ކޮވިޑް-19ގެ ހާލަތާއި ގުޅިގެން އޮޕެކް ފަންޑުން ރާއްޖެއަށް 20 މިލިއަން ޑޮލަރުގެ އެމަޖަންސީ ލޯނެއް ދޭން ނިންމައިފިއެވެ.
އޮޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް، އޮފިޑުގެ ދަށުން ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ކޮވިޑް-19ގެ ސަބަބުން ދިމާވާ އިޤްތިސާދީ އަދި އިޖްތިމާއީ މައްސަލަތަކުގައި އެހީވުމަށް ލޯނުގެ ގޮތުގައި 390 މިލިއަން ޑޮލަރު ދިނުމަށް ވަނީ ނިންމާފައެވެ.
އެގޮތުން ރާއްޖެއަށްދޭ 20 މިލިއަން ޑޮލަރުގެ ލޯނު އެހީއަކީ ދިވެހި ސަރުކާރުގެ އިޤްތިޞާދީ ރިކަވަރީ ޕްލޭނަށް އެހީވުމަށް ދޭން ނިންމާފައިވާ ލޯނެއް ކަމަށް އޮފިޑުން ބުނެއެވެ. މިފަންޑުގެ ދަށުން ރާއްޖޭގެ އިތުރުން މިސްރާއި މާލީއާއި ނިކަރާގުއާ އަދި ޓެންޒޭނިއާއަށް އެމަޖަންސީ ލޯން ދިނުމަށްވެސް އެ ފަނޑުން ވަނީ ނިންމާފައެވެ. މިއީ ޕަބްލިކް ސެކްޓަރއަށް ހަރަދުކުރުމަށް ދޭ ލޯނެކެވެ.
އޮޕެކް ފަންޑުގެ ޑިރެކްޓަރ ޖެނެރަލް ޑރ ޢަބްދުހާމިދު އަލް-ޚަލީފާ ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ކުރިމަތިވާ ދަތިތައް ކުޑަކޮށް، މިކަންކަމުން އަރައިގަތުމަށް އެހީވުމަށް އޮޕެކްއިން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ތަރައްޤީވަމުންދާ ޤައުމުތަކަށް ދިމާވާ ދަތިތަކުގައި އެހީވުމަށް އޮޕެކުން އަބަދުވެސް ފަސްނުޖެހި ތައްޔާރަށް އޮތްކަމަށް އޭނާ ވިދާޅުވިއެވެ.
އޮޕެކްގެ އޮފިޑް ފަންޑަކީ 1976 ވަނަ އަހަރު ތަރައްޤީ ވަމުންދާ ޤައުމުތަކަށް ދިމާވާ އެކިއެކި ކަންކަމުގައި އެހީވުމަށް ޤާއިމްކޮށްފައިވާ ފަންޑެކެވެ. ރާއްޖެއަށް އޮޕެކުން ދީފައިވާ މި ފަންޑުގެ އިތުރު ތަފްސީލް އަދި ހާމަކޮށްފައެވެ ނުވެއެވެ.
ކޮވިޑް-19ގެ ސަބަބުން ޤައުމުތަކުގެ އެކި ދާއިރާތަކަށް ކުރާ ގެއްލުމުން އަރައިގަތުމަށް އެހީވުމަށް މިލޯނުތަކުގެ އިތުރުންވެސް އޮފިޑުން ދަނީ އެކި ލޯނު ޕްރޮގްރާމް ކުރިޔަށް ގެންދަމުންނެވެ. އެގޮތުން އޮފިޑުން ދަނީ ޕްރައިވެޓް ތަރައްޤީވަމުންދާ ޤައުމުތަކުގެ ޕްރައިވެޓް ސެކްޓަރއަށް އެހީވުމަށް 141.5 މިލިއަން ޑޮލަރުގެ ލޯނު އެހީއާއި ޓްރޭޑް ފައިނޭންސިންނަށް ހާޢްސަކޮށް 120 މިލިއަން ޑޮލަރުގެ އެހީވެސް ދިނުމަށް ތައްޔާރުވަމުންނެވެ.
ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ރާއްޖެއަށް އިޤްތިސާދީ އަދި އިޖްތިމާޢި ގޮތުން ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ ގިނަ ޖަމްޢިއްޔާ ޖަމާއަތްތަކުން ދަނީ އެހީވަމުންނެވެ. އެގޮތުން މިހާތަނަށް ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓު ބޭންކާއި ޔޫރަޕިއަން ޔޫނިއަންއިން ވެސް ވަނީ ރާއްޖެއަށް އެހީދޭން ނިންމާފައެވެ.