ޚަބަރު

ހުރްމުޒްގެ ސަލާމަތާ ގުޅޭގޮތުން ދެކުނު ކޮރެއާއާއި އީރާނުން މަޝްވަރާކޮށްފި


ހުރްމުޒް ކަނޑުއޮޅިން ދަތުރުފަތުރުކުރުމުގެ މިނިވަންކަން ކަށަވަރުކުރުމަށާއި މެދުއިރުމަތީގެ މިހާރުގެ ޙާލަތާ ގުޅޭގޮތުން ދެކުނު ކޮރެއާއާއި އީރާނުގެ ޚާރިޖީ ވަޒީރުން ފޯނުން ގުޅުއްވައި މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.

ދެކުނު ކޮރެއާގެ ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި، މިއަދުގެ ވަގުތެއްގައި ކުރިއަށްދިޔަ މި ފޯނު ކޯލުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ޗޯ ތައެ-ޔުލް ވަނީ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް ޢަރާޤްޗީއާ ވާހަކަދައްކަވައިފައެވެ.

މި މަޝްވަރާގައި ދެކުނު ކޮރެއާގެ ޚާރިޖީ ވަޒީރު ވަނީ މެދުއިރުމަތީގެ މިހާރުގެ މަސްރަޙާމެދު ކަންބޮޑުވުން ފާޅުކުރައްވައި، އެ ސަރަޙައްދުގައި ދެމެހެއްޓެނިވި ޞުލްޙައާއި ހަމަޖެހުން ޤާއިމުވުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. އަދި ހުރިހާ އުޅަނދުފަހަރަކަށް ރައްކާތެރިކަމާއި މިނިވަންކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގުފަހިކުރުމަށް ދެކުނު ކޮރެއާއިން އަބަދުވެސް ތާޢީދުކުރާ ކަމަށާއި، ކަނޑުގެ ސަލާމަތްތެރިކަން ދެމެހެއްޓުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި އެ ޤައުމުން ބައިވެރިވާނެ ކަމުގެ ޔަޤީންކަން ވެސް އޭނާ ވަނީ ދެއްވައިފައެވެ.

އީރާނުގެ އެދުމުގެ މަތިން ކުރިއަށްދިޔަ މި މަޝްވަރާގައި، ޢަރާޤްޗީ ވަނީ ސަރަޙައްދީ ކަންކަމާ ގުޅޭގޮތުން އީރާނުގެ ވިސްނުން ސާފުކޮށްދެއްވައިފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައިވާ މުޢާމަލާތްތައް މެދުކެނޑުމެއްނެތި ކުރިއަށްގެންދިއުމަށް ދެ ވަޒީރުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.

ދެ ޤައުމުގެ ޚާރިޖީ ވަޒީރުން މަޝްވަރާކުރައްވާފައި މިވަނީ، ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތަށްޓަކައި އެ ސަރަޙައްދަށް ސިފައިން ފޮނުވުމާމެދު ގޮތެއް ނިންމުމުގެ ކުރިން، ޙާލަތު ދިރާސާކުރުމަށް ދެކުނު ކޮރެއާގެ އިންސްޕެކްޝަން ޓީމެއް މެދުއިރުމައްޗަށް ފޮނުވާފައިވާ ދަނޑިވަޅެއްގައެވެ.

ދެކުނު ކޮރެއާގެ ރިޔާސީ އޮފީހުން މިދިޔަ ހަފުތާގައި ހާމަކުރި ގޮތުގައި، ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަސްކަރީ ފިޔަވަޅުތައް ހިމެނޭހެން އެކި ގޮތްގޮތުން ދަނީ ވިސްނަމުންނެވެ. މިއީ އީރާނުގެ މައްސަލައިގައި އެމެރިކާއިން އިސްނަގައިގެން ކުރިއަށްގެންދާ މަސައްކަތްތަކުގައި ދެކުނު ކޮރެއާގެ ބައިވެރިވުން ކުޑަކަމަށް ބުނެ އެމެރިކާއިން ފާޑުކިޔަމުންދާ ދަނޑިވަޅެކެވެ.

ނަމަވެސް، އީރާނުގެ ޚާރިޖީ ވުޒާރާއިން ވަނީ މިކަމާ ދެކޮޅަށް ހަރުކަށި އިންޒާރެއް ދީފައެވެ. އެ ވުޒާރާގެ ތަރުޖަމާނު 'އެކްސް' ގައި ހާމަކުރެއްވި ގޮތުގައި، ޚަލީޖާއި ހުރުމުޒު ކަނޑުއޮޅީގައި ދެކުނު ކޮރެއާގެ އެއްވެސް އަސްކަރީ ހަރަކާތެއް ނުވަތަ ބައިވެރިވުމެއް އޮތުމަކީ އެމެރިކާގެ ޢުދުވާނަށް ވާގިވެރިވުން ކަމަށް ބެލެވޭނެއެވެ. އަދި އޭގެ ސަބަބުން ނުކުމެދާނެ ނަތީޖާ ވަރަށް ނުރައްކާތެރި ވެދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ދެކުނު ކޮރެއާ ސަރުކާރުން ބުނެފައިވަނީ، ހުރްމުޒް ކަނޑުއޮޅިއަށް ސިފައިން ފޮނުވުމާމެދު އަދި މިހާތަނަށް ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.