ވިޔަފާރި

ޓެކްސް ދައްކާ ފަރާތްތަކަށް ލުއިގޮތްތައް ހޯދައިދޭނަން- ޔަޒީދު


ޓެކްސް ޤަވާއިދުތަކުގައި މިހާރު ހުރި މައްސަލަތައް ފާހަގަކޮށް، އެ މައްސަލަތައް ހައްލުކުރުމަށާއި، ޓެކްސް ދައްކާ
ފަރާތްތަކަށް ލުއިދެވެން ހުރި ކަންކަން ފާހަގަކޮށް ދެވެން ހުރި ލުއިތައް ދިނުމަށް
ޚާއްޞަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް
ޓެކްސޭޝަން ޔަޒީދު މުހައްމަދު ވިދާޅުވެއްޖެއެެވެ. 

މޯލްޑިވްސް އިންލަންޑް
ރެވެނިއު އޮތޯރިޓީގެ 5 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ވިދާޅުވީ، މީރާގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށްޓަކައި މީރާގެ
އިދާރީ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވާކަމަށާއި، އެ
ލަނޑުދަނޑިތައް ހާސިލްކުރައްވާނެކަމަށެވެ. މީރާގެ ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ
ތެރޭގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ، އެއިދާރާއަކީ، ނަޒާހަތްތެރިކަމާއި
ހަމަހަމަކާއެކު ދެފުށް ފެންނަގޮތަށް މަސައްކަތްކުރާ ޕްރޮފެޝަނަލް
މުއައްސަސާއެއްކަން ޓެކްސް ދައްކާ ފަރާތްތަކާއި އާންމު ރައްޔިތުން ބަލައިގަތުންކަމަށް
ކޮމިޝަނަރ ވިދާޅުވިއެވެ. 

މީރާގެ ފަސް އަހަރުގެ ތާރީޚުގައި ލިބޭ އެންމެ ބޮޑު
ހިތްހަމަޖެހުމަކީ، މީރާއާ ހަވާލުކުރެވިފައިވާ ޤާނޫނީ ޒިންމާތައް ހަރުދަނާކަމާއެކު
އަދާކުރަމުންދާކަން ޓެކްސް ދައްކާ ފަރާތްތަކާއި އާންމު ފަރާތްތަކުން ގަބޫލުކުރުންކަމަށް
ޔަޒީދު ވިދާޅުވިއެވެ. ކޮމިޝަނަރ ވިދާޅުވީ، މީރާގެ ހަޔާތުގެ ފުރަތަމަ ދެތިން އަހަރު
ހޭދަކޮށްފައިވަނީ ޖީ.އެސް.ޓީ އާއި ބީ.ޕީ.ޓީ ރާއްޖެއަށް ތައާރަފުކޮށް، އެ
ޓެކްސްތައް ތަންފީޒުކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތުގައިކަމަށްކަމަށެވެ.
އެ ގޮތުން ދިހަ މަސްދުވަހުގެ ތެރޭގައި ތަފާތު 3 ޓެކްސް ޤާނޫނެއް
ތައާރަފުކުރެވިފައިވާކަމަށައި، ކުރިއަށް އޮތް 5 އަހަރުގެ މީރާގެ ސްޓްރެޓީޖިކް
ޕްލޭން 2014 ވަނަ އަހަރު އިފްތިތާހްކުރެވިފައިވާކަމަށް ވިދާޅުވިއެވެ. މި
ސްޓްރެޓީޖިކް ޕްލޭންގައި ހިމެނޭ އިސްކަންދޭ 7 ސްޓްރެޓެޖީގެ ދަށުން ހާސިލްކުރަން
އަމާޒުކުރެވިފައިވާ ސައުވީސް ކީ ޕަރފޯމަންސް އިންޑިކޭޓަރސް ހާސިލްކުރުމުގެ
މަސައްކަތް މިހާރު ފަށްޓަވާފައިވާކަމަށް ޔަޒީދު ވިދާޅުވިއެވެ. 

އަދި މީރާގެ ހަވަ ވަނަ އަހަރު ފާހަގަކުރަން ބޭނުންވަނީ މީރާގެ
"ޑިޖިޓަލް އަހަރު" ގެ ގޮތުގައިކަމަށާއި، ޓެކްނޮލޮޖީގެ ރޮނގުން
ފާހަގަކޮށްލެވޭފަދަ ކުރިއެރުންތަކެއް ހޯދާ އަހަރުގެ ގޮތުގައިކަމަށްވެސް ވިދާޅުވިއެވެ.
މި ކަމާ ގުޅޭ އިތުރު ތަފްސީލު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރައްވާނެކަމަށްވެސް
ޔަޒީދު ވިދާޅުވިއެވެ.


"އޮގަސްޓު 2010 ވަނަ ދުވަހު ސާޅީހަކަށް މުވައްޒަފުންނާއެކު އަޅުގަނޑުމެން
ފެށި މަސައްކަތް ފުޅާވެ، މިއަދު މީރާ މި ވަނީ 200 އަށްވުރެ ގިނަ މުވައްޒަފުން
މަސައްކަތްކުރާ، ނިސްބަތުން ބޮޑު މުއައްސަސާއަކަށް ބަދަލުވެފައި. ޒަމާނީ ޓެކުހުގެ
ނިޒާމެއްގެ މާ ބޮޑު ތަޖުރިބާއެއް ނެތް ޒުވާން ކުދިންކޮޅަކާއެކު ފެށި ބުރަ
މަސައްކަތުގެ ފޮނި ނަތީޖާ މިއަދު މި ވަނީ ފެންނަން ފަށާފައި." ޔަޒީދު ވިދާޅުވިއެވެ.



ކުރިއަށް އޮތް އަހަރަކީ މޯލްޑިވްސް ޓެކްސް އެކެޑަމީ
އިފްތިތާހް ކުރެވި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ފެންވަރުގެ
ޓެކުހާ ގުޅޭ ކޯސްތަކެއް ވެސް ތައާރަފުކުރެވިގެންދާނެ އަހަރެއްކަމަށާއި، މީރާގެ
ސަރަހައްދީ އޮފީހާއި ކަލެކްޝަން ސެންޓަރުތައް އިތުރު އަތޮޅުތަކެއްގައި
ޤާއިމްކުރެވިގެން ދާނެކަމަށްވެސް ޔަޒީދު ވިދާޅުވިއެވެ.



"އާދެ، މީރާގެ މި ކާމިޔާބީގެ ފަހަތުގައި އެތައް ބައެއްގެ
ހިއްސާ ވާ ކަން ފާހަގަކުރަން. މި ގޮތުން ވޭތުވެދިޔަ 5 އަހަރު މީރާގެ ހީވާގި
މުވައްޒަފުން ވެފައިވާ އަގުނުކުރެވޭފަދަ ބޮޑު ގުރުބާނީ ފާހަގަކޮށް، ހިތުގެ އަޑިން
ޝުކުރު ދަންނަވަން. އަދި މީރާގެ މަސައްކަތްތައް ބައްޓަންކުރުމުގައި
އަޅުގަނޑުމެންނަށް ދެއްވި ހިކްމަތްތެރި އިރުޝާދާއި އެއްބާރުލެއްވުމަށްޓަކައި، މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނަށް
އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. މީގެ އިތުރުން، ދައުލަތުގެ އެހެން
މުއައްސަސާތަކުން، ޚާއްޞަގޮތެއްގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި
މޯލްޑިވްސް ޕޮލިސް ސަރވިސް އިން މީރާގެ މަސައްކަތްތަކަށް ދެއްވާ އަހައްމިއްޔަތާއި
އެއްބާރުލެއްވުން ފާހަގަކޮށް ޝުކުރުދަންނަވަން. އަދި މި 5 އަހަރުދުވަހުގެ ތެރޭގައި
މީޑިއާތަކުން މީރާއަށް ދެއްވާފައިވާ ފުރުސަތުތަކަށާއި އަޅުގަނޑުމެންނާމެދު
ބަހައްޓަވާ ގާތްކަމަށްޓަކައި އެ ފަރާތްތަކަށް ވެސް ޝުކުރުދަންނަވަން. ހަމަ
އެއާއެކު، ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ރާއްޖޭގެ ޓެކުހުގެ
ނިޒާމް އަދި ޓެކްސް ގަވާއިދުތަކާއި ކަމާގުޅޭ އުސޫލުތައް ބައްޓަންކުރުމުގައި
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭ.ޑީ.ބީން މީރާއަށް ދީފައިވާ ގިނަގުނަ އެހީތައް
ފާހަގަކޮށް، އޭ.ޑީ.ބީއަށް ވެސް ޚާއްޞަ ޝުކުރެއް ދަންނަވަން. އަދި ކުރު މުއްދަތެއްގެ
ތެރޭގައި ގިނަ ޓެކްސްތަކެއް ތައާރަފުކުރުމުގެ މަސައްކަތުގައި އަޅުގަނޑުމެން ކުރި
ދަތުރުގައި ޓެކްސް ދައްކާ ފަރާތްތަކުން ދެއްކެވި ކެތްތެރިކަމުގެ ނަމޫނާއަށާއި
ދެއްވި އެއްބާރުލެއްވުމަށްޓަކައި އެންމެހައި ވިޔަފާރިވެރިންނަށާއި އާންމު
ރައްޔިތުންނަށް ވެސް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން" ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ވިދާޅުވިއެވެ.