އަޅުގަނޑުމެން މުސްލިމުންމނަށް ދިމާވާ ދަތި އުނދަގޫ ދަނޑިވަޅުތަކުގައިވެސް އުފާވެރި ވަގުތުތަކުގައިވެސް ޚަލްޤުތަކުންގެވެރި މާތްﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޒިކުރުކޮށް އެކަލާނގެ ހަނދުމަކުރަންޖެހެއެވެ. ދަތި އުނދަގޫތަކާއި މުޞީބާތްތަކުން މިންޖުކޮށްދެއްވާތޯ ދުޢާކުރަންޖެހެއެވެ. އުފާވެރިކަމެއް ދިމާވާ ވަގުތު ޙަމްދައި ޝުކުރުކުރަންޖެހެއެވެ.
މާތްﷲ މެނުވީ އަޅުގަނޑުމެންނަށް ވާގިވެރިވާނޭ މަދަދުދެއްވާނޭ އެފަދަ އެހެން އެއްވެސް ފަރާތެއް ނުވާކަމަށް އަޅުގަނޑުމެން ހެކިވަމެވެ.
ޚަލްޤުތަކުންގެ މައްޗަށް ރަޙުމަތްވަންތަ ﷲވަނީ އެކަލާނގެ ރަޙުމަތް އެއްވެސް އިމެއް، މިނެއްނެތި ތަނަވަސްވެގެންވާކަން ބާޔާންކުރައްވާފައެވެ. އަދި އެކަލާގެ މަދަދާއި ރަޙުމަތަށް އެދި ދުޢާކުރުމަށް އަންގަވާފައިވެއެވެ.
އެކަލާނގެ މަދަދާއި ރަޙުމަތަށް އެދި ކުރުން މޮޅު އިތުރުވެގެންދާ ދުޢާތަކާއި ޒިކުރުތަކާއި ދަލީލުތައް ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ސުންނަތުން ވާރިދުވެގެން އައިސްފައިވެއެވެ.
އަޅުގަނޑުމެން މާތްﷲގެ މަދަދާއި ރައްކާތެރިކަމަށް އެދޭ އެންމެ މުހިންމު އެއްވަގުތަކީ ނިދާ ވަގުތެވެ. ކީރިތި ޤުރްއާނުގެ ސޫރަތުއްޒުމަރުގެ 42ވަނަ އާޔަތުގެ މާނައިގައި ވެއެވެ.
"نفس ތައް މަރުވާހިނދު، އެ نفس ތަކުގެ ފުރާނަތަކާއި، މަރުނުވެ ނިދާވަގުތުގައި ނިދާމީހުންގެ ފުރާނަތައް ހިއްޕަވަނީ اللَّهއެވެ. ދެން މަރުވުމަށް ކަނޑައަޅުއްވައިފިމީހެއްގެ ފުރާނަ، އެކަލާނގެ ހިފަހައްޓަވަތެވެ. އަދި އެނޫންމީހުންގެ ފުރާނަ، ކަނޑައެޅިގެންވާ މުއްދަތަކަށް (ހަށިތަކަށް) ފޮނުއްވަތެވެ. ހަމަކަށަވަރުން، އެކަންތަކުގައި ފިކުރުކުރާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ."
މި އާޔަތުން ދޭހަވާ މުހިންމު ބައެއް ކަންކަމަށް ބަލާއިރު ނިދުމަކީ މަރުވުންފަދަ ކަމެއްކަން ދޭހަވާހަކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. މި ސަބަބަށްޓަކައި ނިދާފައި އޮންނަ ވަގުތު ޝައިޠާނާގެ ވަސްވާސްތަކާއި މިފަދަ ނުބައިކަންކަމުން ސަލާމަތްކުރެއްވުން އެދި ދެންނެވުމަށް މާތްﷲ ވަނީ އަންގަވާފައެވެ.
ނިދުމުގެ ކުރިން މާތްﷲގެ ރައްކާތެރިކަމަށް އެދި ކުރަންޖެހޭ ދުޢާތަކާއި ޒިކުރުތައް ވާރިދުވެގެން އައިސްފައިވެއެވެ.
ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ އަޅުގަނޑުމެންނަށް މިފަދަ ދުޢާތަކާއި ޒިކުރުތައް އަދި ނިދުމުގައި ޢަމަލުކުރަންވީގޮތުން ބަޔާންކޮށްދެއްވާފައެވެ.
އޭގެތެރެއިން ނިދުމުގެކުރިން ކިޔުން އެނެމް އައުލާވެގެންވާ ޒިކުރަކީ އާޔަތުލްކުރުސިއެވެ. އާޔަތުލް ކުރްސިއަކީ މާތްﷲ ކީރިތި ޤުރުއާންގައި ވަޙީކުރައްވާފައިވާ އާޔަތްތަކުގެ ތެރެއިން އާޔަތެކެވެ.
އެއީ ސޫތަތުލްބަޤަރާގެ 255ވަނަ އާޔަތެވެ. އާޔަތުލް ކުރްސީގައި 50 ކަލިމަ ހިމެނެއެވެ. ކޮންމެ ކަލިމައަކީވެސް އެތައް ގޮތަކުން އޭގެ ދަރުމަޔާއި ހެޔޮ އަސަރުކުރެއެވެ.
އާޔަތުލްކުރުސިއާ ގުޅިފައިވާ އެހެން ޙާދިސާއެއްވެސް ވެއެވެ. ކީތިރި ރަސޫލާގެ ޞަޙާބީ އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވާ ޙާސީދެއްގައިވެއެވެ. މިޙަދީޘް ޞަޙީޙުލްބުޚާރީގެ 5010 ވަނަ ހަދީޘްގެ ގޮތުގައި ހިމަނުއްވާފައިވެއެވެ
"ފިތުރުޒަކާތުގެ މުދާ ބެލެހެއްޓުމަށް ކީރިތި ރަސޫލާ ތިމަންކަލޭގެފާނާ ޙަވާލުކުރެއްވިއެވެ. އެއްފަހަރަކު އެތަނަށް މީހަކު ވަދެ ވައްކަންކުރަން ފެށިއެވެ. ތިމަންކަލޭގެފާނު އޭނާ ހިފީމެވެ. އެއަށްފަހު ބުނީމެވެ. ކަލޭގެ މައްސަލަ ކީރިތި ރަސޫލަގެ އަރިހަށް ހުށަހަޅާހުށީމެވެ. އެހިނދު އޭނާ ބުންޏެވެ.
ތިބާ ނިދަން ތަންމައްޗަށް އަރާހިނދު އާޔަތުލްކުރުސި ކިޔާށެވެ. ފަހެ އޭރުން ތިބާގެ ކައިރިން ދުރުނުވެ ތިބާ ރައްކާތެރިކޮށްދޭނެ ފަރާތެއް މާތްﷲގެ ޙަޟުރަތުން ލައްވަވާނެއެވެ.
އަދި އިރުއެރުމާހަމައަށް ތިބާއާއި ޝައިޠާނާ ގާތްނުވާ ހުއްޓެވެ. (މިވާހަކަ ފަހުން ކީރިތި ރަސޫލާއަށް ދެއްނެވުމުން)އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން އެއީ ބޮޑު ދޮގުވެރިއެކެވެ. އެހެންނަމަވެސް (މިފަހަރު) ކަލޭގެފާނުގެ އަރިހުގައި އެކަލޭގެ ތެދުބުނެފިއެވެ. އެއީ ހަމަކަށަވަރުން ޝައިޠާނާއެވެ.
އެހެންކަމުން މުސްލިމުންނަށް އާޔަތުލް ކުރުސީގެ މާތްކަން ފުރަތަމަ ކިޔައިދިނީ ޝައިޠާނާކަމުގައި ވެއެވެ. މިކަމުން އެނގެނީ ކިތަންމެ ނުބައި ނުލަފާ މީހަކުވެސް ރަނގަޅު ވާހަކައެއް ބުނެފިނަމަ އެވާހަކަ ޤަބޫލުކުރަންޖެހޭކަމެވެ.
ޝައިޠާނާއަކީ މި ދުނިޔޭގައި މާތްﷲ ލެއްވި އެންމެ ނުބައި މަޚްލޫޤެވެ. ނުބައި ނުލަފާ ޢަމަލުތަކާ ފެތުރުމާއި މީސްތަކުން މަގުފުރެއްދުމުގައި އެންމެ އިސްމީހަކީ އޭނާއެވެ. އެހެންނަމަވެސް އެ ޝައިޠާނާވެސް ހެޔޮ ރަނގަޅު ވާހަކައެއް ބުނީތީ އެވާހަކަ ޤަބޫލުކުރުމަށް މާތްނަބިއްޔާ އުންމަތަށް އިރުޝާދުދެއްވިއެވެ.
އާޔަތުލްކުރުސީގެ މާތްކަމާއި މަތިވެރިކަން މި ޙަދީޘުން ހާމަވެގެންދެއެވެ. ހެޔޮ ނިޔަތުގައި ކުރުސި ކިޔައިގެން ނިދައިފިމީހާ އިރުއެރުމާހަމައަށް މާތްﷲގެ ރައްކާތެރިކަމުގައި ލައްވާނެކަން ހާމަވެއެވެ.
اللَّهُ لاَ إِلَهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلاَّ بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَوٰتِ وَالأَرْضَ وَلاَ يَئُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ
އާޔަތުލް ކުރީގެ އެކުލެވިގެންވާ މާނައަކީ " اللَّه އީ، އެކަލާނގެ ފިޔަވައި حق ވެގެން އަޅުކަމެއް ވެވޭ إله އަކުނުވާ ރަސްކަލާނގެއެވެ. ދިރިދެމިވޮޑިގެންވާ، دائم އަށް قائم ވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. އަވަހާރަފުޅު އައުމެއް އަދި، އަވަހާރަފުޅު ލެއްޕެވުމެއްވެސް އެކަލާނގެއަކަށް ނުވެއެވެ. އުޑުތަކުގައި ވާހައި އެއްޗަކާއި، އަދި، ބިމުގައި ވާހައި އެއްޗެއް މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެ إذن ފުޅާ ނުލައި އެކަލާނގެ حضرة ގައި شفاعة ތެރިވާނޭ މީހަކީ ކާކުހެއްޔެވެ؟ އެއުރެންގެ ކުރިން (އެބަހީ: خلق ތަކުންގެ ކުރިން) އިސްވެގޮސްފައިވާހައި ކަމަކާއި، އެއުރެންގެ ފަހުން ވާނޭހައި ކަމެއްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި، އެކަލާނގެ علم ފުޅުގެ ތެރެއިން އެކަލާނގެ އިރާދަކުރެއްވިކަމެއް ފިޔަވައި، އެއްވެސް އެއްޗެއް އެއުރެންނަކަށް އެނގިގެނެއް ނުވެއެވެ. އެކަލާނގެ كرسى، އުޑުތަކާއި، ބިމުގެ އެންމެހައި ކަންކޮޅުތަކަށް ތަނަވަސް ވެގެންވެއެވެ. އެ އުޑުތަކާއި، ބިން، ރައްކާތެރި ކުރައްވައި ހިފެހެއްޓެވުމަށް އެކަލާނގެ حضرة އަކަށް ކުޑަވެސް ބުރަކަމެއް ނުވެއެވެ. އަދި، އެކަލާނގެއީ، އެންމެ މަތިވެރި އެންމެ މާތް ރަސްކަލާނގެއެވެ."
މާތް ނަބިއްޔާ މުހައްމަދު صلى الله عليه وسلم ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. ކޮންމެ ރެއަކު އާޔަތުލް ކުރުސި ކިޔާށެވެ. އަދި ހެނދުނާއި ހަވީރުވެސް ކިޔާށެވެ. ނިދުމުގެ ކުރީގައި އާޔަތުލް ކުރުސީ ކިޔުން ސުންނަތް ވެގެންވެއެވެ.
ނިދުމުގެ ކުރިން އާޔަތުލް ކުރުސި ކިޔައިފި މީހާއާ ފަޖުރުގެ އަލިކަން ފާޅުވަންދެން ޝައިތާނާ ކައިރި ނުވާނޭ ކަމަށާއި، މާތް ﷲ ހަޟުރަތުން އޭނާއަށް ރައްކާތެރިކަން ލިބިގެންވާކަމުގައި ރިވާވެގެންވެއެވެ. މާތް ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައި آية الكرسي ކިޔައިފިމީހާ ސުވަރުގެ ވަނުމާއި އޭނައާ ދެމެދުގައިވަނީ މަރުވުމެވެ.