މާލެއަށް ދަތުރުކޮށްފައިވާ މީހުންނާއި، ފުރަބަންދުގެ މުއްދަތުގެ ތެރޭގައި އެކި ކަހަލަ ޑެލިވަރީގެ ޚިދުމަތްތައްދޭ ފަރާތްތަކުންވެސް އަމިއްލަ ރައްކާތެރިކަމަށްޓަކާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، ޝައްކުވާ އެއްވެސް ކަމެއް ފެންނަނަމަ އެކަން ރިޕޯޓްކޮށްދެއްވުމަށް ހެލްތް މިނިސްޓަރ ޢަބްދު ﷲ އަމީން ގޮވާލައްވަައިފިއެވެ.
ޕީ.އެސް.އެމް ނިއުސްގެ ކޯވިޑް19 ކަވަރޭޖުގައި ފޯން މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ، މާލެ ކޮމިއުނިޓީ ސްޕްރެޑްގެ ހާލަތަށް ގޮސްފައިވާއިރު، އިތުރު މީހުންގެ ކިބައިން ބަލި ފެނުން އެކަށީގެންވާ ކަމަށާއި، އަދި ކަމާބެހޭ ފަރާތްތަކުންވެސް މަސައްކަތް ކުރަމުންދަނީ އެ ވިސްނުމުގައިކަމަށެވެ. ގޭގައި ތިބުމަަަށް ދެމުންދިޔަ އިރުޝާދުތައް ގިނަ ބަޔަކު ޤަބޫލުކުރިކަމަށާއި، ނަމަވެސް ފުރަބަންދުގެ މުއްދަތުގައި އަޅާފައިވާ ފިޔަވަޅުތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަންދީގެން ނޫނީ މި ހާލަތުން އަރައިނުގަނެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އަމީން ވިދާޅުވީ ޢިމާރާތްތަކުގެ ވަކި ވަކި އެޕާޓްމަންޓްތަކުގައި ދިރިއުޅޭ މީހުންވެސް ޖެހިގެން ހުރި އެޕާޓްމަންޓަށް ޒިޔާރަތްކޮށް ހެދުން މިވަގުތު ރައްކާތެރި ނޫން ކަމަށެވެ.
"ތިމާ ދިރިއުޅޭ ޢިމާރާތުން ބަލިޖެހިފައިވާ މީހަކު ފެނިއްޖެއްޔާވެސް އަމިއްލައަށް ގޭގައި އެކަހެރިވެ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހޭ. އެކި ކަހަލަ ޢަލާމަތްތައް ފެނިގެން ނުވަތަ ޝައްކުކުރެވިގެން ކަރަންޓީން ފެސިލިޓީތަކަަށް ނުވަތަ އައިސޮލޭަޝަން ފެސިލިޓީތަކަަށް މީހުން ގެންދިއުމުގައިވެސް އެއްބާރުލުންދޭންޖެހޭ" މިނިސްޓަރ އަމީން ވިދާޅުވިއެވެ.
މިނިސްޓަރ އަމީން ވިދާޅުވީ، މާލޭ ސަރަޙައްދުގައި ގެއިން ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާ މި ދަނޑިވަޅުގައި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ހޯދުމުގައި ޑެލިވަރީގެ ޚިދުމަތަށް ބަރޯސާވާންޖެހޭއިރު، އެފަދަ ޙިދުމަތްތައްދޭ ފަރާތްތަކުންވެސް ޢާއްމު ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއްދޭންޖެހޭކަމަށެވެ. އަދި އެފަރާތްތަކުންވެސް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަައިގެން ޚިދުމަތްދިނުމަށް މިނިސްޓަރ ގޮވާލެއްވެވިއެވެ.
"ޚާއްސަ ހުއްދަތަކާއެކު މި ހުޅުވާލެވޭ ހުޅުވާލުންތަކުގައި، ވަކިން ޚާއްސަކޮށް ޑެލިވަރީގެ ޚިދުމަތްދޭ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުން މުހިއްމު. ބާޒާރުކުރަން ތަކެތި ގަންނަންދާ މީހާވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިއްމު. މި ކަންކަމަކީ ހާސްކަމުގެ ތެރެއިން އެއްވެސް މީހަކު ދޫކޮަަަށްލައިގެންވާނެ ކަމެއް ނޫން" މިނިސްޓަރ އަމީން ވިދާޅުވިއެވެ.
މިނިސްޓަރ އަމީން ވިދާޅުވީ، މާލޭގައި ކޮމިއުނިޓީ ސްޕްރެޑް ފެށެން މެދުވެރިވި ސަބަބު ނުވަތަ ޕޭޝަންޓް ޒީރޯ ހޯދުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުންދާއިރު، ފަހުގެ ތާރީޚެއްގައި މާލެއަށް ދަތުރުކުރުމަށްފަހު އެނބުރި ރަށަށް ދިޔަ މީހުންނާއި، މާލެއިން ރަށްރަށަށް ގޮސްފައިވާ މީހުންވެސް މިދަނޑިވަޅުގަައި ސަމާލުވުން މުހިއްމުކަމަށެވެ.
އަދި އެއިން އެއްވެސް މީހެއްގެ ކިބައިން ކޯވިޑް19 ގެ އަލާމާތެއް ނުވަތަ ހުމާއި ރޯގާގެ އަލާމާތެއް ފެނުން ކަމުގައިވިޔަސް އެކަން ސިއްރުނުކޮށް، ކަމާބެހޭ ފަރާތްތަކަަށް އެ މަޢުލޫމާތުހިއްސާކޮށް ދެއްވުމަށްވެސް ހެލްތު މިނިސްޓަރ އަބުދުﷲ އަމީން ވަނީ އެދިވަޑައިގެންފައެވެ.
މާލެއިން ކޯވިޑް-19އަށް ފުރަތަމަ މީހަކު ޕޮޒިޓިވްވެފައި ވަނީ ބުދަ ދުވަހުގައެވެ.