ޚަބަރު

ފޭސް 2ގެ ރޯދަ މާރުކޭޓުން ގޮޅި ދޫކުރަން ހުޅުވާލައިފި


  • ގޮޅިތަކަށް ހުށައެޅުމަށް ފުރަން ޖެހޭ ފޯމު އެޗްޑީސީ ވެބްސައިޓުގައި

  • ފޯމު ބަލައިގަތުމާ ގުރުއަތު ނެގުން އަންނަ ބުރާސްފަތި ދުވަހު 15:30ގައި

ކުރިޔަށް އޮތް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޤާއިމްކުރި ރޯދަ މާރުކޭޓުން ދިވެހިންނަށް ގޮޅި ދޫކުރަން ހުޅުވާލައިފިއެވެ.

އެޗްޑީސީން ވިދާޅުވީ، މި މާރުކޭޓުން ގޮޅި ދޫކުރަނީ ހިލޭ ކަަމަށެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން އަންނަނީ، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތަކުގެ ތެރެއިން، ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު އެކި ބާވަތްތަކުގެ ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ރަމަޟާން މަހަށް ޚާއްޞަކޮށް ވަނީ ރޯދަ މާރުކޭޓެއް ތަރައްޤީކޮށްފައެވެ. އެޗްޑީސީން މިހާރު ވަނީ، ދެވަނަ ފިޔަވަހީގައި ޤާއިމްކުރި ރޯދަ މާރުކޭޓުން ދިވެހިންނަށް ގޮޅި ދޫކުރަން ހުޅުވާލާފައެވެ.

އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، މި މާރުކޭޓުން ގޮޅި ދޫކުރަނީ ހިލޭ، އެއްވެސް ކުއްޔެއް ނުނަގާ ކަމަށެވެ. އަދި މި ގޮޅިތަކުގައި ވިއްކޭނީ މަހުގެ ބާވަތްތަކާއި، މޭވާއާއި، ތަރުކާރީ އަދި އެހެނިހެން ދިވެހި ކާބޯތަކެތީގެ ބާވަތްތައް ކަމަށެވެ.

އެޗްޑީސީން ވިދާޅުވީ، މި މާރުކޭޓުގެ ގޮޅިތަކަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމާއި ގުރުއަތު ނެގުން އޮންނާނީ، މި މަހުގެ 5ވާ، ބުރާސްފަތި ދުވަހުގެ ހަވީރު 15:30ގައި އެޗްޑީސީ ކަސްޓަމަރ ކެއަރ އޮފީހުގައި ކަމަށެވެ. އަދި ގޮޅިއަށް އެދި ހުށައަޅަން ޖެހޭ ފޯމް އެޗްޑީސީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

މި މާރުކޭޓު ޤާއިމުކޮށްފައިވަނީ، ވިނަރެސް ޓަވަރ 8 އާއި، އެ ސަރަޙައްދުގައި ހުންނަ ވަގުތީ މިސްކިތް ދޭތެރޭގައެވެ.

އެޗްޑީސީން މަސައްކަތް ކުރަނީ ހުޅުމާލެއަކީ، ހުރިހާ ޚިދުމަތެއް ފަސޭހައިން ލިބެން ހުންނަ ތަނަކަށް ހެދުމަށް ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ. އެޗްޑީސީގެ ފަރާތުން ފާއިތުވެދިޔަ އަހަރުތަކުގައިވެސް ރޯދައަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.