ރޯދަ

ރަމަޟާން މަހު މަގުތައް ބަލަހައްޓަން ޚާއްޞަ މަސައްކަތްތަކެއް


  • މައި 3 ސަރަހައްދެއްގައި ޓްރެފިކް ޕޮލިހުން ޙަރަކާތްތެރިވާނެ

  • ބާޒާރުމަތީ ސަރަޙައްދަށް ޚާއްޞަ އިސްކަމެއް ދޭނެ

  • ނަމާދު ގަޑިތަކުގައި މިސްކިތްތައް ކައިރީ 4 ފުރޮޅުލީ އުޅަނދުތަކަށް ޓްްރެފިކް ބަންދުވާނެ

ރަމަޟާންމަހުގައި މާލޭގެ މަގުތައް ތޮއްޖެހުން ކުޑަކުރުމަށް ޓްރެފިކް މެނޭޖުކުރުމަށްޓަކައި ފުލުހުން ވަނީ ވަކި ޚާއްސަ ޓީމެއް އެކުލަވާލާފައެވެ. ޓްރެފިކް މެނޭޖުކުރުމުގެ މަސައްކަތް މިމަހުގެ 1 ވަނަ ދުވަހު ފަށާފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ރަމަޟާން މަހަކީ އެކި ސަބަތުކާހުރެ މާލޭގެ މަގުތަކަށް ބާރު ބޮޑުވާ މަހެއްކަމުން، މާލޭގެ ޓްރެފިކް ފުލުހުން ވަނީ، މިކަން މެނޭޖުކުރުމަށް ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން މާލޭގެ 3 ސަރަޙައްދެއް ޚާއްސަ ސަމާލުކަމެއްދީގެން މިމަހުގެ 1 އިން ފެށިގެން ބަލަހައްޓަމުންދާކަމަށް ހެޑް އޮފް ޓްރެފިކް ޕޮލިސް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް، އިބްރާހިމް އިމްރާން ވިދާޅުވިއެވެ. އެ ސަރަހައްދުތަކަކީ، ޓީޖެޓީ ކައިރި، އެމްއެމްއޭ ކައިރި އަދި ބާޒާރުމަތީ ސަރަހައްދެވެ.

މީގެއިތުރުން، ބަނދަރުމައްޗާ، ބަނދަރުން ގުޅިފައިވާ މަގުތަކުގެ ޓްރެފިކް ފްލޯ ތަރުތީބުކުރުމުގެ މަސައްކަތް ފަަށާފައިވާކަމަށް އިމަރާން ވިދާޅުވިއެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް ބަހައްޓާފައިހުރި ޕްލެޓްތައް ނެގުމާއި، މަގުމަތީގައި ބަހައްޓާފައިވާ މުދާ ނެގުމާއި، ބާޒާރުމަތީ ސަރަހައްދު ތަރުރީބުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިމްރާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރަމަޟާން މަސް އަންނަވާއިރަށް ބަނދަރު މައްޗާއި ބާޒާރުމަތީގެ ސަރަޙައްދުތައް ތަރުތީބުކުރުމަށް ވަރަށް ބޮޑު އިސްކަމެއްދީގެން ކުރިޔަށް ގެންދަނީ. ހަމައެއާއެކު، ރަމަޟާން މަހަކީ މިސްކިތްތައް ކައިރީގައި ވަރަށް ބާރުބޮޑުވާ މަސްވަރަކަށްވާތީ، އަޅުގަނޑުމެން މިދަނީ ދުރާލާ ތައްޔާރުވަމުން." ޕީއެސްއެމް އަށް ދެއްވި އިންތާވިއުގައި އިމްރާން ވިދާޅުވުއެވެ.

ހަމައެއާއެކު، ބާޒާރު މަތީ ހިމެނޭ ސަރަހައްދުން ފެށިގެން އެއް ނަންބަރު ފާލަމާ ހަމައަށް، އަދި ނޯތު ހާބަރު ސަރަހައްދުގެ އިތުރުން، ޓީޖެޓީ ސަރަހައްދުގެ ޓްރެފިކަށްވެސް ވަކި އުސުލޫތަކެއް ރޯދަމަސް ތެރޭގައި ހަމަޖައްސާނެކަމަށް އިމްރާން ވިދާޅުވިއެވެ.

ބޯޓު ފަހަރުތަކަށް މުދާ އަރުވާ ބޭލުމުގައި:

• ބޯޓުތަކުން މުދާ ބާލާފައި ޖެޓީ މަތީގައި ނުވިއްކުން
• ބޯޓުތަކުން އަރުވަން މުދާ ގިނަ ދުވަސް ވަންދެން ނުބެހެއްޓުން
• ބޯޓުތަކުން މުދާ ބާލާފައި ނުގެންގޮސް ނުބެހެއްޓުން

މީގެއިތުރުން، ބާޒާރު ހިމެނޭ ސަރަޙައްދުގައި ގަވާއިދާއި ޚިލާފަށް ޕާކް ނުކުރުމަށާއި، ފިހާރަތަކުން ފިހާރަ ބޭރުގައި މުދާ ބަހައްޓައިގެން ވިޔާފާރި ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ފިހާރަތަކުން ކުނި ނެރެފައި ބަހައްޓާ ފަރާތްތަކަށް ފިޔަވަޅު އެޅޭނެކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

ރަމަޟާން މަހަށް ވާންވާއިރަށް މިސްކިތްތައް ކައިރީގައި ހުންނަ، ޕާކިންގ ޒޯނުތަކުގައިވާ ގިނަދުވަސްވީ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރިއަށްދާކަމުގައި އިމްރާން ވިދާޅުވިއެވެ. އަދި ޓްރެފިކް ލައިނުތައް އައު ކުރުމުގެ މަސައްކަތްވެސް ހިމެނޭކަމުގައި ވިދާޅުވިއެވެ.

ރަމަޟާން މަސްތެރޭގައި، ނަމާދުގެ 15 މިނެޓު ކުރިން އަދި ނަމާދުގެ 15 މިނެޓު ފަހުން، މިސްކިތް ކައިރި ސަރަހައްދުތަކުގައި، 4 ފުރޮޅުލީ އުޅަނދަށް ޓްރެފިކް ބަންދުކުރެވޭނެކަމުގައި އިމްރާން ވިދާޅުވިއެވެ.

މީގެއިތުރުން ކައުންސިލް އިންތިޚާބާ ދިމާކޮށް ކެމްޕޭން ހަރަކާތްތައް ރަމަޟާންމަހުގެ ތެރޭގައިވެސް ކުރިއަށް ދާނެކަމުގައި ލާފާކުރެވޭތީ، މަގުމަތީގައި ކެމްޕޭން ހަރަކާތްތައް ހިންގާނަމަ ފުލުހުންނަށް ދުރާލާ އެ މަޢުލޫމާތު ހިއްސާކުރުމަށް އިމްރާން ވިދާޅުވިއެވެ.

ރަމަޟާން މަހަށް ޚާއްސަކޮށްގެން ކޮންމެ އަހަރަކުވެސް ފުލުހުން މިފަދަ ހަރަކާތައް ކުރިޔަށްގެންދަނީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ޓްރެފިކް މައްސަލަތައް ވީހާވެސް މަދުކުރުމުގެ
މަޤްޞަދުގައެވެ.