ވިޔަފާރި

އަމާނާ ތަކަފުލްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ ބޭއްވީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް


އަމާނާ ތަކަފުލްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބާއްވައިފިއެވެ.

މިއީ ރާއްޖޭގައި ކުންފުންޏެއްގެ އަހަރީ އާންމު ޖަލްސާއެއް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ފުރަތަމަ ފަހަރެވެ. ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އާންމުން އެއްވެއުޅުން މަނާކޮށްފައިވާތީ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަމާނާ ތަކަފުލްގެ 9 ވަނަ އަހަރީ އާންމު ޖަލްސާ ބާއްވައިފައިވަނީ އިއްޔެ މެންދުރު 14:30 އިން 15:15 އަށެވެ.

މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި 2019 ވަނަ އަހަރު ހިއްސާދާރުންނަށް ކުންފުނީގެ ސާފުފައިދާ ގެ ތެރެއިން 10 އިންސައްތަ ކަމަށްވާ 2.6 މިލިއަން ރުފިޔާ ބެހުމަށް ވަނީ ނިންމާފައެވެ. 16 އެޕްރިލް 2020 ގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައިވާ ހުރިހާ ހިއްސާދާރުންނަށް ފައިދާ ލިބޭނެކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެއިތުރުން މި ޖަލްސާގައި މިދިޔަ އަހަރުގެ އަހަރީ ހިސާބުތައް ފާސްކުރުމާއި، ކުންފުނީގެ ބޯޑަށް އިންޑިޕެންޑެންޓް ޑިރެކްޓަރެއް ވަނީ އައްޔަންކޮށްފައެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ހިއްސާދާރުންނަށް ކުންފުނީގެ ފަރާތުން ހިލޭ ޕާސަނަލް އެކްސިޑެންޓް ކަވަރ ދިނުމަށް އަހަރީ ޢާންމު ޖަލްސާގައި ވަނީ ނިންމާފައެވެ.

މިދިޔަ އަހަރު އަމަނާތަކަފުލްއަށް ފައިދާ ގެ ގޮތުގައި 14.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ކުންފުނީގެ ޖުމްލަ ޢާމްދަނީގެ ގޮތުގައި ފާއިތުވި 2019 ވަނައަހަރު 138 މިލިއަން ދިވެހިރުފިޔާ ލިބިފައިވެއެވެ. މިއީ، 2019 ވަނައަހަރު އިންޝުއަރަންސް ސިނާއަތް އަހަރުން އަހަރަށް ކުރިއަރާފައިވާ މިންވަރަށްވުރެ އިތުރު މިންވަރެއްކަމަށް އެ ކުންފުނިން ބުނެއެވެ.

އަމަނާ ތަކަފުލްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ޒޫމް މެދުވެރިކޮށް ބޭއްވި ވީޑިއޯ ކޮންފަރެންސްގައި 94 އިންސައްތަ ހިއްސާދާރުން ވަނީ ބައިވެރިވެފައެވެ. މިއީ 26 މެންބަރުންކަމަށް އަމާނާ ތަކަފުލްއިން ވިދާޅުވެއެވެ.