މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެމީހުންގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތުއޮތް 3 މީހަކާ ސީދާ ދިމާވެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ މަޢުލޫމާތު އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.
ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙަންމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެމީހުންގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތުއޮތް 3 މީހުން ދެނެގަނެވިފައިވާކަމަށެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ މީހަކީ މާލެއިން މިމަހުގެ 15ދުވަހު ޕޮޒިޓިވްވެފައިވާ ޢުމުރުން 35 އަހަރުގެ އަންހެނެކެވެ.
އެމީހާގެ ކޭސް ނަންބަރަކީ 21އެވެ. އޭނާގެ ފަރާތުން ބަލި ޖެހިފައިވަނީ އޭނަގެ 2 އަހަރުގެ ދަރިފުޅާއި، އޭނާއާ ސީދާ ދިމާވި 42 އަހަރުގެ އަންހެނަކަށެވެ. މިމީހާގެ ކޭސް ނަންބަރަކީ 23އެވެ.
މިއަންހެން މީހާގެ ފިރިމީހާކަމަށްވާ ޢުމުރުން 46 އަހަރުގެ ފިރިހެން މީހާވެސްވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މިމީހާގެ ކޭސް ނަންބަރަކީ 24އެވެ. އަދި މިދެމަފިރިންގެ 15 އަހަރުގެ އަންހެން ކުއްޖާވެސް ޕޮޒިޓިވް ވެފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. މިކުއްޖާގެ ކޭސް ނަންބަރަކީ 25އެވެ. މި ކޭސްތަކާ ގުޅިގެން ޕޮޒިޓިވްވި މީހުންނާ ސީދާ ދިމަވި 37 އަހަރުގެ އަންހެނެއްވެސް ވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. މިމީހާގެ ކޭސް ނަންބަރަކީ 26އެވެ. ކޯވިޑް-19 ޖެހި ފެތުރުމަށް މަގުފަހިވި މީހާގެ ފަރާތުން ބަލި ޖެހިފައިވަނީ 3 އަންހެނަކާއި ފިރިހެނެއް އަދި ކުޑަ ދެ ކުދިންނެވެ.
މާލޭގައި ކޯވިޑް-19 ފެތުރުނު 2ވަނަ މީހެއްކަމަށް ފާހަގަކުރެވިފައިވާ މީހަކީ ފުތަރަމަ މިބައްޔަށް ޕޮޒިޓިވްވި މީހުންނާ އެއްވެސް ގުޅުމެއް ނެތް މީހުންކަމަށް މަބުރޫކް ވިދާޅުވިއެވެ. މިމީހާ ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 17ވަނަ ދުވަހުއެވެ. 37 އަހަރުގެ މި އަންހެން މީހާ ފުލޫކްލިކަށް ދައްކަން ގޮސް ހެދި ޓެސްޓްތަކުން ވަނީ ޕޮޒިޓިވް ވެފައެވެ. މިމީހާއަކީ ކޭސް ނަންބަރު 27އެވެ. މިމީހާއާ ސީދާ ދިމާވި މީހުންގެތެރޭގައި 33 އަހަރުގެ އަންހެނެއްވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މިމީހާގެ ކޭސް ނަންބަރަކީ 30އެވެ. މީގެ އިތުރުން ކޭސް ނަމްބަރު 27އާ ސީދާ ދިމާވި 37 އަހަރުގެ ފިރިހެނަކަށާއި، 24 އަހަރުގެ އަންހެނަކުވެސްވަނީ ޕޮޒިޓިވްވެފައެވެ. މިމީހާގެ ކޭސް ނަންބަރަކީ 34އެވެ. މިކޭސްތަކުގެ ތެރެއިން 33 އަހަރުގެ އަންހެން މީހާގެ ފިރިމީހާވެސް ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިމީހާގެ ކޭސް ނަންބަރަކީ 32އެވެ.
ތިންވަނައަށް މިބަލި ފެތުރުމަށް މެދުވެރިވި މީހެއްކަމަށް ފާހަގަވެފައިވަނީ މިމަހުގެ 17ވަނަ ދުވަހު ޕޮޒިޓިވްވި 47 އަހަރުގެ ފިރިހެންމީހާއެވެ. މިމީހާގެ 37އަހަރުގެ އަންހެނުންވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި މިދެފިރިންގެ 8 އަހަރުގެ ދަރިފުޅުވެސް ވަނީ ޕޮޒިޓިވް ވެފައެވެ.
މަބްރޫކް ވިދާޅުވީ ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކީ މާބަޑު އަންހެނެއްކަމަށާ، މިމީހާގެ ޙާލު ގާތުން ބެލަމުންދާކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. މާލެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޢުމުރުފުރައަށް ބަލާއިރު ހިމެނެނީ 30 އަހަރާއި 40 އަހަރުގެ މީހުންނެވެ. ނަމަވެސް ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓްވި މީހުންގެ ތެރޭގައި ޢުމުރުން ދުވަސްވީ މީހުންވެސް ހިނޭކަމަށާ އެއެންމެންގެވެސް ސާމްޕަލްނެގި ޓެސްޓް ކުރެވެމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ.