ޚަބަރު

ކޯވިޑް-19 : ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރެވެނީ 15.2 ބިލިޔަން ރުފިޔާ


ކޯވިޑް-19އާ ގުޅިގެން ދުނިޔެއަށް ކޮށްފައިވާ އިޤްތިޞާދީ އަސަރުތަކާއި ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި މިއަހަރު ލިބޭނެކަމަށް މިހާރު ބެލެވެނީ 15.2 ބިލިޔަން ރުފިޔާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދުގެ ބޮޑު ބަޔަކީ ފަތުރުވެރިކަމަށް ބަރޯސާ ވެފައިވާ އިޤްތިޞާދަކަށްވާއިރު މިއައި ގޮންޖެހުންތަކާއެކު ފަތުރުވެރިކަން ހުއްޓިފައިވާކަމަށެވެ.

ފަތުރުވެރިކަން ހުއްޓި ދައުލަށްލިބޭ ޓެކްސް ފައިސާގެ ޢަދަދުވެސް ވަރަށްބޮޑަށް ދަށްވާނެކަމަށެވެ. އެގޮތުން ރިސޯޓްތަކުގެ ގޮތުގައި މިހާރު ތަރައްޤީކޮށްފައިވާ ރަށްތަކާއި މިހާރުވެސް ހިންގަމުންދާ ރިސޯޓްތަކުން ދައުލަތަށް ދައްކަންޖެހޭ ބިމު ކުއްޔާއި ޓެކްސް ފައިސާވެސް ދެއްކޭނެކަމަށް ނުބެލެވޭކަމަށެވެ. މިކަމުގެ ސަބަބުން ދައުލަތުގެ ޢާމްދަނީ ބޮޑުތަނުން ދަށްވާނެކަމަށެވެ. އިޤްތިޞާދީ ގޮތުން ރާއްޖެއަށް ކުރަމުންދާ އަސަރުތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދަނީ އެމްއެމްއޭއާއި، އިކޮނޮމިކް މިނިސްޓްރީއާއި، ޓުއަރިޒަމް މިނިސްޓްރީއާ ގުޅިގެންކަމަށެވެ.

ރާއްޖޭގައި ކޯވިޑް-19 ފެތުރި ބަލި ފެތުރެމުންދާގޮތާއި، މިހާރު އަންދާޒާ ކުރެވޭގޮތުން ރާއްޖެއަށް ފަތުރުވެރިން އަލުން އަންނާނެކަމަށް ބެލެވެނީ މިއަހަރުޖެ ޖުލައި މަހުކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. އަދި ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖޭގެ އިޤްތިޞާދަށް ޚާއްސަކޮށް ފަތުރުވެރިކަމަށް އަންނާނެ ބަދަލުތަކާގުޅޭ 5 ސިނާރިއޯއެއް ހަދާފައިވެއެވެ. އެގޮތުން 3ވަނަ ސިނާރިއޯއަކީ މިހާރުގެ ޙާލަތު އޮތްގޮތުން އަރައިގަނެވި ހިނގައިގަނެވޭނެ ޙާލަތުކަމަށް ލަފާނުކުރެވޭ ޙާލަތެއްކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. މިގޮތުން 3ވަނަ ސިނާރިއޯގައި ރާއްޖޭގެ ދަތުރުފަތު ފެށި، ފަތުރުވެރިކަން ފެށުނަސް މިއަހަރު އަންނާނެކަމަށް ލަފާކުރެވެނީ 85546 މީހުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއީ ފާއިތުވެދިޔަ އަހަރާ އަޅާބަލާއރު 39 އިންސައްތަ ދަށް އަދަދެކެވެ.

އަދި އެންމެ ގޯސްވާނެ ސިނާރިއޯ އަކީ 5 ކަމަށާއި، އެސިނާރިއޯގައި މިއަހަރު ދެންރާއްޖެއަށް އެއްވެސް ފަތުވެރިޔަކުން އަންނާނެކަމަށް ލަފާނުކުރެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިއަހަރުގެ ޤައުމީ އުފެއްދުން ތެރިކަން 11.5 އިސައްތަ ދަށްވާނެކަމަށެވެ. މިއީ ފައިސައިން ބަލާނަމަ 81 ބިލިޔަން ރުފިޔާގެ ދަށްވުމެކެވެ.

އަދި މިހާރު އިޤްތިޞާދު ލަފާކުރެވޭ ގޮތުން ގައުމުގެ އިޤްތިޞާދު ވަރަށްބޮޑަށް ދަށްވެ، ގިނަ ބައެއްގެ ވަޒީފާ ގެއްލި ވަޒީފާ އަދާކުރާ ފަރާތްތަކަށްވެސް ދެވޭ މުސާރަޔާއި އިނާޔަތް ކުޑަވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިޙާލަތުން އަރައި ގަތުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ދައުލަތުގެ ޚަރަދުތައް ކުޑަކޮށް ހިލޭ އެހީއާއި، ބޭރުގެ އެކި ފަރާތްތަކުން ލިބޭ ލޯނުތައް އިތުރުކޮށްގެންކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.