މިއަހަރުގެ ފުރަތަމަ 3 މަހު 16 މިލިއަން މީހުން ނެޓްފްލިކްސް އެކައުންޓް ހުޅުވާފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.
ނެޓްފްލިިކްސް އަކީ ފައިސާ ދައްކާ އެކައުންޓް ހަދައިގެން އިންޓަރނެތް މެދުވެރިކޮށް ސީރީސް އަދި ފިލްމް އޮންލައިންކޮށް ބެލުމަށް ހިދުމަތްދޭ ކުންފުންޔެކެވެ.
ނެޓްފްލިކްސް ކުންފުނިން ބުނީ މިއަހަރުގެ ފުރަތަމަ ތިން މަހު އެކުފުނީގެ ސްޓްރީމިން ހިދުމަތް ހޯދުމަށް އައު 16 މިލިއަން މީހުން އެކައުންޓް ހަދާފައިވާކަމަށެވެ. އަދި މިއީ މިދިޔަ އަހަރުގެ ފަހުކޮޅާ އަޅާބަލާއިރު އިތުރު އަދަދެއްކަމަށް ނެޓްފްލިކްސްއިން ބުނެއެވެ.
އެންމެ ގިނަ އެކައުންޓް ހަދާފައިވަނީ ޔޫރަޕް، މެދުއިރުމަތި އަދި އެފްރިކާއިން ކަމަށާއި މި 3 ސަރަޙައްދުން 7 މިލިއަން އައު އެކައުންޓް ހަދާފައިވާކަމަށް ނެޓްފްލިކްސްއިން ބުނެއެވެ. އަދި އެމެރިކާއާއި ކެނެޑާއިންވެސް 2.3 މިލިއަން މީހުން އަލަށް އެކައުންޓްތައް ހަދާ ހިދުމަތް ހޯދަން ފަށާފައިވެއެވެ. އަދި ނެޓްފްލިކްސްގެ ހިދުމަތް ހޯދާ ފަރަތްތަކުގެ ޖުމްލަ މިހާރު 182 މިލިއަނަށް އަރާފައިވާކަމަށްވެސް ނެޓްފްލިކްސްއިން ބުނެއެވެ.
ނެޓްފްލިކްސް ކުންފުނީގެ މިއަހަރުގެ ފުރަތަމަ ތިން މަހުގެ އާމްދަނީ އޭގެ ކުރީއަހަރުގެ މިމުއްދަތާ އަޅާ ކިޔާއިރު ވަނީ 5.76 މިލިއަން ޑޮލަރު ނުވަތަ 27 އިންސައްތަ އިތުރުވެފައެވެ. އަދި ކުންފުނީގެ ފައިދާވެސް ވަނީ މިއަހަރުގެ ފުރަތަމަ ކުއަޓާގައި ދެގުނަ އިތުރުވެ 709 މިލިއަން ޑޮލަރަށް އަރާފައެވެ. މީގެ ކުރީ އަހަރުގެ މިމުއްދަތުގައި ނެޓްފްލިކްސްއަށް ލިބިފައިވަނީ 344 މިލިއަން ޑޮލަރުގެ ފައިދާއެވެ.
ހިދުމަތް ހޯދާ ފަރާތްތަށް އެތައް ގުނައެއް އިތުރުވެފައިިވާތީ ނެޓްފިލްސްގެ ހިއްސާ އަގު ވަނީ މިއަހަރު ތެރޭގައި 30 އިންސައްތަ މައްޗަށްގޮސްފައެވެ.
ކޮވިޑް-19އާ ގުޅިގެން ގިނަ ޤައުމުތަކުގައި ކާފިއު އިއުލާންކޮށް، ފުރަބަންދުގެ ހާލަތަށް ގޮސްފައިވާތީ އާންމުން ގޭގައި ތިބެންޖެހުމުން އޮންލައިންކޮށް ފިލްމާއި ސީރީޒް ބެލުމަށް އޮތް ޑީމާންޑު ވަނީ އެތައް ގުނައެއް މައްޗަށް ގޮސްފައެވެ. ހިދުމަތް ހޯދާ ފަރާތްތައް އެތައް ގުނައެއް އިތުރުވަމުންދާތީ ނެޓްފްލިކްސްއިން ވަނީ އެކުންފުނީގެ އެކިއެކި ހިދުމަތް ފޯރުކޮށްދިނުމަށް އިތުރު 2000 މުވައްޒަފުންވެސް ނަގާފައެވެ.
އެ ކުންފުނިން ބުނީ ކުރިޔަށް މިއޮތް ތިން މަސްތެރޭގައިވެސް 7.5 މިލިއަން އިތުރު މެންބަރުން ލިބޭނެކަމަށް އުންމީދުކުރާކަމަށެވެ. މީގެއިތުރުން ޤައުމުތަކުގެ ސަރުކާރުތަކުން ފުރަބަންދުގެ ހާލަތު އާންމު ހާލަތަށް ބަދަލުކުރާ ހިސާބުން އެކުންފުނީގެ ހިދުމަތް ހޯދާ މީހުންގެ އަދަދު މަދުވާނެކަމަށް އިންވެސްޓަރުންނަށް ވަނީ އިންޒާރުދީފައެވެ.
ނެޓްފްލިކްސްއިން ދަނީ ކަސްޓަމަރުންނަށް އެކުންފުނި މެދުވެރިކޮށް ބެލޭ ފިލްމް އަދި ސީރީޒްގެ ލައިބްރަރީ އިތުރުކުރުމަށް މަަސައްކަތްކުރަމުންނެވެ.
ނެޓްފްލިކްސްއަކީ އެކުންފުނީގެ އަމިއްލަ ސީރީސް އަދި ފިލްމް އުފެއްދުމުގެ އިތުރުން އެހެން ފަރާތްތަކުން އުފައްދާފައިވާ ފިލްމާއި ސީރީޒްވެސް އެކުންފުނީގެ ޒަރިއްޔާއިން އާންމުންނަށް ފޯރުކޮށްދޭ ކުންފުންޔެކެވެ. ނެޓްފިލްކްސްއިން ބުނީ ކޯވިޑް-19 ގެ ސަބަބުން ދުނިޔޭގެ ގިނަ ޤައުމުތަކުގައި އާންމުން ގޭގައި ތިބޭއިރު، މިހިދުމަތް ހޯދުން އިތުރުވިޔަސް، އެކުންފުނީގެ އަމިއްލަ އުފެއްދުންތަައް ޝޫޓް ކުރުން މިދުވަސްވަރު ހުއްޓާލާފައިވާކަމަށެވެ.