގެ ޖައްވީ މިޝަންގައި ދިއުމުގެ ކުރިން 114 ގަޑިއިރުގެ ބުރަ ތަމްރީންތަކެއް ފުރިހަމަކުރަންޖެހެއެވެ. އާއްމު ގޮތެއްގައި ޖައްވަށް ދިއުމުގެ ކުރިން 6 މަސް ދުވަހާއި 18 މަސްދުވަހުގެ ޓެކްނިކަލް އަދި ސައިންޓިފިކް ތަމްރީންތަކެއް އޮސްޓްރޮނޯޓުން ފުރިހަމަކުރަންޖެހުނަސް، ލިބިފައިވާ ވަގުތު ކުޑަކަމުން، ސުލްތާންއަށް ތަމްރީންތައް ފުރިހަމަކުރުމަށް ލިބުނީ އެންމެ 10 ހަފްތާއެވެ. ދުވާލަކު 16 ގަޑިއިރު ތަމްރީން ހަދައެވެ. ނަމަވެސް ސުލްތާންއަށް ބުރަކަމަކަށް އެކަމެއް ނުވިއެވެ. އެއީ އެކަމަށް ހުރި އޭނާ ޝަޢުޤު ބޮޑުކަމުންނެވެ. ސުލްތާންގެ އޮތީ އެންމެ ބިރެކެވެ. ދިމާވެދާނެ އެންމެ ކަމަކުންވެސް ދަތުރު ކެންސަލްވެދާނެތީއެވެ. އަދި ދުވަހަކުވެސް ޖައްވަށްދާން އިތުރު ފުރުޞަތެއް ނުލިބިދާނެތީއެވެ.
ސުލްތާންއާއި އޭނާގެ ބެކްއަޕް، މެޖަރ އަބްދުލް މުހްސިން ފުރަތަމަ 2 ހަފްތާ ތަމްރީން ފުރިހަމަކުރީ ސަޢުދީ ޢަރަބިއްޔާގައެވެ. އަދި ބަކީބައި ފުރިހަމަކުރީ އެމެރިކާގެ ފްލޮރިޑާއާއި ހިއުސްޓަންގައެވެ. އަދި އެއަހަރުގެ އޭޕްރީލްމަހު ސުލްތާންއާއެކު ދަތުރުގައި ދެން ބައިވެރިވާ 6 އެސްޓްރޮނޯޓުންނާއެކު މަސައްކަތްކުރަން ފެށިއެވެ. އެއީ އެމެރިކާގެ 5 މީހަކާއި ފްރާންސް މީހެކެވެ.
ޖައްވަށްދާން ތައްޔާރުވާ އެސްޓްރޮނޯޓުން ތަމްރީންތައް ފުރިހަމަކުރަމުންދިޔައިރު، އެމީހުން ދަތުރުކުރުމަށް ހަމަޖެހިފައިވާ އުޅަނދުގެ އެންމެފަހުގެ ތައްޔާރީތައް ދިޔައީ ކުރިއަށެވެ. ޑިސްކަވަރީގެ ނަން ދެވިފައިވާ ސްޕޭސް ޝަޓްލްއަކީ ނާސާގެ 3 ވަނަ ސްޕޭސް ޝަޓްލްއެވެ. ސުލްތާން ޖައްވަށް ކުރާ ދަތުރަކީ ޑިސްކަވަރީގެ 5 ވަނަ ދަތުރެވެ.
ސުލްތާންގެ ދަތުރު ފެށުމަށް ހަމަޖެހިފައި އޮތީ 1985 ވަނަ އަހަރުގެ ޖޫންމަހުގެ 17 ވަނަ ދުވަހު ފްލޮރިޑާގެ ކެނެޑީ ސްޕޭސް ސެންޓަރުންނެވެ. އެއީ އެއަހަރުގެ ރޯދަމަހުގެ 28 ވަނަ ދުވަހެވެ. ދަތުރުގެ ބައިވެރިން ދަތުރަށް ތައްޔާރުވާން ފެށީ 17 ވަނަ ދުވަހުގެ މެންދަމުން އަލިވެ 2 ޖަހަނިކޮށެވެ.
ސުލްތާން ހޭލައިގެން ހާރު ކެއުމަށްފަހު، އޭނާގެ ހަޔާތުގައި ކުރާނެ އެންމެ މުހިއްމު އެއް ދަތުރަށް ތައްޔާރުވީ ފަތިސް ނަމާދުކޮށްގެނެވެ.
ހެނދުނު 7:33 ގައި ޑިސްކަވަރީގެ މައި 3 އިންޖީނު ސްޓާޓްކޮށްލިއެވެ. އަދި އެއަށްފަހު ސްޕޭސް ޝަޓްލް ޖައްވަށް ގެންގޮސްދޭ ރޮކެޓް ލޯންޗުވެގެންދިޔައެވެ. ސްޕޭސް ޝަޓްލްގެ "ޓޭކް އޮފް" ވަރަށްވެސް ފުރިހަމައެވެ. ރެކޮޓް ލޯންޗުވެގެންދިއުމާއެކު އެސަރަޙައްދަށް އެއްވެތިބި ގިނަ ބަޔަކު އުފާ ފާޅުކުރަން ފެށިއެވެ. އޭގެ ތެރޭގައި ސަޢުދީގެ 29 ޕްރިންސަކާއި ސަޢުދީގެ އެހެނިހެން އޮފިޝަލުންވެސް ހިމެނެއެވެ.
ސުލްތާން ޖައްވަށް ކުރާ ދަތުރުގެ ޚާއްސަ ރަސްމިއްޔާތަށް ވަޑައިގަތުމުގެ ދަޢުވަތު ސުލްތާންގެ މަންމާފުޅާއި ބައްޕާފުޅަށްވެސް ލިބިވަޑައިގަތެވެ. ނަމަވެސް ސުލްތާންގެ މަންމާފުޅާއި ބައްޕާފުޅު ނިންމެވީ ސަޢުދީގައި މަޑުކުރާށެވެ. ސުލްތާނަށް ހިތްވަރުދެއްވަމުން މަންމާފުޅު ވިދާޅުވީ، ޖައްވުގައި ސުލްތާން އުދުހެމުންދާއިރު، ދަރިފުޅަށްޓަކައި ގެފުޅު ވަށައިގެން ދުއާކުރަމުން މަންމަ ތަވާފްކުރާނެކަމަށެވެ.
ސުލްތާންގެ ދަތުރުފެށި ތަން ބަލާލަން ދިޔައީ ސުލްތާންގެ ބޭބޭފުޅާއި ކޮއްކޯފުޅުންނެވެ. ފުރަތަމަ ފަހަރަށް މުސްލިމް އެސްޓްރޮނޯޓެއް ޖައްވަށްކުރާ ދަތުރާއެކު އެންމެންގެ މޫނުމަތިންވެސް ފެނިގެންދިޔައީ ވަރަށްވެސް އުފާވެރި މަންޒަރުތަކެކެވެ. ޖައްވަށް ދަތުރުކުރާ ފުރަތަމަ މުސްލިމް އެސްޓްރޮނޯޓްގެ އިތުރުން، ސުލްތާންއަކީ ޖައްވަށް ދަތުރުކުރާ ފުރަތަމަ އަރައްބެވެ. އަދި ދުނިޔޭގެ ޝާހީ ޢާއިލާއެއްގެ މެމްބަރުންގެ ތެރެއިން ޖައްވަށް ދަތުރުކުރި ފުރަތަމަ އަމީރުގެ ފަޚުރުވެސް މިދަތުރާއެކު ސުލްތާނަށް ލިބިވަޑައިގަތެވެ.
8 ގަޑިއިރުގެ ދަތުރަށްފަހު ޖައްވު ތެރޭގައި ސްޕޭސް ޝަޓްލް ހަމަޖެހުމުން ސުލްތާންއާއި އެނާގެ ބައިވެރިން މަސައްކަތް އަދިކިރިޔާ ފެށުނީއެވެ.
ސްޕޭސް ޝަޓްލް ޖައްވުގައި 7 ދުވަސް ހޭދަކުރާއިރު ދުނިޔެ ވަށާ 111 ބުރު ޖަހާނެއެވެ. އެމީހުންގެ ފުރަތަމަ މަސައްކަތަކީ މެކްސިކޯގެ ސެޓްލައިޓެއް އޯބިޓަށް ދޫކޮށްލުމެވެ. ފުރަތަމަ ދުވަހު އެމަސައްކަތް ނިންމާލުމަށްފަހު ޖެހިގެން އައި ދުވަހު އަރަބިލީގުގެ 2 ވަނަ ސެޓްލައިޓް ޖައްވަށް ދޫކޮށްލިއެވެ. އެމެރިކާގެ އޭޓީއެންޓީގެ ޓެލްސްޓަރ ސެޓްލައިޓް ދޫކޮށްލީ އެއަށްފަހުއެވެ.
ފަލަކީ އިލްމުގެ މަސައްކަތަށް އެހީތެރިވުމަށް ބޭނުންވާ އާލާތްތަކެއްވެސް ޑިސްކަވަރީން ޖައްވަށް ދޫކޮށްލިއެވެ. މީގެއިތުރުން މިދަތުރުގައި ބައިވެރިވި ޤައުމުތަކުން ވަކިވަކިން ދިރާސާތައް ހެނދުންވެސް ކުރިއަށްދިޔައެވެ. އެގޮތުން ސުލްތާން ވަނީ ކިންގ ފަހުދު ޔުނިވަރސިޓީއަށް ބޭނުންވާ ދިރާސާތަކެއް ކުރިއަށް ގެންގޮސްފައެވެ. އަދި ސަޢޫދީ ސަރުކާރުން ހިންގަން ނިންމާފައި އޮތް އެހެން މަޝްރޫޢަކަށް ބޭނުންވާ ފޮޓޯތަކެއްވެސް ސުލްތާން ނެންގެވިއެވެ.
ޖައްވަށް ދަތުރުފެށީ ރޯދަމަހުގެ 28 ވަނަ ދުވަހުކަމުން، ސުލްތާން އެއަހަރުގެ ރޯދަމަހުގެ 3 ދުވަސް ހޭދަކުރެއްވީ ޖައްވުގައެވެ. އަދި އީދު ދުވަސްވެސް ފާހަގަކުރީ ޖައްވުގައެވެ.
ކޮންމެ ދުވަހަކު މަސައްކަތަށްފަހު 8 ގަޑިއިރު ނިދަން ލިބުނަސް، ސުލްތާން އަވަހާރަފުޅުލައްޕަވަނީ 5 ގަޑިއިރު ނުވަތަ 6 ގަޑިއިރުއެވެ. ބާކީ ވަގުތުތައް ހޭދަކުރައްވަނީ ޤުރުއާން ކިޔެވުމުގައެވެ. ސުލްތާންގެ ދަތުރުގައި ބައްޕާފުޅު ސަލްމާން ދެއްވި ހަތިމެއްވެސް ގެންދެވިއެވެ. ޖައްވުގައި ހޭދަކުރި ދުވަސްތަކުގައި ޤުރުއާން ކިޔެވުމަށް ސުލްތާން ވަރަށް ބޮޑަށް ސަމާލުކަންދެއްވިއެވެ.
ޖައްވުގައި 7 ދުވަސް ހޭދަކުރެއްވިއިރު، 6 ދުވަހުން މުޅި ޤުރުއާން އެއްކޮށް ވިދާޅުވިއެވެ. ސުލްތާން ވިދާޅުވީ އެކަންކުރީ މަންމާފުޅާއި ބައްޕާފުޅަށްޓަކައިކަމަށެވެ. އަދި ޖައްވުގައި ޤުރުއާން ކިޔެވުމަކީ ލިބިވަޑައިގެންނެވި ފަޚުރެއްގެ ގޮތުގައި ސުލްތާން ސިފަކުރައްވައެވެ.
ސްޕޭސް ޝަޓްލްގައި ހުންނެވިއިރު، ސުލްތާންގެ ބޮޑުބޭބޭފުޅު، ސަޢުދީ ޢަރަބިއްޔާގެ އޭރުގެ ރަސްގެފާނު ފަހުދާއި ސުލްތާންގެ ބައްޕާފުޅު ސަލްމާން ޓެލެކޮންފަރެންސް މެދުވެރިކޮށް ސުލްތާންއަށް ގުޅުއްވިއެވެ. ފަހުދު ރަސްގެފާނުގެ ދެއްކެވި ވާހަކަފުޅުގައި ސުލްތާންގެ މަސައްކަތަށް ތަޢުރީފްކުރެއްވިއެވެ. ބައްޕާފުޅު ފާހަގަކުރެއްވީ ޖައްވުގައި ހުންނަވައިގެން ސުލްތާން ޤުރުއާން ހަތިމްކުރެއްވުމެވެ.
ފުރަތަމަ ފަހަރަށް މުސްލިމް އެސްޓްރޮނޯޓެއް ޖައްވަށްކުރި ކާމިޔާބު ދަތުރަށްފަހު، ސުލްތާންއާއި އޭނާގެ ޓީމް އެނބުރި ދުނިޔެއަށް ދަތުރުކުރި ސްޕޭސް ޝަޓްލް ކެލިފޯނިއާގެ އެޑްވަޑް އެއަރފޯސް ބޭސްއަށް ޖެއްސީ ޖައްވަށް ދިޔަތާ 7 ދުވަސް ފަހުން ޖޫންމަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 6:11 ގައެވެ. އެދުވަހުގެ އިރު އަރައިގެން އައި ވަގުތު ރައްކާތެރިކަމާއެކު ސްޕޭސް ޝަޓްލް ބިމަށް ތިރިކޮށްލި މަންޒަރުވެގެންދިޔައީ ގިނަ ބަޔަކަށް އުފާވެރި، ހިތްޤައިމު މަންޒަރަކަށެވެ.
ޖައްވަށްކުރި ދަތުރަށްފަހު ސަޢުދީ އަރަބިއްޔާއަށް ވަޑައިގަތުމުން ސުލްތާންއަށް ދަންނަވާފައިވަނީ ބަތަލެއްގެ ދަރަޖައިގެ މަރުޚަބާއެކެވެ. މަރުޚަބާ ދެންނެވުމަށް ފަހުދު ރަސްގެފާނާއި، ބައްޕާފުޅު ސަލްމާން އަދި މަންމާފުޅުވެސް ހުންނެވިއެވެ.
ޖައްވީ ދަތުރަށްފަހު ސަޢުދީ އެއަރ ފޯސްގެ މޭޖަރއެއްގެ ރޭންކަށް ސުލްތާން ޕްރޮމޯޓްކުރެއްވިއެވެ. އަދި ޖައްވަށް ދަތުރުކުރި ފުރަތަމަ މުސްލިމް އެސްޓްރޮނޯޓަށްވުމުގެ ޝަރަފާއެކު އިސްލާމީ ޤައުމުތަކުގެ ލީޑަރުން ސުލްތާނާ ބައްދަލުކުރައްވައި، މަރުހަބާ ދެންނެވިއެވެ.
މުސްލިމަކު ފުރަތަމަ ފަހަރަށް ޖައްވަށްކުރި ދަތުރަށް މިއަހަރު 35 އަހަރު ފުރޭއިރު، ސުލްތާން ބިން ސަލްމާންއަކީ މިއަދު ސަޢުދީ ސްޕޭސް ކޮމިޝަންގެ ޗެއަރމަންއެވެ.
ބައްޕާފުޅު، އަދި ސަޢުދީ ޢަރަބިއްޔާގެ މިހާރުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް 2018 ވަނަ އަހަރު އުފެއްދި ސައުދީގެ ސްޕޭސް ކޮމިޝަނުން މަސައްކަތްކުރަމުން ދަނީ ސައުދީއާއި މުޅި ދުނިޔޭގެ ކުރިއެރުމަށް މަސައްކަތްކުރާނެ ސައުދީ އެސްޓްރޮނޯޓުންގެ އާ ޖީލެއް އުފެއްދުމަށެވެ. އަދި ޖައްވީ މަސައްކަތްތަކަށް ތައްޔާރުކުރާ ޖީލަކީ އަމިއްލަ އުފަލަށް އެކަންކުރާ ބައެއްގެ ބަދަލުގައި، މުޅި ދުނިޔޭގެ ކުރިއެރުމާއި ފާގަތިކަމަށް މަސައްކަތްކުރާ ބަޔަކަށް ހެއްދެވުމަކީ ޖައްވަށް ދަތުރުކުރި ފުރަތަމަ މުސްލިމް އެސްޓްރޮނޯޓްގެ ޝަރަފު އޮތް ސުލްތާން ބިން ސަލްމާންގެ އެންމެ ބޮޑު އަމާޒެވެ.