ހަލުވިކަމާއެކު މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19ގެ ބަލިމަޑުކަމާއެކު މުޅި ދުނިޔެ ވަނީ ހުއްޓުމަކަށް އައިސްފައެވެ. ދަތުރުފަތުރުކުރުން މެދުކެނޑި، ޤައުމުތަކުގެ އިޤްތިޞާދަށް ލޮޅުންއަރައި އާއްމު ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް މިވަނީ ގެންނަންޖެހިފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ދުނިޔެދުށް އެންމެ ނުރައްކާތެރި ބަލިމަަޑުކަމެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ދުނިޔޭގެ އެކި ބައްރުތަކާއި، ސަރަޙައްދުތައް ހިމެނޭހެން 213 ޤައުމަކުން މިހާރުވަނީ ކޯވިޑް-19 ފެނިފައެވެ. ބަލިޖެހުނު މީހުންގެ އަދަދު 2.4 މިލިއަނަށްވުރެ މައްޗަށް ވަނީ އަރާފައެވެ. ދުނިޔޭގެ ތަފާސްހިސާބުތަކަށް ބަލާލާއިރު، މިވަގުތު މިބަލި އެންމެ ހަލުވިކަމާއެކު ފެތުރިފައިވަނީ އެމެރިކާއާއި ޔޫރަޕްގެ ޤައުމުތަކުގައެވެ. މީގެ ތެރެއިން ބައެއް ޤައުމުތަކުން ބަލި ފެތުރޭ މިންވަަރު ކޮންޓްރޯލްކުރުމުގައި ކާމިޔާބުވެފައިވާއިރު، އަނެއްބަައި ޤައުމުތައް މިކަމުގައި ވަނީ ނުކުޅެދިފައެވެ.
ބަލި ފެތުރުން ކޮންޓްރޯލްކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ގްރީންލޭންޑް މިއީ ފާހަގަކޮށްލެވޭ އެއް ޤައުމެވެ. ޑެންމާކުގެ ބާރުގެ ދަށުގައި އޮތްނަމަވެސް، މިނިވަން ދަޢުލަތެއް ހިންގަމުންދާ ގްރީންލޭންޑަކީ ދުނިޔޭގައި އުފެދިފައިވާ އެންމެ ބޮޑު ޖަޒީރާ ރަށެވެ.
ފަންސާސް ހާހަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ގްރީންލޭންޑުން ކޯވިޑް-19 މިހާތަނަށް ފެނިފައިވަނީ 11 މީހެކެވެ. މިބަލީގެ ކޭހެއް އެންމެ ފުރަތަމަ އެޤައުމުން ފެނިފައިވަނީ މާރިޗު މަހުގެ 17ވަނަ ދުވަހުއެވެ. އެފަހުން އެންމެ ގިނައިން ކޯވިޑް-19އަށް މީހުން ޕޮޒިޓިވް ވިދުވަހުވެސް ރިކޯޑް ކުރެވިފައިވަނީ އެންމެ 4 ކޭހއވެ. އެއީ މާރިޗުމަހުގެ 26ވަނަ ދުވަހެވެ. އެ ދުވަހު ކޯވިޑް-19ގެ ކޭހެއް ފެނިފައިވަނީ އޭޕްރީލްމަހުގެ 5ވަނަ ދުވަހުއެވެ.
ގްރީންލޭންޑުން ފެނުނު މި 11 ކޭސްވެސް ރިޕޯޓްކޮށްފައިވަނީ ވެރިކަންކުރާ ނޫކް ސިޓީންނެވެ. އެސިޓީގައި އެކަނިވެސް އަށާރަ ހާހަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ. މި ބަލީގެ ނުރައްކާ ކުޑަކުރުމުގެ ގޮތުން އެ ސިޓީއަށް ވަދެނުކުތުން މަނާކޮށް ވަނީ ބަންދުކޮށްފައެވެ. އަދި ކޮންމެހެން ވަދެނުކުންނަން ޖެހޭ ފަރާތްތަކަށްވެސް އެ ފުރުޞަތު ދެމުންދަނީ ވަކި އުޞޫލުތަކެއްމަތިންނެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވަކިވަކި އަވަށްތަކުންވެސް ދަނީ މިފަދަ ފިޔަވަޅުތައް އަޅަމުންނެވެ.
ކޯވިޑް-19 ޔޫރަޕްގެ ޤައުމުތަކަށް ފެތުރެން ފަށާފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ ތެރޭގައެވެ. ބަލީގެ ނުރައްކާ އިންތިހާއަށް އިތުރުވެގެންދިޔައިރުވެސް ޔޫރަޕްގެ ޤައުމުތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ލަސްވުމާއި، އެކަމުގައި ބޮޑެތި އިޙުމާލުތަކެއްވެފައިވާކަމަށް ތުޙުމަތުކޮށް ގިނަ ބައެއްގެ ފާޑުކިޔުން އެ ޤައުމުތަކުގެ ލީޑަރުންވަނީ އަމާޒުވެފައެވެ. ގްރީންލޭންޑަކީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އަޅާފައިވާ ޔޫރަޕްގެ މަދު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ.
ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކާ ގްރީންލޭންޑުން ވަނީ އެ ޤައުމުގެ ހުރިހާ ބޯޑަރުތަކެއް ބަންދުކޮށްފައެވެ. އަދި އާއްމުން ގިނައިން އެއްވެ އުޅުން ހުއްޓުވުމަށްޓަކާވެސް މުހިއްމު ފިޔަވަަަަޅުތަކެއް ވަނީ އަޅާފައެވެ. މިއީ 18ވަނަ ގަރުނާއި 19ވަނަ ގަރުނުގެ ތެރޭގައި ޔޫރަޕްގެ ޤައުމުތަކަށް ފެތުރިގެންދިޔަ ހުމާއި ރޯގާގެ ބަލިމަޑިކަމުން ލިބުނު ފިލާވަަަަޅުތަކުން އިބްރަތް ޙާޞިލުކޮށް އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ. މިއާއެކު މިހާތަނަށް އެ ޤައުމުން މި ބަލި ޖެހުނު 11 މީހުންވެސް ވަނީ ބަލިން ރަނގަޅުވެފައެވެ.
އެހެންނަމަވެސް ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން އާބާދީގެ ގޮތުންވެސް އަދި ވަަޞީލަތްތަކުގެ ގޮތުންވެސް އެންމެ ކުޑަ އެއް ޤައުމުކަމަށްވާ ގްރީންލޭންޑަށް އޮތް ނުރައްކާ އަދިވެސް ކުޑަނޫންކަމަށް އެ ޤައުމުގައި ހަރަކާތްތެރިވާ ޞިއްޙީ މާހިރުން ވިދާޅުވެއެވެ. ވަކިން ޚާއްސަކޮށް، ޤައުމުގެ ޞިއްޙީ ނިޒާމަށް ނުކަތާ ވަރަށް ބަލިޖެހޭ މީހުންގެ އަދަދު އިތުރުވެދާނެކަމުގެ ބިރުއަދިވެސް އޮތްކަން އެ ފަރާތްތަކުން ފާހަަގަކުރެއެވެ. މިއާއެކު މި ފިޔަވަޅުތައް އަހަރެއްހާ ދުވަހަށްވެސް ދިގު ދަންމަންޖެހިދާނެކަމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.